ކުޅިވަރަކީ ހުރަސްތައް ނައްތާލައި، ޤައުމީ ވަންތަކަމުގެ ބިންގާ ވަރުގަދަކޮށްދޭ ބާރެއް - ރައީސް

ބައިނަލްއަޤުވާމީ ތަރައްޤީއާއި ސުލްހައިގެ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި، ވަރުގަދަ، ދުޅަހެޔޮ އަދި އެއްބައިވަންތަ ޤައުމެއް ބިނާކުރުމުގައި ކުޅިވަރުގެ މުހިންމު ދައުރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސިފަކުރެއްވި ގޮތުގައި، ކުޅިވަރަކީ ހުރަސްތައް ނައްތާލައި، ޤައުމީ ވަންތަކަމުގެ ބިންގާ ވަރުގަދަކޮށްދޭ ބާރެކެވެ. ވާދަވެރިކަމުގެ އިތުރުން، ޒުވާނުންގެ މެދުގައި އަޚުލާޤާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމާއި، އިޙްތިރާމް ކުރުން ފަދަ ސިފަތައް އަށަގެންނެވުމުގައި ކުޅިވަރު މުހިންމު ދައުރެއް އަދާކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއީ އަމިއްލަ ކުރިއެރުމަށާއި ޤައުމު ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ސިފަތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރަކީ ހަމައެކަނި ޖިސްމާނީ ތަރައްޤީއަށް އޮތް ވަސީލަތެއް ނޫން ކަމަށާއި، އެއީ ޒުވާނުން ބާރުވެރިކުރުވުމަށާއި އިޖުތިމާޢީ ބަދަހިކަން އިތުރުކުރުމަށް އޮތް ބާރުގަދަ ހަތިޔާރެއްކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ޒުވާނުން ދުޅަހެޔޮ ދިރިއުޅުމަކަށާއި އަމާޒެއް އޮތް މުސްތަޤުބަލަކަށް މަގުދައްކައިދޭ ކަމަށެވެ.
ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދެމުންދާ އެއްބާރުލުން ކުރިއަށް އޮތް ތަނުގައިވެސް ދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. ކުޅިވަރުގެ ދާއިރާއަށް ކުރެވޭ އިންވެސްޓްމަންޓަކީ އިޤްތިޞާދީ ކުރިއެރުމާއި، ޒުވާނުންގެ ތަރައްޤީ އަދި މުޖުތަމަޢުތަކުގެ މެދުގައި އެއްބައިވަންތަކަން އާލާކުރުން ފަދަ ޤައުމީ ބޮޑެތި އަމާޒުތަކާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ކުޅިވަރުގެ ތެރޭގައި ހިމެނޭ މަތިވެރި އުޞޫލުތަކުގައި ހިފެހެއްޓުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ޤައުމީ ކުރިއެރުމާއި ދެމެހެއްޓެނިވި ސުލްހަ މަސަލަސްކަން ޤާއިމުކުރުމުގައި ކުޅިވަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ހިތްވަރު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ