ބޮޑު ފަސޭހައެއް، ތެލެސީމިއާ ސެންޓަރުން ފުރަތަމަ ފަަހަރަށް ހުކުރު ދުވަހު ހިދުމަތް ދޭން ފަށައިފި

ތެލެސީމިއާ ސެންޓަރުން ފުރަތަމަ ފަަހަރަށް ހުކުރު ދުވަހު ހިދުމަތް ދޭން ފަށައިފި އެވެ.
އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތުގައި 1994 ވަނަ އަހަރު ޑިސެމްބަރު 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީހުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ހިދުމަތް ދީފައިނުވެ އެވެ.
ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައިވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ހިދުމަތް ދޭން ވަނީ ފަށާފައި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން 20 ފެބްރުއަރީ ވީ ހުކުރު ދުވަހުވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާފައިވެ އެވެ. އަދި ފަސް މީހަކު ލޭ ހަދިޔާ ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ރޯދަ މަސް ނިމުމުން ވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭ އެޅުމުގެ ހިދުމަތް ކުރިޔަށް ގެންދެވޭނެ އެވެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށް ވެސް ހުކުރު ދުވަހު ލޭ ހަދިޔާ ކުރަން އައުމަަށް ފަސޭހަ ވެގެންދާނެ ކަމުގައި ވިދާޅުވި އެވެ.
ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖްހިޔާ އަށް ބަދަލުކޮށް އެ ސެންޓަރުގެ ހިދުމަތް އިތުރަށް ވަނީ ފުޅާކޮށްފަ އެވެ. އަދި ތެލެސީމިއާ ކުދީންނާއި މީހުންނަށް މިހާރު ދަނީ މަހަކު 2,000 ރުފިޔާގެ އެލަވަންސްއެއް ވެސް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ