ކުރީ ސަރުކާރުގެ ހައުސިން ސްކީމަށް ދެވަނަ ފަހަރަށް ލީ މީހުންނަށް އިސްކަން ދޭން މޭޔަރު ގޮވާލައިފި
އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ހައުސިން މަޝްރޫއުކަމަށްވާ "ގެދޮރުވެރިޔާ" އާއި "ބިންވެރިޔާ"ގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި ފުލެޓަށާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފުލެޓުތަކާއި ގޯތި ދެވެން ވާނެ ކަމަށާއި، އެމީހުންނަށް އިސްކަން ދިނުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެެވެ. 'އެކްސް'ގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވަނީ، ގެދޮރުވެރިޔާ މަޝްރޫއާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓަށާއި ބިމަށް ދެވަނަ ފަހަރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ހުންނާނެ ކަމަށެވެ. "އެހެންކަމުން އިތުރު ފޯމު ފުރުމަކާ ނުލައި، އެ ސްކީމްގެ ދަށުން ފޯމުލައިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި ސަރުކާރުން މިހާރު ކުރިއަށް ގެންދަން ފަށައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ގޯއްޗާއި ފުލެޓު ދެވޭނެ ކަމަށް އަޅުގަނޑު ދެކެން،" އާޒިމް ލިޔުއްވާފައިވެއެވެ. https://x.com/adamazim/status/2014351420896776364 އޭނާ ލިޔުއްވި ގޮތުގައި، ހަމަހަމަކަމާއި އިންސާފުގެ މަގުން އާންމުންނަށް ފައިދާވާ ގޮތަށް، އެއް ސަރުކާރަކުން ކުރި ކަމެއް ދެން އަންނަ ސަރުކާރަކުން ބަދަލުކުރުމަކީ އެކަމުގެ ސަބަބުން ސަރުކާރުތަކަށް އާންމުން ކުރާ އިތުބާރު ގެއްލޭނެ ކަމެކެވެ. އެހެންކަމުން ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ފުރުސަތު ދޭން އާޒިމް ވަނީ ގޮވާލައްވައިފައެވެ. "އެހެންކަމުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ، ކާމިޔާބު މަޝްރޫއުކަމަށްވާ، ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުއްވި ލޮބުވެތި ރައްޔިތުންގެ ތެރެއިން، ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް، އެއްވެސް ތަފާތުކުރުމެއްނެތި ގޯއްޗާއި ފްލެޓު ދިނުމަށް އަޅުގަނޑު ސަރުކާރަށް ގޮވައިލަން،" އާޒިމް ލިޔުއްވާފައިވެއެވެ. ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ގެދޮރުވެރިޔާ އާއި ބިންވެރިޔާ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ބިމާއި ފުލެޓު ވަނީ ދީފައެވެ. އެ ސްކީމްތަކުގެ ދެވަނަ ބުރަށް ހުޅުވައިލި ފުރުސަތުގައި ޝަރުތު ހަމަވި މީހުންގެ ލިސްޓު 16 ނޮވެމްބަރު 2023ގައި ނެރުނެވެ. https://sun.mv/216867 ސަރުކާރު ބަދަލުވުމަށްފަހު މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު 18 ޖެނުއަރީގައި ވަނީ ހުޅުވާލާފައެވެ. ނަމަވެސް ކުރީ ސަރުކާރުން ހުޅުވާލި ފުރުސަތުގައި ލީ ފޯމުތަކަށް ނުބަލައި، މި ސަރުކާރުން ފުރުސަތު ހުޅުވާލީ އަލުން ފޯމު ލާންޖެހޭ ގޮތަށެވެ. އެއާއެކު އޭރު ޝަރުތު ހަމަވި މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާހަގަކުރެވޭ ގޮތުގައި، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 7900 ފުލެޓު ދޫކުރާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ