މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފިއެވެ.
މިކަމާއި ގުޅިގެން މިއަދު މިފްކޯއިން ނެރުނު ބަޔާނުގައި ވިދާޅުވީ، މި ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މާރިޗު މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް އަގުބޮޑުކޮށް ކަމަށެވެ. އަދި މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު، ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18 ރުފިޔާ 50 ލާރިއަށް ކަމަށެވެ. މިއީ ކުރީގެ އަގުން އެންމެ ރުފިޔާއެއްގެ ބޮޑުވުމެކެވެ. ކުރިން މަސްދަޅު ވިއްކަމުން އައިސްފައިވަނީ، 17 ރުފިޔާ 50 ލާރި އަށެވެ. މި ބަދަލާއެކު، ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800ރ. އަށް ކަމަށް މިފްކޯއިން މައުލޫމާތުދެއްވައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ މަސައްކަތްތަކަށް ބޭނުންވާ ތެލުގެ ޚަރަދު ބޮޑުވެފައިވީ ނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުން ދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
މިފްކޯއިން ވިއްކާ މަސްދަޅުގެ އަގަށް ބަދަލު ގެނެސްފައިވާއިރު، މެދުއިރުމަތީގައި ކުރިޔަށްދާ އީރާން ހަނގުރާމައިގައި އެ ޤައުމުން ހުރުމުޒް ކަނޑައޮޅި ބަންދުކޮށްފައިވުމުން މުޅިދުނިޔޭގައި ވަނީ ތެލަށް އޮތް ޑިމާންޑް ވަރަށް ބޮޑުތަން އުފުލިފައެވެ. ނަމަވެސް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ހެޔޮ އަގުގައި މަސްވެރިންނަށާއި މިފްކޯގެ އުފެއްދުންތަކަށް ބޭނުންވާ ތެޔޮ، ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުން މަސްވެރިންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މިފްކޯއިން މަސްދަޅު ވިއްކާ އަގަށް ބަދަލު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ