ގާނޫނުއަސާސީއާ ކުޅެނީ ރިޔާސީ ދައުރު ދަންމަން: އެމްޑީޕީ

މިހާރު ވެރިކަންކުރާ ޕީއެންސީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ގާތަށް ދާންނުޖެހޭނެ ގޮތްތައް ހޯދުމަށް ގާނޫނުތަކަށް ބަދަލުތައް ގެނެސް، ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފި އެވެ. އެމްޑީޕީން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލައި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީޚެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު، ވެރިކަންކުރާ ޕާޓީގެ ސުޕަ މެޖޯރިޓީއާއެކު މިއަދު މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ރައްޔިތުން ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފި ނަމަ، މުހައްމަދު މުއިއްޒަކީ ދިގުދެމިގެންދާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑުކޮށްލައިގެން ހުންނަވާނެ ބޭފުޅެއް ކަމަށެވެ."ރައްޔިތުން ވިސްނާ، ރައްޔިތުން އަޅުގަނޑުމެންނާއެކު ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިކަމުގައިވާ ނަމަ ރައީސުލްޖުމްހޫރިއްޔާއަކީ ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް މި ރާއްޖޭގެ މި ވަގުތުގެ ރައީސުލްޖުމްހޫރިއްޔާއަކީ." އޭނަ ވިދާޅުވި އެވެ.މައުރޫފް ވިދާޅުވީ ޑިމޮކްރަސީ ރާއްޖެ އަށް އައިސް ރައްޔިތުންނަށް ރައްޔިތުންގެ ހަގީގީ ބާރު ބެނުންކޮށްލަން ލިބޭ ހަމައެކަނި ފުރުސަތަކީ ވޯޓުލުމުގެ ފުރުސަތު ކަމަށެވެ އަދި ހައްގު ނިގުޅައިގަތުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ވިދާޅުވީ، މި ސަރުކާރުން މިހާރު އަޒުމުކަނޑައަޅައިގެން ތިބީ، ވައުދުތައް ނުފުއްދޭތީ، ރައްޔިތުންގެ ގާތަށް ނައިސްވާނެ ހުރިހާ ގޮތެއް މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ބަދަލު ގެނެސްގެން ކުރުމަށް ކަމަށެވެ.މަޖިލީހުގެ މެޖޯރަޓީ ޕީއެންސީގެ އަތުގައި އޮތުމުން، އެއްގޮތަކަށް ވެސް ރައްޔިތުން ގާތަށް ނުގޮސް، ވެރިކަމުގައި ދިގު މުއްދަތަކަށް ތިބޭނެ ގޮތެއް މި މަޖިލިސް ތެރެއިން ޕީއެންސީއަށް ނިންމެން އެބައޮތް ކަމަށާއި އެކަން މިހާރު ހުއްޓުވޭނީ ހަމައެކަނި ރައްޔިތުންނަށް ކަމަށް ނާޒިލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ