ބުނި މުއްދަތަށް ނުފެށުނު، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފަށާނެކަން އިއުލާން ކުރިތާ 10 މަސް ދުވަސްވީއިރު ވެސް އެކަން ނުވެ ވަނިކޮށް, އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މާޗު މަހުގެ 25 ގެ ކުރިން ފޯމު ހުށަހެޅުމަށެވެ. މިއީ އެ މިނިސްޓްރީން ހެލިކޮޕްޓަރު ޚިދުމަތް ފެށުމަށްޓަކައި، އެ ޚިދުމަތް ދޭނެ ބަޔަކު ހޯދަން އިއުލާންކުރި ތިންވަނަ ފަހަރެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން އިއުލާން ކުރި ގޮތުގައި މިއަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ފަށާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ފަސް ވަނަ ދުވަހު މިނިސްޓްރީން ވަނީ ރާއްޖޭގައި ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކޮޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލައިފައެވެ. އޭގެފަހުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރާއްޖޭގައި އެ ޚިދުމަތް ފަށަން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއެއޭ)ގެ ލަފާގެ މަތިން ތަހުލީލު ހެދި ކަމަށާއި ޚިދުމަތުގައި ބޭނުން ކުރާނީ ސަލާމަތީ ގޮތުން އޮޕަރޭޓު ކުރަން އެންމެ ރަނގަޅު ހެލިކޮޕްޓަރު ކަމަށް ވިދާޅުވެފައެވެ. https://sun.mv/215159 ނަމަވެސް މިނިސްޓްރީން އިއުލާން ކުރި މުއްދަތު ފަހަނަ އަޅައި ދިޔަތާ 10 މަސްވީއިރު ވެސް އެ ޚިދުމަތް ފެށިފައެއް ނުވެއެވެ. މިހާރު ރާއްޖޭގައި ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ހެލިކަޕްޓަރު އޮޕަރޭޝަންތަކަށް އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމުން، މި ސަރުކާރުން ވެރިކަމަށް އައީ ސިފައިން ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ. އެގޮތުން އެ ހުރިހާ ސިފައިން ފޮނުވައިލައި، ހެލިކޮޕްޓަރު ދުއްވަން މަދަނީ މީހުން ގެނެސްފައިވާ ކަމަށް މިދިޔަ އަހަރުގެ މެއި މަހު ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ