އެންމެ ރަނގަޅު ގޮތަކީ މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރެވޭ ގޮތް ހެދުން: ޢަލީ ޙުސައިން

ސަރުކާރުތަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ދިނުމުން، މިނިވަން މުއައްސަސާތަކާއި މަޖިލީހުގެ މިނިވަންކަން ގެއްލޭ ކަމަށާއި، އެންމެ ރަނގަޅުގޮތަކީ މިނިވަން މުއައްސަސާތަކުގެ މެންބަރުން ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރުން ކަމަށް، ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު ޢަލީ ޙުސައިން ރޭ ވިދާޅުވެއްޖެއެވެ. މައި ދެ އިންތިޚާބުކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން 'ޕޮލިސީއެމްވީ'އިން "ސިޔާސަތު ޚާއްސަ"ގެ ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުގެ ދަށުން ލިބިދީފައިވާ ވެރިކަމުގެ ބާރުތައް ބޭނުންކުރަންޖެހޭނީ ރަނގަޅަށް ކަމަށެވެ. ދައުލަތް ހިންގަންޖެހޭނީ ރައްޔިތުންނަށްޓަކައި ކަމަށާއި، ދައުލަތެއް ހިންގާއިރު އިސްކަންދޭން ޖެހޭނީ ރައްޔިތުން ވެރިކަމުގެ މެދުގައި ބައިތިއްބައި، ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަންކަން ކުރުމަށް ކަމަށް، ޢަލީ ވިދާޅުވިއެވެ. "އެހެންވީމާ ރީކެލިބަރޭޓުކުރަންވެސް ރައްޔިތުން ގާތަށް ގިނަގިނައިން ދާންޖެހޭ ގޮތަކަށް އޮންނަންޖެހޭނީ، އެންމެ ގިނައިން ރީކެލިބަރޭޓުކުރެވޭނީ ގިނަގިނައިން ރައްޔިތުން ގާތަށް ގޮސްގެން،" އޭނާ ވިދާޅުވިއެވެ. ޢަލީ ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނަން ޖެހޭނީ ފަސް އަހަރުގެ ރިޔާސީ ދައުރެއްގެ މެދުތެރޭގައެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދިވެހީން ކުރި ތަޖުރިބާއަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ސަރުކާރަށް ދިނުމުން، މަޖިލީހާއި މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މިނިވަންކަން ގެއްލި، އެ ތަންތަން ރަނގަޅަށް މަސައްކަތްނުކުރާކަން ޢަލީ ފާހަގަކުރެއްވިއެވެ. "އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިނިވަން މުއައްސަސާތަކަށްވެސް މީހުން ހޮވަންވީ، ރައްޔިތުން ވޯޓުލައިގެން ހޮވަންވީ،" ޢަލީ ވިދާޅުވިއެވެ. އެގޮތުން، ސަރުކާރުގެ ޑިޖިޓަލް އައިޑީ އީފާސް މެދުވެރިކޮށް މިހާރުވެސް ބައެއް ލިޔެކިއުންތައް އާންމުން ދައުލަތުގެ އެކި އިދާރާތަކަށް ހުށަހަޅާކަން ފާހަގަކުރައްވައި ޢަލީ ވިދާޅުވީ، އީފާސް މެދުވެރިކޮށްވެސް މިނިވަން މުއައްސަސާތަކަށް މީހުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި އެމެރިކާ ނަންގަވައި ޢަލީ ވިދާޅުވީ، އެ ގައުމުގެ ބައެއް ސްޓޭޓްތަކުގައި ޝަރުއީ ދާއިރާގެ ފަރާތްތައް ހޮވަނީ އާންމު ވޯޓަކުން ކަމަށެވެ. ރާއްޖޭގައި އޮންނަ ގޮތަށް ބަލާއިރު، މިނިވަން މުއައްސަސާތަކަށް މެންބަރުން އައްޔަންކުރުމަށްޓަކައި ރައީސް އޮފީހުން، ނުވަތަ ކަމާގުޅުންހުރި އިދާރާއަކުން ހުޅުވާލަނީއެވެ. ރައީސް އޮފީހުން ހުޅުވާލާ ފުރުސަތުގައި ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށްފަހު، އެ ނަންތައް ފޮނުވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއަށްފަހު މަޖިލީހުގައި އެ ނަންތައް ދިރާސާކުރުމަށްފަހު، މަޖިލީހަށް ފެންނަ ނަންތައް ފާސްކުރަނީއެވެ. ދެން އޮންނާނީ އެ ފަރާތްތައް މަގާމުގެ ހުވާކުރުމެވެ. ފާހަގަކުރެވޭ ގޮތުގައި، އާންމުންގެ މެދުގައިވެސް އޮންނަ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މިނިވަން މުއައްސަސާތައް އެންމެ އެދެވޭ ގޮތެއްގައި ނުހިނގުމެވެ. ޚާއްސަކޮށް ކޮރަޕްޝަންގެ މައްސަލަތައް ބަލާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ބަލަންޖެހޭ މައްސަލަތައް ނުބަލައި، އެ މުއައްސަސާތައް އެންމެ އެދެވޭ ގޮތެއްގައި ނުހިނގާތީ، އެ ތަންތަނަށް އާންމުންގެ ބޮޑެތި ފާޑުކިއުން އަމާޒުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ވޭތުވެދިޔަ އަހަރުތަކުގައި، އެ އިރެއްގައި އޮންނަ ސަރުކާރަކަށް ދީފައި އޮންނައިރު، މިނިވަން މުއައްސަސާތައް ޖަވާބުދާރީ ނުކުރެވުމުގެ ސަބަބުން އާންމުންނާއި އެކި ފަރާތްތަކުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ