ސުކޫކު ދައްކާ ނިމިއްޖެ؛ ދެން އޮތީ ރިޒާވް ވަރުގަދަކުރުން: އެމްއެމްއޭ

ސަރުކާރުން ބައިނަލްއަގްވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ނިމުމާ އެކު ދެން އޮތީ ދައުލަތުގެ ރިޒާވް އިތުރަށް ވަރުގަދަކުރުން ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 8 ވަނަ ދުވަސް ނުވަތަ އަންނަ ބުދަ ދުވަހު މުއްދަތު ހަމަވާ ބައިނަލްއަގުވާމީ މާލީ ބާޒާރަށް ވިއްކާފައިވާ ރާއްޖޭގެ 500 މިލިއަން ޑޮލަރުގެ ސްކޫކަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދައްކައި ހަލާސްކޮށްފަ އެވެ.
އެ ފައިސާ ދެއްކީ ދައުލަތުގެ ރަސްމީ ރިޒާވުގައި ހުރި ފައިސާ އާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ބޭނުންކޮށްގެންނެވެ.
ތަފްސީލު - އެކަމާ ގުޅިގެން އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށާއި ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރަން ހަރުދަނާ ސިޔާސަތުތަކެއް އެ އޮތޯރިޓީން ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ 2024ގައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަންފީޒުކުރުމެވެ. އެ އިސްލާހު ތަންފީޒުކުރުމުގެ ނަތީޖާއަކީ، އެމްއެމްއޭއިން ބުނި ގޮތުގައި، ބޭރު ފައިސާގެ ނިޒާމު ކުރިއަށް ވުރެ ހަރުދަނާވެ، ދައުލަތުން އަދާކުރަންޖެހޭ ދަރަނިތައް ދެއްކުމުގައި މުހިންމު ކުރިއެރުންތަކެއް ލިބުމެވެ.
"ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމާއި އަދި މިކަމާ ގުޅޭ އެހެނިހެން އިސްތިރާޖީ ރީފޯމްސް ތަންފީޒު ކުރެވިފައިވަނީ ދިވެހި ސަރުކާރާއި ދައުލަތުގެ އެންމެހާ އިދާރާތަކާއި މި އޮތޯރިޓީން ގުޅިގެން ކުރެވުނު މުހިންމު މަސައްކަތްތަކުންނެވެ،" މަރުކަޒީ ބޭންކުގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ މާލީ އަދި މަނިޓަރީ ހަމަޖެހުން ދެމެހެއްޓުމަށާއި ރާއްޖޭޭގެ ބޭރު ފައިސާގެ ބާޒާރުގައި ފައިސާ ދައުރުވާ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަކީ އެ އޮތޯރިޓީން އަބަދު ވެސް އިސްކަންދޭ ކަމެއް ކަމަށެވެ.
"މުސްތަގްބަލުގައި ވެސް މި އޮތޯރިޓީ ދެމި އޮންނާނީ ސަރުކާރާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ އެއްބާރުލުމާ އެކު، ދައުލަތުގެ ރިޒާވް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެކުލަވާލަންޖެހޭ އެންމެހާ ސިޔާސަތުތައް ރާވައި ތަންފީޒުކުރުމުގަ އެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ