ހައިކޯޓުން ބޭރުކޮށްލި ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވާ މައްސަލަ، އަލުން ހުށަހަޅައިފި
ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް، އެ މައްސަލަ އިސްލާހާއެކު އަލުން ހުށަހަޅައިފިއެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ބާތިލުކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅާފައިވަނީ ސޭވް މޯލްޑިވްސް ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ތިމާވެށީގެ އެކްޓިވްސްޓް ހުމައިދާ އަބްދުލްޣަފޫރާއި މ. މާމުލި، މުހައްމަދު ސިނީންގެ ފަރާތުންނެވެ. އެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމާއެކު ބޭރުކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެވެ. މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށް ކަނޑައަޅައިފައެވެ. އެއާއެކު އެކަން އިސްލާހުކުރުމަށް ފަހު އަލުން އެ މައްސަލަ ވަނީ ހައިކޯޓަށް ހުށަހަޅައިފައެވެ. https://sun.mv/215510 ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިދިޔަ ނޮވެމްބަރު މަހު ވަނީ ބުނެފައެވެ. އަދި، ކަށިމިޔަރު މަސްވެރިކަން ކުރެވޭނީ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކަމަށާއި ލައިސަންސް ދޭ އުޅަނދުތަކުގައި ލޮކޭޓިން ޑިވައިސްއެއް ހަރުކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. ރާއްޖޭގައި ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެ ކުރިން ވަނީ ކޮށްފައެވެ. އެއީ, ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓުވީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާ އެކުގައެވެ. https://sun.mv/213387 އެހެންނަމަވެސް, ފަހަކަށް އައިސް މަސްވެރިން ވަނީ މިޔަރު ގިނަވުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. ކަށިމިޔަރު މަސްވެރިކަމުން ބޮޑު ނަފާއެއް ހޯދިދާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އެކަމަކު، ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފިނަމަ ދިވެހި މަސްވެރިކަމުގެ އިތުރުން، ފަތުރުވެރިކަމަށް ވެސް ގެއްލުންވެ، ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ރަނގަޅު ނަން ކިލަނބުވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވެއެވެ. ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސްގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި، އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ