ހުކުރު ދުވަސްތަކުގައިވެސް ތެލަސީމިއާ ސެންޓަރުން ހިދުމަތް ދޭން ފަށައިފިއެވެ.
މިކަން ހާމަ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 1994 ވަނަ އަހަރު ޑިސެމްބަރު 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން ފާއިތުވި 31 އަހަރުގެ ދިގު ތާރީހުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ހިދުމަތް ދީފައި ނުވާ ކަމަށެވެ.
ނަމަވެސް މި މަހުގެ 20 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވާ ލޭ އެޅުމުގެ ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ދުހުވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހެދި 5 ފަރާތަކުން ލޭހަދިޔާކޮށްފައިވާކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މި ރޯދަ މަސް ނިމުމުންވެސް ހުކުރު ދުވަހު ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ހިދުމަތް ކުރިޔަށް ގެންދެވޭނެކަމަށާއި، މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭންުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރު ހިންގުން އޮރެންޖު ހިޔާއަށް ބަދަލުކޮށް، ޖާގައިގެ އިތުރުން އެ ސެންޓަރުގެ ވަސީލަތްތައް ވެސް ރަނގަޅުކޮށްފައެވެ.
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް ހުޅުމާލެއަށް ބަދަލުކުރުމުން ހުޅުމާލޭ ހޮސްޕިޓަލުން ބޮޑު ދައުރެއް އަދާކުރާ ކަން ފާހަގަކޮށް ރައީސް ވަނީ މާލެއިން ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އައިޖީއެމްއެޗްއަށް ގޮސްގެން ލޭ ދެވޭނެ ކަމަށާއި، ލޭ ރައްކާތެރިކަމާއެކު އޮރެންޖް ހިޔާއަށް ގެނެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.
ހުކުރު ދުވަސްތަކުގައިވެސް ތެލަސީމިއާ ސެންޓަރުން ހިދުމަތް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ