ގެދޮރުވެރިޔާގެ 2 ވަނަ ބުރުގެ ފޯމުތަކަށް އިސްކަން ދޭން މޭޔަރު ގޮވާލައްވައިފި

އިތުރަށް ފޯމު ފުރަން ނުޖައްސައި، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމްގެ ދެ ވަނަ ބުރަށް ފޯމު ލީ މީހުންގެ ތެރެއިން ޝަރުތު ހަމަވީ މީހުންނަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓު ދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން މާލޭގައި އުޅޭ މީހުންނަށް ފްލެޓު ދޭން ހިންގި ގެދޮރުވެރިޔާ އާއި ބިން ދޭން ހިންގި ބިންވެރިޔާ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިމާއި ފްލެޓު ވަނީ ދީފަ އެވެ.
އެ ސްކީމްތަކުގެ ދެ ވަނަ ބުރަށް ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހެޅިއިރު، އެ މީހުންގެ ލިސްޓު، 16 ނޮވެމްބަރު 2023ގައި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު 18 ޖެނުއަރީގައި ވަނީ ހުޅުވާލާފަ އެވެ. ނަމަވެސް ކުރީ ސަރުކާރުން ހުޅުވާލި ފުރުސަތުގައި ލީ ފޯމުތަކަށް ނުބަލައި، މި ސަރުކާރުން ފުރުސަތު ހުޅުވާލީ އަލުން ފޯމު ލާންޖެހޭ ގޮތަށެވެ.
ބުނީ ކީކޭ؟ - އެކަމާ ގުޅިގެން މޭޔަރު އާޒިމް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލެއްވީ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމުގެ ދެ ވަނަ ބުރުގައި ކުރިމަތިލީ މީހުންނަށް ވެސް ހަމަހަމަކަމާ އެކު ފުރުސަތު ދިނުމަށެވެ.
"ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެއްޓި ބޯހިޔާވަހިކަމުގެ ކާމިޔާބު މަޝްރޫއުގެ ތެރޭގައި ހިމެނޭ ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ބިމާއި ފްލެޓަށް ކުރިމަތިލުމަށް ދެ ވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި މިހާރު ވެސް އެބަހުރި،" އާޒިމް ވިދާޅުވި އެވެ.
"އެހެންކަމުން އިތުރު ފޯމު ފުރުމަކާ ނުލައި، އެ ސްކީމްގެ ދަށުން ފޯމު ލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި ސަރުކާރުން މިހާރު ކުރިއަށްގެންދަން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފްލެޓު ދެވޭނެ ކަމަށް އަޅުގަނޑު ދެކެން."
ތަފްސީލު - އާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ ކަމަށާއި ހުރިހާ ސަރުކާރުތަކުގެ ވައުދުތަކާއި މެނިފެސްޓޯގެ އެންމެ ކުރީގައި ބޯހިޔާވަހިކަން އޮންނަނީ އެހެންވެ ކަމަށެވެ.
"ރައްޔިތުންނަށް ފައިދާވާ ގޮތަށް އެއް ސަރުކާރަކުން ކޮށްފައި ހުންނަ ކަންތައްތައް ދެން އަންނަ ސަރުކާރަކުން ބަދަލު ކުރުމަކީ އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ސަރުކާރުތަކާ މެދު އޮންނަ އިތުބާރު ގެއްލޭނެ ކަމެއް،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ގޮވާލެއްވީ އެއްވެސް ތަފާތު ކުރުމެއް ނެތި، ކުރީ ސަރުކާރުގެ ސްކީމްތަކުން ގޯއްޗާއި ފްލެޓަށް ލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް އިތުރަށް ފޯމު ލާން ނުޖެހޭ ގޮތަށް މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯއްޗާއި ފްލެޓު ދިނުމަށެވެ.
އެނގުން މުހިންމު - މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލޭން ޖުމްލަ 15،000 ގޯތި ދޫކުރާނެ އެވެ. އަދި ގްރޭޓާ މާލެ ސަރަހައްދުން 7،900 ފްލެޓު ދޫކުރާނެ އެވެ.
ގޯއްޗަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ 4 މާޗު
ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު 17 އޭޕްރީލްގެ ނިޔަލަށް އޮންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ