ކަނޑުމަގުން ދެ ހާހެއްހާ ވޭޕް ކާޓްރިޖް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ހާހެއްހާ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސްއިން ބުނީ، ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި، މާލޭ ވިޔަފާރި ބަނދަރުން ކަމަށެވެ. އެގޮތުން 1،940 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށް، ކަސްޓަމްސް އިން ބުންޏެވެ. ނަމަވެސް ވޭޕް ކާޓްރިޖްތައް އަތުލި މައްސަލައިގައި ފުލުހުންނާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ކަސްޓަމްސްއިން ހާމަ ނުކުރެއެވެ. https://x.com/CustomsMv/status/2041075727219724484 ކަސްޓަމްސްއިން ދަނީ މި މައްސަލަ ބަލަމުންނެވެ. މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ވޭޕް އެތެރެކުރުން ވަނީ ނޮވެންބަރު 15، 2024ގައި މަނާކޮށްފައެވެ. އަދި ވޭޕް ގެންގުޅުމާއި ބޭނުންކުރުން، އޭގެ އެއް މަސް ދުވަސް ފަހުން ވަނީ މަނާކޮށްފައެވެ. އޭގެ ފަހުން، ވަގަށް ސިނގިރޭޓާއި ވޭޕް އެތެރެކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަވެފައިވެއެވެ. އެގޮތުން ވޭޕް މަނާކުރި ފަހުން ހިފެހެއްޓި އޭގެ އެންމެ ބޮޑު ޝިޕްމެންޓް ހިފެހެއްޓީ މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅެވެ. އެގޮތުން މާލޭގެ ދެ ގެއެއް ބަލައި ފާސްކޮށް 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފައިވެއެވެ. އެ މައްސަލައިގައި ދެ މީހަކު ޖޫރިމަނާކުރި ކަމަށް ބުނި ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ފުލުހުން ނުބުނެއެވެ. އަދި މިދިޔަ ފެބްރުވަރީ މަހުގެ މެދުތެރޭ، ރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު، 959 ނެނޯސްޓިކާއެކު މާލޭން ހައްޔަރުކޮށްފައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ