ޗައިނާގައި އެމެރިކާގެ ނިއުކްލިއާ ސައިންޓިސްޓަކު ހައްޔަރުކުރިތާ ދެ އަހަރު

ޖާސޫސް ކުރުމުގެ ތުހުމަތުގައި، ނިއުކްލިއާ ޓެސްޓުތައް ދިރާސާކުރާ އެމެރިކާގެ ސައިންސްވެރިއަކު ޗައިނާއިން ހައްޔަރުކޮށްގެން ގެންގުޅޭތާ ގާތްގަނޑަކަށް ދެ އަހަރު ވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.
ރަހީނުކޮށްފައިވާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ގްލޯބަލް ރީޗް" އިން ބުނި ގޮތުގައި، އުމުރުން 54 އަހަރުގެ ޗެން ޔޫލިން ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އާއިލާއަށް ޒިޔާރަތްކުރުމަށް ބެއިޖިންއަށް ކުރި ދަތުރެއްގަ އެވެ. ޗެން މިނިވަންކުރާނެ ކަމުގެ އެއްވެސް ނިޝާނެއް ޗައިނާ ސަރުކާރުގެ ފަރާތުން ނުފެނުމުން، އޭނާގެ އާއިލާއިން މިހާރު ވަނީ މި މައްސަލައިގައި އާންމުކޮށް ވާހަކަދައްކަން ނިންމާފަ އެވެ.
ޗެންގެ އަންހެނުން އަދި ސައިންސްވެރިއެއް ކަމަށްވާ ރޮންގް ޔޫފަންގް ބުނީ، ޗެން މަސައްކަތް ކުރީ ޗައިނާގެ ސައިންސްވެރިންނާ ވަރަށް ގާތުން ކަމަށެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށެވެ.
ޗެން ޝާއިއުކޮށްފައިވާ ދިރާސާތައް ބޮޑަށް ބިނާވެފައިވަނީ، ޗައިނާގެ ގާތް އެކުވެރިއެއް ކަމަށްވާ އުތުރު ކޮރެއާގެ މައްޗަށެވެ. އުތުރު ކޮރެއާއަކީ އެ ގައުމުގެ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއާއި ބިމުގެ އަޑީގައި ކުރާ ޓެސްޓުތަކާ ގުޅިގެން ބައިނަލްއަގުވާމީ ގޮތުން ދިގު މުއްދަތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމެކެވެ.
ޗެންގެ މަސައްކަތްތަކުގައި ޗައިނާގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިމެނޭކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ. ނަމަވެސް، އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާއިން ދަނީ އާ ނިއުކްލިއާ ހަތިޔާރުތަކެއް އުފައްދައި ސިއްރު ޓެސްޓުތަކެއް ކުރަމުންނެވެ. ޗައިނާ ސަރުކާރުން މިކަން ދޮގުކުރެ އެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައާ ގުޅޭ ގޮތުން ސުވާލުކުރުމުން، ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއިން މައްސަލަތައް ކުރިއަށްގެންދަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވީ، "ނުހައްގުން ބަންދުކުރުން" ކަމަށް ބުނާ ފަދަ އެއްވެސް ކަމެއް އެ ގައުމުގައި ނުހިނގާ ކަމަށެވެ. ޗައިނާގެ ގާނޫނުތައް ބުނާ ގޮތުން ޖާސޫސްކުރުމުގެ ކުށް ސާބިތުވާ މީހުންނަށް އުމުރަށް ޖަލަށްލުން ނުވަތަ މަރުގެ އަދަބު ދެވިދާނެ އެވެ.
ޗެން އަކީ މިވަގުތު ޗައިނާގައި "ނުހައްގުން ބަންދުކޮށްފައިވާ" މީހެއްގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ހަމައެކަނި އެމެރިކާ ރައްޔިތެވެ.
ޗައިނާއަށް އުފަން ޗެން އެމެރިކާގެ ރައްޔިތަކަށްވީ 2011 ވަނަ އަހަރު އެވެ. އޭނާ ދިރިއުޅެމުން ދިޔައީ އެމެރިކާގެ މެސެޗުސެޓްސް ސްޓޭޓްގެ ބޮސްޓަންގަ އެވެ.
އޭނާއަކީ ބިމަށް އަންނަ ލޮޅުންތަކުގެ މައުލޫމާތު ބޭނުންކޮށްގެން ނިއުކްލިއާ ޓެސްޓުތައް ދެނެގަތުމުގެ މާހިރެކެވެ. އަދި އެމެރިކާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިޔަ ބައެއް މަޝްރޫއުތަކުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ. އޭނާގެ އަންހެނުން ރޮންގް ބުނި ގޮތުގައި، ޗައިނާގެ ސައިންސްވެރިންނާއެކު ޗެން ކުރި މަސައްކަތްތަކަކީ އަބަދުވެސް ދެފުށް ފެންނަ ގޮތަށް ކޮށްފައިވާ މަސައްކަތްތަކެކެވެ.
ޗެން ހައްޔަރުކޮށްފައިވާކަމުގެ ތަފްސީލުތައް އާންމުވެފައި މިވަނީ، މިޔަންމާގެ ކަންކަމަށް ހާއްސަ ތިންކް ޓޭންކެއްގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އެމެރިކާގެ މިން ޒިން ހައްޔަރުކުރިކަން ޗައިނާއިން ކަށަވަރުކޮށްދިންތާ މަހެއްހާ ދުވަސް ފަހުންނެވެ.
މިން ޒިންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ޖާސޫސްކުރުމާއި ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ