ފ. އަތޮޅާއި ދ. އަތޮޅަށް ފެށި އާރުޓީއެލް ފެރީގެ އަގުތައް އާންމުކޮށްފި
މިދިޔަ އަންގާރަ ދުވަހު ފ. އަތޮޅަށާއި ދ. އަތޮޅަށް ފެށި އާރުޓީއެލް ފެރީ ޚިދުމަތުގެ އަގުތައް މިއަދު އާންމުކޮށްފިއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކުގެ ތެރެއިން އެއްކޮޅު ދަތުރުތައް އެންމެ އަގުހެޔޮކޮށް ކުރަނީ 35 ރުފިޔާއަށެވެ. އަދި އެންމެ އަގުބޮޑުކޮށް ކުރަނީ 70 ރުފިޔާއަށެވެ. https://sun.mv/218062 ދެކޮޅު ދަތުރެއްނަމަ، އެންމެ އަގުހެޔޮ ދަތުރެއް ކުރަނީ 65 ރުފިޔާއަށެވެ. އަދި އެންމެ އަގުބޮޑުކޮށް ދަތުރެއް ކުރަނީ 130 ރުފިޔާއަށެވެ. ދ. އަތޮޅުގައިވެސް އެންމެ އަގުހެޔޮކޮށް އެތެރޭގެ ދަތުރުތައް ކުރަނީ އެއްކޮޅަށް ނަމަ، 35 ރުފިޔާއަށެވެ. އަދި ދެކޮޅަށް ނަމަ، 65 ރުފިޔާއަށެވެ. އެކަމަކު ފ. އަތޮޅުގެ އެތެރޭގެ ރޫޓުތަކަށްވުރެ، ދ. އަތޮޅުގެ އެތެރޭގެ ބައެއް ރޫޓުތަކުގައި ކުރާ ދަތުރުތަކުގެ އަގުތައް ބޮޑެވެ. އެގޮތުން ދ. އަތޮޅުގައި އެންމެ އަގުބޮޑުކޮށް އާރުޓީއެލް ފެރީގެ ދަތުރެއް އުޅެނީ، އެއްކޮޅު ދަތުރެއް ނަމަ 125 ރުފިޔާއަށެވެ. އަދި ދެކޮޅު ދަތުރެއް ނަމަ 225 ރުފިޔާއަށެވެ. ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު ކުރާ ދަތުރުތަކަށް ބަލާއިރު، އެންމެ އަގުހެޔޮކޮށް އެއްކޮޅު ދަތުރެއް އުޅެނީ 130 ރުފިޔާއަށެވެ. އަދި އެންމެ އަގުބޮޑު އެއްކޮޅު ދަތުރެއްނަމަ 150 ރުފިޔާއަށެވެ. ދެކޮޅު ދަތުރެއް ނަމަ އެންމެ އަގުހެޔޮ ދަތުރެއް 260 ރުފިޔާއަށް، އަދި އެންމެ އަގުބޮޑު ދަތުރެއް އުޅެނީ 300 ރުފިޔާއަށެވެ. އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ޚިދުމަތުގެ ޓިކެޓު، ވެބްސައިޓުންނާއި މޯބައިލް އެޕުން ނެގޭނެއެވެ. އެމްޓީސީސީން ވަނީ އާރުޓީއެލް ފެރީގައި އެ ދެ އަތޮޅުގައި ހިލޭ ދަތުރުކުރުމުގެ ފުރުސަތު، ހަފުތާއެއް ވަންދެން ދީފައެވެ. ދެހާސްބާވީސް ވަނަ އަހަރު ފެށި މި ޚިދުމަތަކީ، ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީގެން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދާ، ތަރުހީބު އޮތް މަސައްކަތެއް ނަމަވެސް، ދަތުރުކުރާ ފެރީތައް އިތުރުނުކޮށް ޚިދުމަތް ފުޅާކުރަމުން ދިއުމުން، ކުރިން ފެރީ ފެށި އަތޮޅުތަކުގައި ޝެޑިއުލާއި އެއްގޮތަށް ކުރިޔަށް ނުދާތީ ރައްޔިތުންގެ ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ