ތިން ގަޑިއިރުތެރޭ ރަޝިޔާއިން 148 ޑްރޯން ޙަމަލާ ދިފާޢުކޮށްފި

ޔޫކްރެއިންގެ އަސްކަރިއްޔާއިން އެންމެ ތިން ގަޑިއިރެއްހާ އިރުގެ ތެރޭގައި 148 ޑްރޯން ބޭނުންކޮށްގެން ދިން ވަރުގަދަ ޙަމަލާތަކެއް ދިފާޢުކޮށްފައިވާކަން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ. ނަމަވެސް، ޙަމަލާތަކުގައި ގެއްލުންތަކެއް ލިބި، ބައެއް ސަރަޙައްދުތަކުން ވަނީ އަސާސީ ޚިދުމަތްތައް މެދުކެނޑިފައެވެ. ޔޫކްރެއިންގެ ޙަމަލާތަކާ ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ޚިދުމަތް އިޢާދަކުރުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، ބައި މިލިޔަނެއްހާ ގޭބިސީން އެ ޚިދުމަތް މެދުކެނޑިފައިވާ ކަމުގައި ރަޝިޔާގެ އިދާރާތަކުން ބުންޏެވެ.
ޔޫކްރެއިނުން އެއް ވަގުތެއްގައި ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފައި ވަނީ އޭޕްރިލް 5 ވަނަ ދުވަހު ރޭގަނޑު 8 އާއި 11 އާ ދެމެދުގެ ވަގުތެއްގައެވެ. މި ޙަމަލާތަކުގެ ބޮޑުބައި އަމާޒުކޮށްފައިވަނީ ރަޝިޔާގެ މެދުތެރޭ އަދި ދެކުނުގެ ސަރަޙައްދުތަކަށެވެ. މީގެ ތެރެއިން، ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަޝިޔާގެ ބިޔެލްގޮރޮދަށް ދިން ޙަމަލާއެއްގައި މަދަނީ ދިފާޢީ ދާއިރާގެ ޚިދުމަތްތެރިއަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، ކަޅު ކަނޑުގެ އައްސޭރިފަށުގައި އޮންނަ ނޮވަރަސީސްކް ބަނދަރުގެ އުސް އިމާރާތަކަށް ޑްރޯނެއްގެ ބައިތަކެއް ވެއްޓި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި އެ ސިޓީގެ މޭޔަރު އަންދްރޭ ކްރާފްޗިންކާ ވިދާޅުވިއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
2014 ވަނަ އަހަރު ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކްރައިމިޔާގެ ސިވަސްތޯޕޮލްއަށް ވެސް އާދީއްތަ ދުވަހުގެ އެކި ވަގުތުތަކުގައި ހަތަރު ފަހަރެއްގެ މަތިން ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވެއެވެ. އެ ސަރަޙައްދުގެ ގަވަރުނަރު ވިދާޅުވީ، ޔޫކްރެއިނުން ފޮނުވައިލި ހަތް ޑްރޯނެއް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައެވެ.
ޔޫކްރެއިނުގެ އިރުމަތީގައި ރަޝިޔާގެ ކޮންޓްރޯލް އޮންނަ ދޮންޏެންސްކްގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދިން ޙަމަލާތަކާ ގުޅިގެން، ދޮންޏެސްކް އަދި މަކިޔިވްކާ ސިޓީ ހިމެނޭހެން ގިނަ ސަރަޙައްދުތަކަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފައެވެ. އެ ސަރަޙައްދުގައި ހުންނަވާ ރަޝިޔާ ސަރުކާރުގެ އިދާރީ ވެރިޔާ އަންދްރޭ ޗެރްތުކޮފް ވިދާޅުވީ، ޙަމަލާތަކުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު 480,000 އެއްހާ ގޭބިސީގެ ތެރެއިން ބޮޑު ބަޔަކަށް މިހާރު ޚިދުމަތް ގުޅައިދީފައިވާ ކަމުގައެވެ. މީގެ އިތުރުން، ރަޝިޔާގެ ބާރުގެ ދަށުގައިވާ ޒަޕޮރީޜިޔާ ސަރަޙައްދުގައި ވެސް ކަރަންޓު ކެނޑިފައިވާ ރަށްތަކަށް ޚިދުމަތް ދިނުމުގެ މަސައްކަތް އޮފިޝަލުން ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ