އާ ނަންނަމުގައި އައު ބުރުތަކެއް ޖެހިޔަސް، އެމްޑީޕީ އޮތީ ދެގޮތެއް ނުވެ އެއް ނަމެއްގައި: މޭޔަރު އާޒިމް

ރާއްޖޭގައި ކޮންމެ އިންތިޚާބީ ދައުރަކާ ދިމާކޮށް އައު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ސަގާފަތެއް އޮންނަ ކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އޮތީ އުފެދުނީއްސުރެ އެއް ނަމެއްގައި، އެއް ފިކުރެއްގައި ސާބިތުވެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ލޮނުޒިޔާރަތްކޮޅުގައި ރޭ ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވަނީ، ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާއެކުވެސް އެމްޑީޕީގެ އަސާސްތަކަށް ބަދަލު ނާންނަކަން ފާހަގަކުރައްވާފައެވެ. މޭޔަރުގެ މި ވާހަކަފުޅަކީ ކުރިއަށް އޮތް އިންތިޚާބަށް އަމާޒުކޮށް، ޕާޓީގެ އާންމު މެންބަރުންނާއި ސަޕޯޓަރުންގެ އިތުބާރު އާކުރުމުގެ ގޮތުން ދެއްވި ވަރުގަދަ މެސެޖެއް ކަމަށް ބެލެވެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތުން، އެކި ނަންނަމުގައި ސިޔާސީ ހަރަކާތްތައް ފެށި ނަމަވެސް، ރައްޔިތުންނަށް އެންމެ ޔަގީންކަން ބޮޑު ގޮތަކީ ތަޖުރިބާކުރެވިފައިވާ ޕާޓީތަކާއެކު ކުރިއަށް ދިއުންކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ރައީސް ސާލިހާއި އާދަމް އާޒިމް ސަލާންކުރައްވަނީ:--- ފޮޓޯ/ މައިމޫން ޖަލްސާގެ ބައިވެރިންނާ މުޚާތަބުކުރައްވަމުން އާޒިމް ވަނީ، އިންތިޚާބުތަކާ ގާތްވުމުން ސިޔާސީ މައިދާނަށް ތަފާތު ނަންނަމުގައި “އަންނަނޯމީ” ތަކެއް އަންނަމުންދާކަމަށް ވިދާޅުވެ، އެފަދަ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ގިނަ ފަހަރަށް ފެންނަނީ އައު ބުރުތަކާއެކު އައު ޕާޓީތައް އުފެދި، ރައްޔިތުންގެ ކުރިމަތީގައި ބޮޑެތި ވައުދުތަކެއްވެ “ފޮނިކަނޑާ” މަންޒަރެވެ. ނަމަވެސް އިންތިޚާބު ނިމުމަށްފަހު އަމަލީ ގޮތުން އެ ވައުދުތައް ނުފުއްދޭކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެއާ ޚިލާފަށް، އެމްޑީޕީއަކީ އުފެދުނީއްސުރެ އެއް ނަމެއްގައި، އެއް ފިކުރެއްގައި ސާބިތުވެ އޮތް ޕާޓީއެއްކަމަށް އާޒިމް ވިދާޅުވިއެވެ. މީގެ އިތުރުން، ސިޔާސީ ގޮތުން ދެގޮތެއް ނުވެ އެއް ނަމެއްގައި ދެމިއޮތުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށް އޮތް އެންމެ ބޮޑު ބާރުކަމުގައި އޭނާ ސިފަކުރެއްވިއެވެ. އެމްޑީޕީގެ ނަމަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބަދަލުނުވެ އޮތް، ވަރުގަދަ އައިޑެންޓިޓީއެއް ކަމަށާއި، އެއީ ރައްޔިތުންނަށް އޮޅޭނެ ބްރޭންޑެއް ނޫންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އައު ޕާޓީތަކުން ވާ ވައުދުތަކާ މެދު ސުވާލު އުފައްދަވައި، އެކަންކަމުގެ އަމަލީ ނަތީޖާ ނުފެންނާތީ އޮތް ކަންބޮޑުވުން އޭނާ ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވަމުން އޭނާ ވަނީ، ގައުމާއި ރައްޔިތުންގެ ހައްގުގައި އެމްޑީޕީގެ ސިޔާސަތުތައް ދެމެހެއްޓުމަށްޓަކައި އެ ޕާޓީގެ ރަމްޒު ކަމުގައިވާ ތިލަފަތަށް ވޯޓު ދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޖަލްސާ ނިންމަވާލައްވަމުން އާޒިމް ވަނީ، ކުރިއަށް އޮތް އިންތިޚާބުގައި އެންމެހާ ރައްޔިތުންގެ ވޯޓު އެމްޑީޕީއަށް ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ. އޭނާގެ އިލްތިމާސަކީ، ވަގުތީ މަންފާއަށްވުރެ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ގެންގުޅެ، ތަޖުރިބާކުރެވިފައިވާ ޕާޓީއަކަށް އިތުބާރުކޮށް، ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ރައްޔިތުން ނުކުތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ