ކައުންސިލް އިންތިޚާބަށް އާންމުން ހޭލުންތެރިކުރުވަން އީސީން ބާއްވާ ޓިކްޓޮކް މުބާރާތުގެ މުއްދަތު އިތުރުކޮށްފި
"ރަށުގެ ކުރިމަގު"ގެ ނަމުގައި، އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބާއްވާ ޓިކްޓޮކް މުބާރާތުގެ މުއްދަތު އިތުރުކޮށްފިއެވެ. އީސީން އެންމެ ފުރަތަމަ އިއުލާނުކުރީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މި މަހުގެ 10ވަނަ ދުވަހުގެ މެންދުރު 14:00 ޖެހުމުގެ ކުރިން ވީޑިއޯތައް ކޮމިޝަނަށް ފޮނުވުމަށެވެ. ނަމަވެސް އެ މުއްދަތު މިހާރު މިވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އީސީން ބުނީ، އެ ދުވަހުގެ މެންދުރު 14:00ގެ ކުރިން ވީޑިއޯތައް އެ ކޮމިޝަނަށް ފޮނުވަން ވާނެ ކަމަށެވެ. https://x.com/ElectionsMv/status/2014365552098341301 މި މުބާރާތުގެ ބައިވެރިންގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 5،000 ރުފިޔާ، ދެވަނައަށް ދާ ފަރާތަކަށް 3،000 ރުފިޔާ، އަދި ތިންވަނައަށް ދާ ފަރާތަކަށް 2،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އީސީން އާއްމުކުރި ގަވައިދުގައިވާ ގޮތުން، ހަތަރު މައުޟޫއުއަކަށް ބައިވެރިންނަށް ވީޑިއޯ ތައްޔާރުކުރެވޭނެއެވެ. އެއީ: ވޯޓުލުމަށް ބޭނުންކުރާ ރަސްމީ ލިޔުންތައް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވޯޓުލުމުގެ މުހިންމުކަން އިންތިޚާބެއްގެ ތެރޭ ކޮށްގެން ނުވާނެ ކަންކަން އިންތިޚާބުގެ ދުވަސްވަރު ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް އެކި މަސްދަރުތަކުން ލިބޭ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މުހިންމުކަން https://sun.mv/215933 ކޮންމެ ފަރާތަކަށް ވެސް އެއް މައުޟޫއުއަށް އެއް ވީޑިއޯ، ނުވަތަ ހަތަރު މައުޟޫއުއަށް ވެސް، ކޮންމެ މައުޟޫއުއަކަށް ވީޑިއޯ ތައްޔާރުކުރެވޭނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ވީޑިއޯތައް ތައްޔާރުކުރަން ވާނީ އެންމެ ކުޑަވެގެން 30 ސިކުންތައް، ނުވަތަ އެންމެ ދިގުވެގެން ދޮޅު މިނެޓުގެ ދިގު މިނަކަށް، ސިޔާސީ ވަކި ކޮޅަކަށް ބުރަނުވެ ކަމަށް ވެސް، ގަވައިދުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ