އެންމެ ފަހު ސިކުންތުކޮޅުގައި އައިދު މުހައްމަދު ޖަވީޒު އަރިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ރީތި ބޯޅަ ކެޕްޓަން މުހައްމަދު އިލާން އިމްރާން ގޯލުގެ ހަމަ ކުރިމަތީގައި ހުރެފައި ބޮލުން ފޮޖުވާލުމުން ގޯލުގެ މަތިން ބޭރަށް ނުދިޔަ ނަމަ ދޯ އެވެ. އެކަމަކު ސެމީ ފައިނަލަށް ރާއްޖެ ދާން އޮތް މެޗުގައި ލިބުނު އެ ފުރުސަތު ގެއްލުމާ އެކު ރާއްޖެ މުބާރާތުން ކެޓީ އެވެ.
ގްރޫޕް އޭގައި ރާއްޖެ އާއި ނާޕާލުގެ ފަހު މެޗުން ރާއްޖެއަށް އޮތީ ހަމައެކަނި މޮޅުވުމެވެ. އެ މަސައްކަތުގައި އިލާން ވަނީ މެޗުގެ 15 ވަނަ މިނިޓްގައި އެހާމެ ރީތި ލަނޑެއް ޖަހައި، އުއްމީދު އާކޮށްދީފަ އެވެ.
މެޗު ނިމެން ދިޔައީ އެ ނަތީޖާގައި އޮވެ ރާއްޖެ މޮޅުވާށެވެ. އެކަމަކު މެޗު ނިމެން ތިން މިނިޓަށް ވެފައި އޮއްވާ އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި ސުބާޝް ބާމް ގޯލުގެ އަރިމައްޗަށް ނެގި ބޯޅާގައި ވެއްޓެމުން ނިޝާން ރާޖް ލަވަތު ބޮލުން ފޮނުވާލުމުން އަމާޒުވީ ރާއްޖޭގެ ގޯލަށެވެ.
މެޗު 1-1އިން ނިމުމާ އެކު ރާއްޖެއަށް ލިބުނީ ދެ ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލް ހަތް ޕޮއިންޓް ހޯދައިގެން ސެމީ ފައިނަލް ކަށަވަރުކުރީ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ސެމީގެ ދެވަނަ ޖާގަ ލިބޭނެ ޓީމެއް އެނގޭނީ މިރޭ ބޫޓާން އާއި ސްރީ ލަންކާ މެޗުގެ ނަތީޖާއިންނެވެ. ސްރީ ލަންކާ ތިން ޕޮއިންޓް އަދި ބޫޓާން އެއް ޕޮއިންޓްގަ އެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމު މޮޅަށް ކުޅެ، ނޭޕާލު ހިފެހެއްޓި އެވެ. ލަނޑު ޖަހާނެ އިތުރު އެތައް ފުރުސަތެއް ވެސް ހޯދިމެ އެވެ. ނަމަވެސް ފަހު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލެވޭ ގޮތް ނުވީ އެވެ.
އިލާން ލަނޑު ޖެހީ 15ވަނަ މިނިޓްގައި ރާއްޖޭގެ ހާފުގެ ތެރެއިން އީތަން އިބްރާހިމް ޒަކީ މަތިން ކުރިއަށް ވައްޓާލި ބޯޅައަށް ހުހަށް އަރާ ވާތު ފައިން ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.
މި މެޗުުގައި ރާއްޖެއަށް ލިބުނު މުހިންމު ފުުރުސަތުތަކާއި ހަމަލާތައް
މެޗުގެ ދެ ވަނަ މިނިޓްގައި އަހުޒަމް ރަޝީދު ނެގި ރީތި ކޯނަރު ގޯލުގެ ހަމަ ކުރިމަތިން ނާޝިއު އަހުމަދު ޝިހާމް ބޮލުން ޖެހުމުން ގޯލަށް ނުވަނީ ހުރަސް ދަނޑީގައި ޖެހުމުން
42 ވަނަ މިނިޓްގައި އީތަން ގޯލު އޭރިޔާ ތެރެއިން ގޯލު ކުރިމައްޗަށް އިލާންއަށް ދިން ބޯޅަ ޖެހުމުން ނޭޕާލުގެ ކީޕަރު ބަކްތާ ބަހާދުރު ޕަރިޔާރު މަތަކޮށް ކޯނަރަކަށް ބޭރުކޮށްލި
70 ވަނަ މިނިޓްގައި ނޭޕާލުގެ އޭރިޔާ ބޭރުން ގޯލުގެ ހަމަ ކުރިމަތިން އިލާން ފޮނުވާލި ބޯޅަ ގޯލުގެ މަތިން ބޭރަށް
74 ވަނަ މިނިޓްގައި އީތަންގެ ކޯނަރު އަައިދަމް ބޮލުން ޖެހުމުން އަހުމަދު އަފްނާން އަލީއަށް ލިބުމާ އެކު ފޮނުވާލި ހަމަލާ ގޯލަށް ނުވަނީ ނޭޕާލުގެ ދިފާއީ ކުންތެރިޔަކު ބޮލުން ޖެހުމުން
81 ވަނަ މިީޓްގައި ޔޫސުފް އަޔާން އާމިރުގެ ހުރަސް އިލާން ރީތިކޮށް ބޮލުން ޖެހުމުން ކީޕަރު ވެއްޓިފައި އަތުން ޖަހާ ބޭރަށް ނެރުނު
94 ވަނަ މިނިޓްގައި އަހުޒަމް ފޮނުވާލި ބާރު ހަމަލާ ސަލާމަތްކުރީ ނޭޕާލުގެ ކީޕަރު
ނޭޕާލާ ދެކޮޅަށް ވަރުގަދަ މެޗެއް، އެކަމަކު ރާއްޖެ ކަޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ