ނަޒާހަތްތެރިކަމާއެކު ލާ ވޯޓަކުން އެތައް ޖީލަކަށް އޭގެ ރަނގަޅު އަސަރު ކުރާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝަމީލް ވަނީ މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަލުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުލުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ޝާމިލް ވިދާޅުވީ ނަޒާހަތްތެރި އިންތިޚާބަކަށްޓަކައި އެންމެ މުހިއްމު އެއް ކަމަކީ އިންތިޚާބާ ގުޅުން ހުރި ހުރިހާ ކަންތައްތަކާއި ވޯޓުލުމާ ގުޅުން ހުރި ހުރިހާ ކަމެއް ނަޒާހަތްތެރި ކަމާއެކު ކުރިއަށްދިޔުންކަމަށެވެ. ވޯޓުލުމުގައާއި ވޯޓުލުމުގެ ހުރިހާ ކަމެއްގައި ނަޒާހަތްތެރިކަން އިސްކޮށް ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް ޝާމިލް އިލްތިމާސްކުރެއްވިއެވެ.
ޝާމިލް ވިދާޅުވީ ނަޒާހަތްތެރިކަމާއެކު ލާ ވޯޓަކުން އެތައް ޖީލަކަށް އޭގެ ރަނގަޅު އަސަރު ކުރާކަމަށާއި ނަޒާހަތްތެރިކަމާއެކު ނިންމޭ ނިންމުންތަކުގެ އަސަރު ވަގުތުން ވަގުތުން ނުފެށުނުނަމަވެސް އެތައް ޒަމާނަކަށް އެތައް ޖީލަކަށް ދިގު ދެމިގެންދާކަމަށެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ވޯޓުލުމުގައާއި ވޯޓުލުމުގެ ކަންކަން އިންތިޒާމްކުރުމާއި އަދި އެއާ ގުޅުން ހުރި ، ވަށައިގެންވާ ހުރިހާ ކަމެއްގައި ނަޒާހަތްތެރިކަން އިސްކޮށް ޤައުމީ ވާޖިބު އަދާކުރުން."އެންޓި-ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.
އޭސީސީން ހާމަކުރައްވާފައިވާ ގޮތުގައި އިންތިޚާބާ ގުޅިގެން ހިނގާ ރިޝްވަތުގެ ޢަމަލުތަކާއި ދަޢުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކުުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތާކާއި މީޑިއާ ވަޞީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން ކޮމިޝަންގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަަލަތައް، ކޮމިޝަނުން ތަޙްޤީގުކުރަމުންދާކަމަށެވެ.
އަދި ކޮމިޝަނުން ތަޙްޤީގުކުރާ މައްސަލަތަކަކީ ޖީނާޢީ މައްސަލަތަކެއްކަމުން އެ މައްސަލަތައް ތަޙްޤީގުކުރުމުގައި ކޮމިޝަނުން ތަބާވާނީ ދިވެހިރާއްޖޭގެ ޖިނާޢީ ޢަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށްކަމަށެވެ. އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ކެމްޕޭން ކުރުމުގައި ދަޢުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ މުހިއްމުކަމެއްކަމަށް އޭސީސީން ފާހަގަކުރައްވައެވެ.
އޭސީސީން ވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށާއި ވޯޓު ދިނުމުގެ ޤާނޫނީ ޙައްޤު ހެޔޮގޮތުގައި ބޭނުންކޮށް ވޯޓު ދިނުމުގެ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކުން ހަށަހަޅާ ރިޝްވަތުގައި ނުހިފާ، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު އެ ޙައްޤު ބޭނުން ފުުރިހަމައަށް ހިފުމަށް އިލްތިމާސްކުރައްވާފައެވެ.
ނަޒާހަތްތެރިކަމާއެކު ލާ ވޯޓަކުން އެތައް ޖީލަކަށް އޭގެ ރަނގަޅު އަސަރު ކުރާނެ: އޭސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ