ބުރު ސްޕޯޓްސްއާ އެއްވަރުވެ މާޒިޔާ އަށް އިތުރު އިންތިޒާރެއް ބުރު ސްޕޯޓްސްއާ އެއްވަރުވެ މާޒިޔާ އަށް އިތުރު އިންތިޒާރެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ބުރު ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުވެ، ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަަނަ ފަހަރަށް ހޯދަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.
މި މެޗުން މޮޅުވެގެން، މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ފުރުސަތު އޮތްނަމަވެސް އެއްވަރުވުމުން ވަނީ އިތުރަށް މަޑުކުރަން ޖެހިފަ އެވެ. މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ، ބާކީ އޮތް މެޗުތަކުން އެންމެ ޕޮއިންޓެކެވެ. މި ވަގުުތު މާޒިޔާ އޮތީ 16 މެޗުން 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، އޮޑި އަށް މާދަމާރޭ ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން މޮޅުނުވެވިއްޖެނަމަ ވެސް މާޒިޔާ އަށް ލީގު ކަށަވަރުވާނެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ އިން ލީޑުނެގީ އެ ޓީމުގެ ނާއިޒު ހަސަން (ދާދު) އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ޖެހި ގޯލަކުންނެވެ. ފުރަތަމަ ހާފުގައި މާޒިޔާ އަށް ލީޑުފުޅާކޮށްދޭން އިބްރާހިމް އައިސަމް ފޮނުވާލި ބޯޅައެއް ހުރަސްދަނޑިމަތިން ދިޔަ އެވެ.
ބުރުން އެއްވަރުކުރި ލަނޑު ޖެހީ ބްރެޒިލް ފޯވާޑް، ހަޑްސަން ޑިއާޒް އެވެ. އޭރިއާތެރެއިން ހަޑްސަން އަށް ލިބުނު ބޯޅައަކުން، ކައިރީގައި މާޒިޔާގެ ކެޕްޓަން، ސަމޫހު އަހުމަދު (ސަމުއްޓެ) ވިއްދާފައި ހުއްޓައި، ވަނީ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގައި މާޒިޔާ އަށް ލީޑުނަގައިދޭން ދާދު އެކްރަބެޓިކް ކިކަކުން ފޮނުވާލި ޝޮޓެއް އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ދާދު އިތުރު ފުރުސަތެއްގައި ޖެހި ޝޮޓެއް އަރިމަތީ ދާގަނޑަށް އަމާޒުވި އެވެ.
ބުރުގެ އަރީން އަބްދުﷲ އިބްރާހިމް ފޮނުވާލި ހަމަލާއެއް މާޒިޔާގެ ބަދަލު ކީޕަރަކަށް އެރި އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ. އަދި، އިތުރު ވަގުތުގެ ތެރޭގައި، ބުރުގެ އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ޝޮޓެއް ވަނީ ދަނޑިކައިރިން ގޮސްފަ އެވެ. ބުރުގެ ސެނެގާލް މިޑްފީލްޑަރު، ޑިއަވަންޑޫ ޑިއާނޭ ބޮލުން ގޯލެއް ޖެހި ނަމަވެސް އެ އެޓޭކުގައި ފައުލެއް ވި ކަމަށް ނިންމައި، އެ ގޯލު ބަލައިނުގަތެވެ.
ލީގުގައި ދެން މާޒިޔާ އަށް އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ