ޗާގޯސް މައްސަލައިގެ ސިއްރު ސިޓީ ބާތިލުނުކޮށް ލަސްކުރުމަކީ ދިވެހި ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް: ބޮންޑޭ

ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ސަރުކާރުން ބާތިލުނުކޮށް ލަސްކުރުމަކީ ދިވެހި ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ."އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ބޮންޑޭ ވިދާޅުވީ ފޯޅަވަހީގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ހައްގެއްނެތް ކަމަށް ގަބޫލު ކުރާކަމަށް، މަޖިލީހުގެ ބަހެއްނެތި މޮރިޝަސް އަށް ދިން ސިއްރު ސިޓީ ވެރިކަމާއި ހަވާލުވެ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބާތިލު ކުރުމަކީ މިސަރުކާރު ގެ އެންމެ ބޮޑު އެއްވައުދެ ކަމަށެވެ."ސިއްރު ސިޓީ ބާތިލުނުކޮށް ލަސްކުރުމަކީ ދިވެހިރައްޔިތުންނާއި ގައުމަށް ވެވޭ ބޮޑު ހިޔާނާތެކެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައި ސިޓީ ބާތިލުކުރުމަށް މި މައްސަލަ މަޖިލީހުގައި އެެޖެންޑާ ކޮށްދެއްވުމަށް" ރައީސް ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނެވުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަން ހުށަހަޅުއްވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޮންޑާ ވިދާޅުވި އެވެ.މަޖިލީހަށް ހުށައެޅި އެ ޕެޓިޝަންގައި އެއިރު ސޮއި ކުރި ފަރާތްތަކުގެ ތެރޭގައި މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ހިމެނެ އެވެ. ރައީސް މުއިއްޒު ސަރުކާރުން ވެރިކަމާއި ހަވާލުވީ އެ ސިޓީ ހާމަ ކުރާނެ ކަމުގެ ވައުދާއި އެކު އެވެ. ނަމަވެސް މިހާތަނަށް އެކަން ކޮށްފައެއް ނުވެ އެވެ.ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައި ވަނީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ މައްސަލައެއް ދިމާވެދާނެތީ ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ.ނަމަވެސް 2022 ވަނަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑު ކިޔުންތަކެއް އަމާޒުވި އެވެ.މި މައްސަލައިގައި ސޯލިހު ސަރުކާރުން އޭރު ބުނެފައިވަނީ ޗާގޯސްގެ މައްސަލައިގައި ދިވެހި ސަރުކާރު މަސައްކަތް ކުރަމުން އަންނަނީ ފުށޫ އަރާ ސަރަހައްދުން ރާއްޖެއަށް ލިބެން އޮތް އެންމެ ބޮޑު ސަރަހައްދެއް ހޯދުމަށް ކަމަށެވެ. ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ޖަޒީރާ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބުން މާ ހައްގު ކަމަށް ވިދާޅުވެ، އިނގިރޭސިވިލާތުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވި އެވެ. އެ ސިޓީ ރައީސް އޮފީހުން ސިއްރުކުރިއިރު މެއި، 2025، ގައި މޮރިޝަސްއާ ޗާގޮސް ހަވާލުކުރީ އެ ސިޓީއަށް އިޖާބަ ދިނުމެއް ނެތި އެވެ.އިނގިރޭސިވިލާތުގެ "ދަ އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވަނީ އެ މައްސަލައާ ގުޅިގެން ރާއްޖޭގެ ދައުވާ އާއި ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް އިނގިރޭސި ސަރުކާރަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ.""ފޯޅަވަހި އާ ރާއްޖެއާ ދެމެދު ތާރީހީ ގުޅުންތަކެއްވޭ. މި ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން. އަދި މި ކަމުގެ ސަބަބުން އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް، އެ ތަނުގެ މައްޗަށް ދިވެހިރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް އަޅުގަނޑުމެން ގަބޫލުކުރަން،" މުއިއްޒު ވިދާޅުވި އެވެ.މޮރިޝަސްއަށް ޗާގޯސް ދޫކޮށްލުމާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވެސް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެއީ އިނިގިރޭސިން ކުރާ މޮޔަކަމެއްގެ ގޮތުގައި ޓްރަމްޕު ސިފަކުރެއްވި އެވެ.މުއިއްޒު މިގޮތަށް ވިދާޅުވެފައިވީ ނަމަވެސް އިނގިރޭސި ސަރުކާރުގެ ތަރުޖަމާނު ވަނީ މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އިނގިރޭސި ސަރުކާރުން އަމަލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) ގެ ދަށުން ލޯޔަރު އަހުމަދު މައުރޫފް، އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ޗާގޯސްއާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން އެ އޮފީހުން ބުނީ އެތަނުގެ މިލްކުވެރިކަން ހޯދުމަށް ރަސްމީކޮށް ދައުވާކުރަން ސަރުކާރުން ނިންމިކަން މިހާތަނަށް ނޭގޭ ކަމަށެވެ."އިސްވެ ހަވާލާ ދެންނެވުނު މައްސަލައިގައި ސަރުކާރުން ނިންމަވާ ގޮތެއް މި އޮފީހަށް އެނގިގެންދާނީ ވަޒީރުންގެ މަޖިލީހުން ގޮތެއް ނިންމުމުން ކަމުގައި ދަންނަވަން،" އޭޖީ އޮފީހުން ބުންޏެވެ.ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކާ ގުޅޭ މައްސަލައިގައި ކުރީގެ ރައީސް ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް ސިޓީއެއް ފޮނުވީ 22 އޮގަސްޓު 2022ގަ އެވެ.އެ ސިޓީ އާންމުކުރަން އެމްޑީޕީ ސަރުކާރުން ދެކޮޅު ހަދަމުންދަނިކޮށް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި (ސެޕްޓެމްބަރު 2023ގައި) އެ ސިޓީ ވަނީ ލީކުކޮށްލާފަ އެވެ.ނަމަވެސް އެ ސިޓީ ރަސްމީ ސިފައެއްގައި އާންމުކުރީ މި ސަރުކާރުންނެވެ. އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ހޯދުމާ ބެހޭ ގޮތުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް 19 ޑިސެމްބަރު 2023ގައި ނެރުނު ބަޔާނާ އެކީގަ އެވެ.އެ ސިޓީގައި، ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭ ވާހަކައެއް ނެތް އިރު، އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނަސް، އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.އެ ސިޓީގައި ބުނެފައިވަނީ:ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް އެ މަޖިލީހުގައި ނަގާ ވޯޓުގައި ރާއްޖޭގެ ނިންމުން ބަދަލުވިޔަސް، އެ ބަދަލަކީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ވަކާލާތުކުރާ ގާނޫނީ ހަމަތަކާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފްއަށް ހުށަހެޅި ހުށަހެޅުމަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް ގެންނަ ބަދަލެއްރާއްޖޭގެ ނިންމުން ބަދަލުކުރަން ނިންމީ ރާއްޖެއަކީ އަބަދުވެސް އިސްތިއުމާރުކުރުމާ ދެކޮޅު ގައުމަކަށް ވާތީސަރުކާރުން އާންމުކުރީ އޭގެ ކުރިން ލީކުވި ސިޓީއާ އެކައްޗެކެވެ. ނަމަވެސް މި ސަރުކާރުން އަންނަނީ އެ ސިޓީ ބާތިލްކުރަން ދެކޮޅު ހަދަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ