ހައި ކޯޓުން ބޭރުކޮށްލި ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވުމުގެ މައްސަލަ އަލުން ހުށަހަޅައިފި

ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ދީ ހުޅުވާލަން ސަރުކާރުން ނިންމައި އާންމުކުރި ގަވާއިދާއި ޕްލޭން ބާތިލްކުރަން ހުށަހެޅި ދުސްތޫރީ މައްސަލަ އިސްލާހުކުރުމަށް ފަހު އަލުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - ކަށިމިޔަރު މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން ނިންމީ، އެކަން ނުކުރުމަށް ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި ގިނަ އަދަދެއްގެ ޑައިވަރުން ވެސް ގޮވާލަމުން ދަނިކޮށެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ދެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަބްދުލްގަފޫރު އަދި މުހައްމަދު ސީނީން އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލުމަކީ، ގާނޫނުއަސާސީ އަދި އެހެނިހެން ގާނޫނުތަކަކާ ވެސް ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށް ބުނެ މި މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ ޑިސެމްބަރުގަ އެވެ.
ތަފްސީލް - ދުސްތޫރީިި މައްސަލައަކަށް ވާނީ ގާނޫނެއް ނުވަތަ ގަވާއިދެއް ގާނޫނުއަސާސީއާ ހިލާފުވުމުން ކަމަށް ބުނެ، ހައި ކޯޓުން އޭރު އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ. ރަޖިސްޓްރާގެ މި ނިންމުން މުރާޖައާކުރަން ހުށަހެޅުމުން ފަނޑިޔާރުންގެ މަޖިލީހުން ވެސް ނިންމީ، އާންމު މަސްލަހަތު ހިމެނޭ ދުސްތޫރީ މައްސަލަތަކަކީ ހައި ކޯޓުގެ އިހުތިސާސްގެ ބޭރުގައިވާ މައްސަލައަކަށްވާތީ ބަލައިގަނެވެން ނެތް ކަމަށެވެ.
ފަނޑިޔާރުންގެ މި ނިންމުމާ ގުޅިގެން، ކުރިން ހުށަހެޅި މައްސަލަ އިސްލާހުކުރުމަށް ފަހު، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އަލުން އެ ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ 2ގަ އެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެނގުން މުހިންމު - ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މިކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ. ސަބަބަކަށް ފާހަގަކުރީ:
ކަށިމިޔަރުގެ ސްޓޮކް އެސެސްމަންޓެއް ނެތުން
ދިރުންތަކުގެ ނާޒުކުކަމާއި އާބާދީ އަވަހަށް ދިޔުމުގެ ތާރީހީ ރެކޯޑު އޮތުން
މޫސުމަށް އަންނަ ބދދަލުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން
ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ