ތެލަށް ޖެހިދާނެތީ އޭޝިއާގެ ގައުމުތަކުން ވަޒީފާ އަދާކުރާ ދުވަސް މަދުކޮށް، އިތުރު ފިޔަވަޅުތައް އަޅަނީ

އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ، އޭގެ ސަބަބުން އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުން ކުއްލި ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
މެދުއިރުމަތިން ތެޔޮ ލިބުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވަމުންދާތީ، މި ސަރަހައްދުގެ ގައުމުތަކުން ދަނީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް ރައްޔިތުންނަށް ބާރުއަޅަމުންނެވެ. މިގޮތުން، ގޭގައި ތިބެގެން މަސައްކަތްކުރުން، ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުން އަދި ތެލުގެ ސަބްސިޑީ އިތުރުކުރުން ފަދަ ސިޔާސަތުތައް ދަނީ ތަންފީޒުކުރަމުންނެވެ.
ފިލިޕީންސްގެ ސަރުކާރުން ވަނީ ގިނަ އޮފީސްތަކެއް ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމަށް އަމުރުކޮށް، ރަސްމީ ދަތުރުފަތުރުތައް ހަމައެކަނި ކޮންމެހެން ކުރަންޖެހޭ ކަންކަމަށް މަދުކުރުމަށް އަންގާފަ އެވެ.
ތައިލެންޑުން ސަރުކާރުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އިރުޝާދު ދީފައިވާއިރު، ވިއެޓްނާމުން ވަނީ ދުރުގައި ތިބެގެން މަސައްކަތްކުރުމާއި، އެއް އުޅަނދެއްގައި ގިނަ ބަޔަކު ދަތުރުކުރުން ނުވަތަ ކާޕޫލިން ކުރިއެރުވުމަށް ކުންފުނިތަކަށް ބާރުއަޅާފަ އެވެ.
މީގެ އިތުރުން، އިންޑޮނޭޝިއާއިން ވަނީ ތެލުގެ ސަބްސިޑީއަށް ކުރާ ހޭދަ އިތުރުކުރުމަށް ނިންމާފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާއިރު، މި ހަފުތާގެ ކުރީކޮޅު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 119 ޑޮލަރަށް އެރިއެވެ. ނަމަވެސް ފަހުން ވަނީ އަގުތައް 90 ޑޮލަރަށް ތިރިވެފަ އެވެ.
އިގްތިސާދީ ތަޖުރިބާކާރުން އިންޒާރު ދޭ ގޮތުގައި، މެދުއިރުމަތީގެ ހަކަތައަށް ބަރޯސާވާ މި ސަރަހައްދުގެ ގައުމުތަކުގައި ތެލުގެ އަގު އުފުލިފައި ހުރެއްޖެ ނަމަ، ދައުލަތުގެ ބަޖެޓު ޑެފިސިޓް ބޮޑުވެ، ތަކެތީގެ އަގު އުފުލުމުގެ މައްސަލަ ކުރިމަތިވާނެ އެވެ. ބާކްލޭސްގެ އިގްތިސާދީ މާހިރު ބްރަޔަން ޓޭން ވިދާޅުވި ގޮތުގައި، މިއީ މާލީ ގޮތުން ގިނަ ގައުމުތަކަކަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.
ހަކަތައިގެ ރައްކާތެރިކަމަކީ ވެސް މިވަގުތު އޮތް ބޮޑު ކަންބޮޑުވުމެކެވެ. ތައިލެންޑުގައި ގާތްގަނޑަކަށް 95 ދުވަހަށް ފުދޭ ވަރަށް ތެޔޮ ރައްކާކުރެވިފައި ހުރި ނަމަވެސް، އިންޑޮނޭޝިއާގައި ހުރީ އެންމެ 25 ދުވަހުގެ ތެލެވެ. އަދި ބައެއް ގައުމުތަކުގައި ހާސްކަމުގެ ތެރޭގައި މީހުން ގިނަ އަދަދަކަށް ތެޔޮ ގަނެ އެއްކުރަމުންދާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ތެލުގެ އަގު ހެޔޮނުވެއްޖެ ނަމަ، މި ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހި، ފައިސާގެ ސިޔާސަތުތައް ހަރުކަށިކުރަން ޖެހިދާނެ އެވެ. ނަމަވެސް، މީގެ ކުރިން ކުރިމަތިވި މިފަދަ ކަންކަމާ އަޅާބަލާއިރު، މި ސަރަހައްދުގެ އިގްތިސާދު މިފަހަރު މާ ބޮޑަށް ވެސް ވަރުގަދަ ކަމަށް މާހިރުން ފާހަގަކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ