ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ވޯޓުލައްވައިފި

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވޯޓުލައްވައިފިއެވެ. މިއަދު ކުރިއަށްދާ މި އިންތިޚާބުތަކުގައި ރައީސުލްޖުމްހޫރިއްޔާ ވޯޓުލެއްވީ ތާޖުއްދީން ސުކޫލުގައި ގާއިމުކޮށްފައިވާ މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވެސް ވަނީ ވޯޓު ލައްވާފައެވެ. އެކަމަނާ ވޯޓުލެއްވީ އަމީނިއްޔާ ސްކޫލުގައި ގާއިމުކޮށްފައިވާ މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ. އެމަނިކުފާނު ވޯޓުލެއްވީ ހެންވޭރު ދަނޑުގައި ގާއިމުކޮށްފައިވާ ގދ. ފަރެސްމާތޮޑާ ދާއިރާގެ ވޯޓުލާ މަރުކަޒަށް ވަޑައިގެންނެވެ.
މި އިންތިޚާބުގައި ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00ގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ