މަދޫރޯއާއި އަނބިކަނބަލުން ތިއްބެވި ތަނެއް ނޭނގޭ ކަމަށް ވެނެޒުއޭލާއިން ބުނެފި
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް ތިއްބެވި ތަނެއް ވެނެޒުއެލާ ސަރުކާރަށް ނޭނގޭ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވެއްޖެއެވެ. ރޮޑްރިގޭޒް އެގޮތަށް ވިދާޅުވެފައި ވަނީ އެމެރިކާއިން ހަމަލާތަކެއް ދީ މަދޫރޯއާއި އަނބިކަނބަލުން 'ކިޑްނެޕް' ކޮށްގެން ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ. ދައުލަތުގެ ޓީވީން ގެނެސްދިން އޯޑިއޯ މެސެޖެއްގައި ރޮޑްރިގޭޒް ވިދާޅުވީ މަދޫރޯއާއި ފްލޮރެސް ދިރިތިބިކަމުގެ ހެކި ހޯދުމަށް ސަރުކާރުން ޑިމާންޑް ކުރަމުންދާ ކަމަށެވެ. ވެނެޒުއެލާ ސަރުކާރުން ވަނީ އެމެރިކާއިން އެ ގައުމުގެ އަސްކަރީ އަދި މަދަނީ ސަރަހައްދުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ސަރުކާރުން ވަނީ އެ ސިލްސިލާ ހަމަލާތަކާ ގުޅިގެން ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެމެރިކާއިން ހަމަލާ ދީފައި ވަނީ ވެނެޒުއޭލާއަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހުއެވެ. އިންޒާރުދީފައި ވަނީ ވެނެޒުއޭލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގޭންގު މެންބަރުން އެމެރިކާއަށް ފޮނުވާ ކަމަށް ތުހުމަތު ކުރައްވައެވެ. އަދި އެކަމުގައި މަދޫރޯ ޝާމިލުވާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައެވެ. ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ކަނޑުމަގުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށައިފައެވެ. ވެނެޒުއޭލާއަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ހިފަހައްޓައި ވަނީ ގައުމުން ބޭރަށް ގެންގޮސްފައި -- ފޮޓޯ/ އޭއެފްޕީ މަދޫރޯއަކީ ދުނިޔޭގައި އެންމެ ބޮޑަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެކަކު ކަމަށް ތުހުމަތުކޮށް، މަދޫރޯ ހައްޔަރު ކުރުމަށް މަގުފަހިވާ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 50 މިލިއަން ޑޮލަރު ދޭނެ ކަމަށް މިދިޔަ އޮގަސްޓު މަހު އެމެރިކާއިން ވަނީ އިއުލާނުކޮށްފައެވެ. އެމެރިކާގެ އެޓާނީ ޖެނެރަލް ޕޭމް ބޮންޑީ ވިދާޅުވި ގޮތުގައި މަދޫރޯއާއި އަނބިކަނބަލުން ފްލޮރެސްގެ މައްޗަށް އެމެރިކާއިން ގިނަ ދައުވާތަކެއް ކުރުމަށް ވަނީ ނިންމައިފައެވެ. އޭގެތެރޭގައި ޓެރަރިޒަމް ދައުވާއާއި ކޮކެއިން އެތެރެކުރުމުގެ ރޭވުމުގެ ދައުވާއާއި، އެމެރިކާއާ ދެކޮޅަށް މެޝިންގަން އަދި ފަނާކުރަނިވި އާލާތްތައް ގެންގުޅެން ރޭވުމުގެ ދައުވާ ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަލާތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލާސް ވިދާޅުވި ގޮތުގައި އެ ބްލޮކުން އަންނަނީ ވެނެޒުއެލާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ވެނެޒުއޭލާއަށް ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕް ރާއްޖެ ގަޑިން މިރޭ 21:00 ގައި ފްލޮރިޑާގައި ހުންނަ ޓްރަމްޕްގެ ޕާމް ބީޗްގައި ބާއްވަވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު ވެނެޒުއޭލާގެ ވެރިކަމާ ހަވާލުވެވަޑައިގެން މަދޫރޯއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެން ނަމަވެސް އެ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް ބައިނަލްއަގުވާމީ މުޖުމަތައުން އެ އިންތިޚާބު ބަލައިގެންފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ