ޖުމްލަ ޚަރަދުތައް ދަށްވި ނަމަވެސް، މުސާރައަށް އިތުރަށް 80 މިލިއަން ހޭދަކޮށްފި
ދައުލަތުގެ ޖުމްލަ ޚަރަދުތައް ކުޑަކުރި ނަމަވެސް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި ޕެންޝަނަށް ސަރުކާރުން ކުރާ ހޭދަ އިތުރުވެއްޖެއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން މުސާރައަށް 2.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 2.65 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މުސާރައަށް ކުރި ހޭދަ އިތުރުވެފައިވާއިރު ދުނިޔޭގައި ބޮޑު ހަނގުރާމައެއް ހިނގަނިކޮށް ވެސް ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސަރުކާރުން ގިނަ ވަޒީފާތަކެއް ބަހަމުންދާ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ. https://www.sun.mv/219431 މުސާރައިގެ ޚަރަދުތައް އިތުރުވި ނަމަވެސް، ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ވަނީ ބޮޑުތަނުން ދަށްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.38 ބިލިއަން ރުފިޔާ ހޭދަކުރިއިރު، މިއަހަރު އެ އަދަދު ވަނީ 6.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 780 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 4.73 ބިލިއަން ރުފިޔާއިން 3.88 ބިލިއަން ރުފިޔާއަށް ކުޑަކުރުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 8.1 ބިލިއަން ރުފިޔާއިން 7.27 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ކެޕިޓަލް ޚަރަދުތައްވެސް ވަނީ 721 މިލިއަން ރުފިޔާއިން 665 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ. އޯވަރޯލް ބެލެންސްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 873.7 މިލިއަން ރުފިޔާގައެވެ. އަދި ޕްރައިމަރީ ބެލެންސްވެސް ވަނީ 2.68 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައެވެ. މިއިން ދައްކައިދެނީ ސަރުކާރުން ހިންގުމުގެ ޚަރަދުތައް ކުޑަކުރި ނަމަވެސް، އާންމު ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރާ ހޭދަ އަދިވެސް އިތުރުވަމުންދާ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ