ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރެވޭ ކަމަށް ކަނޑައެޅުމަކީ ނުރައްކަލެއް: ޝަމްހީދު ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރެވޭ ކަމަށް ކަނޑައެޅުމަކީ ނުރައްކަލެއް: ޝަމްހީދު

ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން އެޕްރީލް 4، ގައި ނަގާ ފެންނަ ނުފެންނަ ވޯޓާއެކު ހިނގަހިނގާ އޮތް ދައުރެއް ބަދަލުކުރުމަށް ހުށަހެޅުމަކީ ނުރައްކަލެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމްހީދު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލާ ސުވާލުގެ އިތުރުން ހިނގަ ހިނގާ ދައުރެއް ބަދަލުކުރެވޭ ގޮތަށް ކަނޑައެޅުމަކީ އެންމެ ނުރައްކާތެރި އިސްލާހު ކަމަށް ދެކޭ ކަމަށެވެ.
"ގާނޫނުއަސާސީއަށް މި ގެންނަ އިސްލާހުގައި އަޅުގަނޑު ތަކުރާރުކޮށް މިދައްކަނީ މިއީ އެންމެ ސުވާލެއް ނޫނޭ ރައްޔިތުންނާ މި ކުރަނީ. ދެ އިންތިހާބު އެއްކުރާ ވާހަކަ އެކަންޏެއް ނޫނޭ މި އިސްލާހުގައި ވަނީ. ހަމައެއާ އެކީގައި މިވަނީ ހިނގަހިނގާ އޮތް ދައުރެއްގެ މުއްދަތު އެއީ ބަދަލުކުރެވޭނެ އެއްޗެއް ގޮތުގައި ކަނޑައެޅުން. މިއީ އަޅުގަނޑު ދެކޭ ގޮތުގައި މީގައި އެންމެ ނުރައްކާތެރި އިސްލާހަކީ،" އޭނާ ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ ދައުރު ބަދަލުކުރެވޭ ގޮތަށް ކަނޑައެޅިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބަކީ ފެންނަ ނުފެންނަ ވޯޓަކުން ނިންމިދާނެ އެއްޗެއް ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ.
"މިގޮތަށް މިކަން ކަނޑައެޅޭ ހިސާބުން ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބަކީ ފެންނަ ނުފެންނަ ވޯޓަކުން ނިންމިދާނެ އެއްޗެއް ގޮތުގައި ކަނޑައެޅިގެންދަނީ. އެއީ ރައީސުލްޖުމްހޫރިއްޔާ ދައުރު ދަންމާލެވިދާނެ ފެންނަ ނުފެންނަ ވޯޓަކުން. އެހެންވީމަ އަޅުގަނޑުމެން އެންމެންވެސް ވިސްނަންވީ މި ސަރުކާރަކުންނެއް ރައްޔިތުންނަށް ޑިމޮކްރަސީ ހަރުދަނާ ކުރާކަށް ނުގެންނާނެކަން،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން އެމްޑީޕީން ކަށަވަރުކޮށްދިން ހުރިހާ ހައްގެއް ނިގުޅައިގަންނަމުންދާ ކަމަށާއި އޭގެއިން ވެސް ދޭހަވަނީ މި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރަން ގާނޫނުތަކަށް ބަދަލު ނުގެންނާނެކަން ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛
"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"
މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ