އީސީން ނިންމީ ކުއްލި ނިންމުމެއް، ވޯޓުގެ ސިއްރުކަމާމެދު ކަންބޮޑުވޭ: ޓްރާންސްޕޭރެންސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ރިފަރެންޑަމްގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ވޯޓްގެ ސިއްރުކަން ގެއްލި ދާނެތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އަންނަނީ ގާތުން އޮބްޒާވްކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދާއި ރާއްޖޭގެ 15 އަތޮޅެއްގައި އެ ޖަމްޢިއްޔާގެ 31 އޮބްޒާވަރުންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ. ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވޯޓުލުން ފެށުމުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އޮމާންކޮށް ކަމަށާއި، އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް ވެސް ފުރިހަމައަށް ނިމިފައިވާ ކަމަށެވެ. https://www.sun.mv/220116 ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ގިނަ މަރުކަޒުތަކެއްގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ބައެއް ކަންބޮޑުވުންތައް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ޓްރާންސްޕޭރެންސީން ބުނި ގޮތުގައި އޮބްޒާވްކުރި 26 މަރުކަޒުގެ ތެރެއިން 23 މަރުކަޒެއްގައި ވޯޓުގެ ސިއްރުކަން ކަށަވަރުވާގޮތަށް އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. ނަމަވެސް، ޖާގައިގެ ދަތިކަމާހުރެ ނުވަތަ މަރުކަޒު އަތުރާލެވިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ބެލެވޭ މަރުކަޒުތައް އެ ޖަމްޢިއްޔާއިން އަންނަނީ ވަރަށް ގާތުން މޮނިޓާކުރަމުން ކަމަށް ބުންޏެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޓްރާންސްޕޭރެންސީން ފާހަގަކުރީ، ރޭ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވޯޓުލުމުގެ އިޖުރާއަތްތަކަށް ގެނައި ކުއްލި ބަދަލެވެ. މި ބަދަލަކީ ދޫކުރާ ތިން ވޯޓުކަރުދާހުގެ ތެރެއިން ކަރުދާހެއް ދޫކޮށްލަން ވޯޓުލާ މީހާ ބޭނުންވާނަމަ އަމަލުކުރާނެ ގޮތާ ގުޅޭ ގޮތުން ގެނައި ބަދަލެކެވެ. އީސީން ނިންމާފައި ވަނީ، ވޯޓު ކަރުދާހެއް ދޫކޮށްލަން ބޭނުންވާނަމަ އެކަން ރެކޯޑުކޮށް އަދި އިއުލާނުކުރާ ގޮތަށެވެ. ޓްރާންސްޕޭރެންސީން ބުނީ މިއީ ކުރިން އަންގާފައިވާ ނިންމުމެއް ނޫން ކަމަށާއި، އޮފިޝަލުންނަށް ދިން ތަމްރީނުތަކުގައި ވެސް މިކަން ހިމަނާފައިނުވާ ކަމަށެވެ. އެހެންކަމުން، މި ކުއްލި ބަދަލުގެ ސަބަބުން ވޯޓުލާ މަރުކަޒުތަކުގައި އިދާރީ އޮޅުންތަކެއް އުފެދި، އެކި މަރުކަޒުތަކުގައި އެކި ގޮތަށް އަމަލުކުރުމުގެ ފުރުސަތު ބޮޑުކަމަށް އެ ޖަމިއްޔާއިން ދެކެއެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި، މިކަމުގެ ސަބަބުން ވޯޓުލާ މީހާގެ ވޯޓުގެ ސިއްރުކަމަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމުގެ ބިރު އޮތްކަން ވަނީ ފާހަގަކޮށްފައެވެ. https://www.sun.mv/220123 މި ކަންބޮޑުވުންތަކާއެކު، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ ހުރިހާ ފަރާތްތަކަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެ ޖަމިއްޔާއިން އެދެނީ ވޯޓުލާންދާ ކޮންމެ މީހަކުވެސް ތިން ވޯޓު ކަރުދާސް ހޯދުމަށް އެދުމަށާއި، ވޯޓުލާނެ ގޮތެއް ނިންމާނީ ވޯޓުލާ ކިއުބިކަލްގެ އެތެރޭގައި ކަމަށް ހެދުމަށެވެ. ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށްޓަކައި، ވޯޓުލާން ބޭނުންވާ ގޮތް އޮފިޝަލުންނަށް ނުވަތަ އޮބްޒާވަރުންނަށް އަންގަން ނުޖެހޭނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އިންތިޚާބުގެ މާހައުލު ސުލްހަވެރިކޮށް ބޭއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ހައްޤު އަދާކުރުމަށް ވަނީ ބާރުއަޅާފައެވެ. އީސީގެ ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި ގާނޫނީ ވަކީލުން ވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ