މިހާރު ފުދިއްޖެ، ރައްޔިތުން ގުނބޯ ނުހައްދަވާ މިހާރު ފުދިއްޖެ، ރައްޔިތުން ގުނބޯ ނުހައްދަވާ

މިހާރު ފުދިއްޖެއެވެ. މުޅި ދިވެހިރާއްޖެއަށް ވެސް ލަދެވެ. ބައިނަލްއަގުވާމީ މުޖްތަމައުގައި ދިވެހިން މިވަރަށް ލަދުގަންނުވައިލި ވެރިއަކު، މި ދިވެހި އުޑުދަށުން، ޑރ. މުހައްމަދު މުއިއްޒު ނޫނީ އަދި އުފަން ނުވެއެވެ. މާ ފަށުވި އިބާރާތްތަކަކުން ދިވެހި ދިދަޔާ މުޚާޠަބުކުރައްވައި، މީގެ ދެ އަހަރު ކުރިން، އިޚްލާސްތެރިކަމެއް ނެތް ހާސަރުތަކެއް ދެމީ، މި ދުވަސް ދިވެހިންނަށް ދައްކަން ހެއްޔެވެ؟
ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS)އިން ނިންމި ނިންމުމަށް، ދިވެހި ރައްޔިތުން ހެކިކޮށް ރައްޔިތުންގެ މަޖިލީހުގައި ހަރުއަޑުން ގޮންޖެއްސެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ބައިނަލްއަގުވާމީ މައްސަލަތަކުގައި މަޝްވަރާ އާއި ދޫދިނުމުގެ ތެރެއިން ކަންކަން ހައްލުކުރުމުގައި ރާއްޖެއިން ދަމަހައްޓަމުން އައި، ސުލްހަވެރި ތާރީޚު އެ ދުވަހު ކިލަނބު ކޮށްލެއްވީ، ފިސާރި ފޯރިއާއި ޖޯޝުގައެވެ.
ވާނުވާއެއް ނޭނގި ތިބި މެންބަރުން، މަނިކުފާނުގެ ވާހަކަފުޅަށް ފޯރީގައި އަތްތިލަބަޑި ޖައްސަވަން ފެއްޓެވުމުން އިތުރު ފޯރީގައި ދިވެހި ދައުލަތުގެ އަގު ވައްޓައިލެއްވީމުއެވެ. ބައިނަލްއަގުވާމީ ކޯޓުތަކުގެ ހުކުމްތަކުންނާއި އެކި މުއައްސަސާތަކުން، ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމުގައި ރާއްޖޭގެ ހައްގެއް ނެތްކަން ކަނޑައެޅުމުން، އެކަމަށް ދިވެހި ސަރުކާރުން އިއުތިރާފްވެ، ދިވެހި ދައުލަތުގެ ސިއްކަ ޖައްސަވައި، އޯގަސްޓް 22، 2022 ގައި މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅުގައި މަނިކުފާނު "ކޮޅުފައިން ޖައްސަވައި" އެ ސިޓީފުޅު އަނބުރާ ގެންނެވިކަން އިއުލާން ކުރެއްވީ، މަނިކުފާނުގެ ސިޔާސީ މުލައްދަނޑީގައި ފިސާރި ބާރު ހުރިކަމަށް ބަޔަކު ވިސްނައިދެއްވީމާތޯއެވެ؟
އޮއްޓަރެއް ނެތް ރިޔާސީ ބަޔާނުގައި، ފޯޅަވައްސާ ގުޅުވައިގެން މަނިކުފާނު ދެއްކެވީ ހިތުން ވަރަށް މޮޅު ވާހަކަތަކެކެވެ. އެ ވާހަކަތަކަށް ސައުވީސް ގަޑިއިރު ނުވަނީސް، މުޅި ދުނިޔޭގެ ކުރިމަތީގައި، އިނގިރޭސި ވިލާތުން މަނިކުފާނުގެ ސޯޓު ބޭލިއިރު، އަރިހުގައި ތިއްބެވި ބައިނަލްއަގުވާމީ ލަފާދާރުންނާއި ގާނޫނީ ވަކީލުން ކޮބައިތޯއެވެ؟
ތުރުކީ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ، "އަނަދޫލު" އަށް، އިނގިރޭސި ހާރިޖިއްޔާއިން ލިޔުމުން ދިން ޖަވާބުގައި އޮތީ މިފަދައިންނެވެ؛ "ޗާގޯސްގެ ސިޔާދަތީ ބާރާ މެދުގައި އުފެދޭ ސުވާލަކީ، ޔޫކޭ (އިނގިރޭސި ވިލާތް) އާއި މޮރިޝަސްއާ ދެމެދުގައި އޮތް ސުވާލެއްކަން، އެތައް ކޯޓަކުންނާއި، އެތައް ހުކުމަކުން އަދި އެކި މުއައްސަސާތަކުން ވަނީ ވަރަށް ރަނގަޅަށް ސާފުކޮށްދީފައި."
ރައީސް މުއިއްޒެވެ! އިނގިރޭސި ހާރިޖިއްޔާއިން މި ބުނި އެއްޗެއް މޭރުންވޭތޯއެވެ؟ އެމީހުން އެބުނީ، އޭ މުއިއްޒެވެ! ކޮސް ނުގޮވާ އަމިއްލަ ސައިޒުގައި ހުންނާށެވެ! އިނގިރޭސި ހާރިޖިއްޔާއިން މަނިކުފާނުގެ ވާހަކަތަކަށް – ނުސީދާކޮށް ދިވެހިރާއްޖެއަށް – އެ ދިން ރައްދަކީ، މި ދީބުގެ ރަށްތަކުގައި ދިވެހިން އުޅެންފެށި ހިނދުން ފެށިގެން މިހާތަނަށް، ރަހުމަތްތެރި ގައުމަކުން އަދި ދުނިޔޭގެ އަސްކަރީ ބޮޑު ބާރަކުން ދިވެހިންގެ މޫނުމަތީގައި ޖެހި އެންމެ ދިލަ ގަދަ ތަފާލެވެ.
އިތުރަށް ދިވެހިން ގުނބޯ ހައްދަން ނޫޅުއްވާށެވެ! ފޯޅަވައްސަކީ މާކުރިންސުރެ ރާއްޖޭގެ ޤުދުރަތީ ސަރަހައްދުގައި އޮތް ތަނެއް ކަމަށް ރިޔާސީ ބަޔާނުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ގުދުރަތީ ސަރަހައްދަކީ، ދުނިޔޭގެ އުތުރު ޕޯލުން ފެށިގެން ދެކުނު ޕޯލާ ހަމައަށް ކަމަށް ގަބޫލުކުރައްވާތީތޯއެވެ.
ދިވެހި ރަސްކަމުގެ ފަރާތުން ރާއްޖޭގެ ސިޔާދަތީ އިމުގެ ތެރޭގައި ފޯޅަވަހި ހިމަނާފައިވާކަން ތާރީޚުން ކަށަވަރުވާ ކަމަށް ވިދާޅުވި އިރު، އެކަން ސާބިތުކުރެވޭނެ ރަސްމީ އެންމެ ފަތްކޮޅެއް ވެސް އަދި ލިޔުމެއް ވެސް އާންމުކޮށް ދައްކަވަބައްލަވާށެވެ!
ތިޔަ ވިދާޅުވަނީ ނުވަ ވަނަ ހަސަން ރަސްގެފާނު، ޕޯޗުގީޒުގެ ވެރިންނަށް މީގެ 460 ވަރަކަށް އަހަރު ކުރިން ފޮނުއްވި ކަމަށް ބުނާ ފަތްކޮޅެއްގެ ވާހަކައެވެ. އެ ފަތްކޮޅުގައި އޭނާ ވިދާޅުވެފައި އޮންނަކަމަށްވަނީ، އޭނާއަކީ؛ "ރާއްޖޭގެ ރަށްތަކާއި ސުއާދޫގެ ތިން ޕަޓާނާ އާއި ޕުއްލޮބޭގެ ހަތް ރަށުގެ ވެރިޔާ" ކަމަށެވެ. މި ފަތްކޮޅުގައި އެބުނާ ސުއާދޫގެ ތިން ޕަޓާނާއަކީ ރާއްޖޭގެ އެންމެ ދެކުނުގައި އޮތް ހުވަދު އަތޮޅާއި ފުވައްމުލަކާގައި އައްޑުއަތޮޅެވެ. ޕުއްލޮބޭގެ ހަތް ރަށަކީ ފޯޅަވަހި އަތޮޅުގެ ރަށްތައް ކަމުގައި ބެލިދާނެއެވެ.
ނުވަ ވަނަ ހަސަން ރަސްގެފާނުގެ ފަތްކޮޅެއްގައި މިހެން އޮންނަ ކަމަށް ބުނާ ބުނުން ފިޔަވައި، އޭގެ ކުރީގެ ވެސް އަދި އޭގެ ފަހުގެވެސް އެއްވެސް ލިޔުމެއްގައި ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ސަރަހައްދު ކަމުގައި މާނަކުރެވޭނެ އެއްވެސް އިބާރާތެއް ނެތެވެ. އޭގެ ކުރީގެ ރަސްމީ އަދި ނުރަސްމީ ތާރީޚީ ލިޔުންތަކުގައި ވެސް ދިވެހިރާއްޖޭގެ އިހުތިސާސް ހިނގާ ސަރަހައްދުގެ ގޮތުގައި އޮންނަނީ، މަލިކުން ފެށިގެން އައްޑުއާ ދެމެދެވެ.
ރާއްޖޭގެ ރަށެއްގެ ގޮތުގައި މަލިކު އޮތް އިރު، ދިވެހިރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކިޔައި އުޅުނީ "މަލިކައްޑޫ" (މަލިކުން ފެށިގެން އައްޑޫ) އެވެ. އޭގެ ފަހުން ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުން މަލިކު ވަކިވުމުން ދިވެހިރާއްޖޭގެ ސަރަހައްދުގެ ގޮތުގައި ކިޔައި އުޅުނީ، ހއ. ކެލައިން ފެށިގެން އައްޑުއާ ހަމައަށް "ކެލައައްޑޫ" (ކެލާއިން ފެށިގެން އައްޑޫ) އެވެ. ފޯޅަވައްސާ ގުޅުވައިގެން އެއްވެސް އިރެއްގައި ދިވެހިރާއްޖޭގެ ސަރަހައްދު ސިފަކޮށްދީފައިވާ ކަމުގެ ތާރީޚީ ހެއްކެއް ނެތެވެ.
ރައީސް މުއިއްޒެވެ! ފޯޅަވަހީގެ އަތޮޅުތަކަކީ ދިވެހިރާއްޖޭގެ ސަރަހައްދެއްކަން ތާރީޚީ ގޮތުން ސާބިތުކޮށްދިނުމަށް، މަޖިލީހުގައި ތިޔަ ގޮވީ ހާދަހާ ގިނަ ކޮސްތަކެކެވެ. އޭގެ ތެރެއިން އެއް ކޮހަކީ، ފޯޅަވަހީގެ އަތޮޅުތަކަކީ އޭރު ވެސް، ދިވެހި މަސްވެރީން ދުވަހުން ދުވަހަށް ފަސޭހަކަމާއެކު މަހަށް ނިކުމެ ތިބޭ، ސަރަހައްދެއް ކަމަށް ވިދާޅުވުމެވެ. ތިޔަ ވިދާޅުވި "އޭރު" މާނަކުރެއްވީ ކޮން ދުވަސްވަރަކަށްތޯއެވެ؟
ދިވެހިރާއްޖެ އިސްލާމްވި ދުވަސްވަރަށްތޯއެވެ! ނުވަތަ ނުވަ ވަނަ ހަސަން ރަސްގެފާނުގެ ދުވަސްވަރަށްތޯއެވެ. ނޫނީ ޝަމްސުއްދީން ރަދުންގެ ދުވަސްވަރަށްތޯއެވެ! ނޫނީ ރައީސް ނާސިރުގެ ވެރިކަމުގައި ދިވެހި މަސްދޯނިފަހަރަށް އިންޖީނު ތައާރަފްކުރި ދުވަސްވަރަށްތޯއެވެ!
މިވަރުގެ ކޮހެއް ގޮވިއިރު، ދިވެހިރާއްޖޭގެ އާޖުފާޖު ދަންނަ މީހަކު ވެސް މަނިކުފާނުގެ އަރިހުގައި ނެތީތޯއެވެ؟ ދިވެހިންގެ އޮޑިފަހަރުގެ ތާރީޚާއި ދިވެހި ކަނޑު ދަތުރުފަތުރުގެ އެކޮޅުމިކޮޅު އެނގޭ މީހަކު ވެސް ނެތީތޯއެވެ؟ އެންމެ ކުޑަމިނުން ރާއްޖޭގެ އެންމެ ދެކުނު ބޭރުދުނިން ފެށިގެން ފޯޅަވަހީގެ އެންމެ އުތުރު ބޭރުދުންޏާ ހަމައަށް ހުރީ ކިތައް މޭލުކަން ބުނެދޭނެ މީހަކު ވެސް، އަރިހުގައި ނެތީތޯއެވެ؟
އެނގިވަޑައިގަންނަވާތޯއެވެ! އެ ޒަމާނުގައި (ދޯނިފަހަރުގެ އިންޖީނު އެޅުމުގެ ކުރީގަޔާއި އަދި އިންޖީނު އެޅުމުގެ ފަހަށް ވެސް އަހަރުތަކެއް ވަންދެން) ދިވެހިން މަސްވެރިކަން ކޮށްއުޅުނު ވައްޓަފާޅިއަކީ، އިރަށްދޮންވާން ފެށީމާ ރަށުން ފުރައިގެން ގޮސް، ހާހަލުންނާއި ގިރިގިރިން އެންދަމައިގެން، އަތޮޅުން ބޭރަށް ނުކުމެ އައިނަށް އަރައި މަސް ބައިގެން، އެތެރެވަރީ ރަށެއްގައި ބަނޑަހަ ޖަހާ ބަޔަކު ނޫނިއްޔާ، އިރުގެ އަލިކަން ހުއްޓައި އެނބުރި ރަށަށް އައުމެވެ. އެގޮތަށް މަހަށް ދާއިރުވެސް، ދިވެހި މަސްވެރިން ދަމަހައްޓަމުން އައި އެއް އާދައަކީ، ރަށުން ފުރައިގެން ގޮސް ރަށުގެ މަލަ ފެންނަ ނުފެންނަ ހިސާބުގައި ދޮށިއަޅަން ތިބެފައި، އިރުގެ އަލިކަން ހުއްޓައި ރަށަށް ލެފޭ ވަރަށް އޮޑި އަނބުރައިލުމެވެ.
އެނގިވަޑައިގަންނަވާތޯއެވެ! އައްޑޫ ގަމުގެ އެންމެ ދެކުނު ބޭރުދުނިން ފެށިގެން ފޯޅަވަހި އަތޮޅުތަކުގެ އެންމެ އުތުރު ބޭރުދުންޏާ ހަމައަށް ހުންނަނީ، 269 ނޯޓިކަލް މޭލެވެ. އައްޑު އަތޮޅު މީދޫގެ އެންމެ އުތުރު ބޭރުދުނިން ފަށައިގެން މާލެއާ ވީ މިސްރާބަށް މިން އަޅައިފިއްޔާ އެ ދުރުމިން ހަމަވާނީ، މާލެއަތޮޅު ގުރައިދޫގެ އުތުރުން އޮންނަ ބިޔާދޫ ރިސޯޓަށެވެ.
އެހާ ދުރުމިނަށް (އައްޑޫން ފުރައިގެން މާލެއަތޮޅާ ހަމައަށް) އެޒަމާނުގެ ނާލު އޮޑިފަހަރުގައި، ފައްސިޔަށް ދުއްވައިގެން ވެސް، ދަތުރެއްކުރެވެނީ ކިތައް ދުވަހުންކަން، ދަންނަ މީހެއް ގާތުން އަހައި އޮޅުންފިލުއްވާށެވެ. މަނިކުފާނު ތިޔަ ވިދާޅުވަނީ އެހާ ދުރުގައި އޮތް ޖަޒީރާތަކެއްގެ ކައިރިއަށް އޭރުގެ ދިވެހި މަސްވެރިން ދުވަހުން ދުވަހަށް ގޮސް މަސްވެރިކަން ކޮށްގެން އެނބުރި އަންނަ ވާހަކަތޯއެވެ؟
އޭރުގައި ދިވެހިންގެ މަސްދޯނިފަހަރުގެ ބޮޑުމިނާއި މަސްދޯނިފަހަރު ދަތުރުކުރަން ބޭނުންކުރި ހަކަތައާއި، އެ ހަކަތައިގައި ދޯނިފަހަރުގެ ދުވެއްޔަކީ ކޮބައިކަން، ވިސްނައިދޭނެ މީހަކު ވެސް މަނިކުފާނުގެ އަރިހުގައި ނުގެންގުޅުއްވަންތޯއެވެ؟ ދަންނަވަމެވެ. އޭރުގައި ދިވެހި އޮޑިފަހަރާއި މަސްދޯނިފަހަރު ދަތުރުކުރީ ރިޔަލުގަޔާއި ފަލީގައެވެ. ވައި ރަނގަޅިއްޔާ ރިޔަލު ފެނުއަޅުވާފައި ފައްސިޔައިގައި ދަތުރުކުރެވެއެވެ. ވައި ނުބައިއްޔާ ދެއަތަށް ހޭރިޔާ ކުރަމުންނެވެ. ވައި ހިނދިފައި ނަމަ ފަލި ޖަހައިގެންނެވެ.
އެނގިވަޑައިގަނޭތޯއެވެ! ތިޔަ ވިދާޅުވާ އޭރުގައިވެސް އަދި މިހާރު ވެސް، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލައިގެ އާންމު އުސްމިނަށް ބަލާއިރު، ރަށުން ފެށިގެން 12 މޭލަށް ނުކުތުމުން އެރަށެށް އޮބާނެއެވެ. ބުއްދީގެ މި ހަމައިން ބަލާއިރު، ފޯޅަވަހީގެ ރަށްތަކާ ހަމައަށް ދެވުނުކަން އެ ޒަމާނުގައި މަސްވެރިންނަށް އެނގޭނެ ހަމައެކަނި ގޮތަކަށް އޮންނާނީ، ފޯޅަވަހީގެ ރަށްތަކުގެ މަލަ ފެންނަ ހިސާބަށް ކައިރިއަށް ދެވުމެވެ. އެއީ އެންމެ ދުރުވެގެން ވެސް ފޯޅަވަހީގެ ރަށްތަކާ 12 މޭލު ކައިރިއަށް ދެވުމުންނެވެ.
އައްޑުއަތޮޅުން ދެކުނަށް ދަތުރުކޮށް ރަށްތައް އޮބާ ހިސާބަށް ނުކުމެވުމުން، ދެން އޮންނާނީ ސަރާސަރު ކަނޑެވެ. ހަތަރު ފަރާތު އުދަރެސް ނޫން ތަނެއް ނުފެންނާނެއެވެ. އަދި އަމުދުން އެޒަމާނަކީ، ދަގަތްފާނީ ސަމުގާ ފިޔަވައި އިތުބާރު ހިފޭ ނިޔަމިކަމުގެ އެއްވެސް އާލާތެއް ގެންގުޅޭ ޒަމާނަކަށް ނުވުމުން، ވަށައިގެން ފެންނަ ހަތަރު އުދަރެހުން ސަމުގާ މިސްރާބުތައް – އޮޑީގައި ސަމުގާއެއް އޮތިއްޔާ – ލަފާކޮށްލަން އެނގުން ފިޔަވައި، އޮޑި ހުރި ތަނެއް، ހިކިފަސް ތަނަކާ ހުރު ދުރުމިނެއް އެނގޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ދަންނަވަން މިއުޅެނީ، ފޯޅަވަހި ފެންނަ ހިސާބަށް (ފޯޅަވައްސާ 12 ވަރަކަށް މޭލު ކައިރިއަށް) ދެވުމުން ނޫނީ، މި މަސް ބޭނެނީ ފޯޅަވަހި ކައިރިންކަން ދެނެގަނެވޭނެ އެއްވެސް ގޮތެއް އެ ޒަމާނަކު ނޯންނާނެއެވެ. އެހާ ހިސާބަށް، ޔައުނީ އައްޑޫން ފުރައިގެން 257 (269-12=257) މޭލު ދެކުނަށް ދަތުރުކޮށް މަސް އައިނަކަށް އެރިގެން ނޫނީ، ފޯޅަވަހި ކައިރިން މަސް ބޭނުނުކަން، މަސްވެރިންނަކަށް ނޭނގޭނެއެވެ. މިވާހަކަ މި ދައްކަނީ ދިވެހި މަސްވެރިންގެ ދަތުރުފަތުރުގެ އާދަކާދަ ހުރި ގޮތުގެ މައްޗަށް ބިނާކޮށެވެ.
މަނިކުފާނު ތިޔަ ވިދާޅުވަނީ، ރިޔަލު ދޯނިފަހަރުގައި ނުވަތަ ރިޔަލާއި ފަލީގައި ހެނދުނު ފުރައިގެން 257 މޭލު ދުރަށް (ފޯޅަވަހި ކައިރިއަށް) ދަތުރުކޮށް މަސް ބައިގެން، އަނެއްކާ ހަމަ އެދުވަހު 257 މޭލަށް ދަތުރުކޮށްފައި އެނބުރި ރަށަށް އަންނަ ވާހަކަތޯއެވެ. އެހެންވިއްޔާ، އެ ޒަމާނުގައި ރިޔަލު ދޯނިފަހަރުގައި އައްޑުއާ މާލެއާ ދެމެދު ދުވާލަކު ހާދަ ދަތުރެއް ކުރާނެތާއެވެ؟ އަދި އޭރު އެ ޖެހުނު ވަޔަކީ ހާދަ ބާރަށް ޖެހުނު ވަޔަކަށްވެސް ވާނެތާއެވެ. އަދި ހެނދުނު އުތުރުން ދެކުނަށް، އަދި މެންދުރު ފަހު ދެކުނުން އުތުރަށް، ހާދަ ވަރުގަދަ އޮއިވަރެއް ވެސް، އައްޑުއާއި ފޯޅަވައްސާ ދެމެދުގައި ހުންނާނެތާއެވެ.
އަޅުގަނޑުމެން ދިވެހިންނަކީ ކަންނެލި ބޯ ކައިގެން އުޅޭ ބަޔަކަސް، އެހާ ގަމާރު ބައެއް ކަމަށް ހީފުޅު ނުކުރައްވާށެވެ. އަދި އެންމެންނަކީ، އަރިހުގައި ތިއްބެވި ދެފޫދޯރިތައް ފަދަ ބައެއްކަމަށް ވެސް ހީފުޅު ނުކުރައްވާށެވެ.
މިހާރު ލައްކަ ދޮގު ވެސް ހެއްދެވިއްޖެއެވެ. ދިވެހިންގެ ޤައުމިއްޔަތުގެ ދިފާޢުގައޭ ވިދާޅުވެ ކިތަންމެ ކޮހެއް ވެސް ގޮވައިފީމުއެވެ. ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިން އަބުރު ވެއްޔާ ބޮޑެލައިފީމުއެވެ. ދިވެހިރާއްޖޭގެ ރީތި ނަން ހުތުރު ކުރައްވައިފީމުއެވެ. މިވަރުން ފުދިއްޖެއެވެ. ދެން އިސްތިއުފާ ދެއްވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ