"ހަނގުރާމައިގެ މި ހާލަތުގައި އިންތިޚާބާ ދިމާކޮށް ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރަންޖެހޭ، މިއީ ގައުމާ މެދު ވިސްނަންވީ ވަގުތު"

މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާ މި ދަނޑިވަޅުގައި، ހަމައެކަނި ފަތުރުވެރިން އަދި ފްލައިޓުތައް އިތުރު ވާނެ ކަމުގެ އުންމީދުގައި ނުތިބެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ގޮވާލައްވައިފިއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާއިރު، ތެލުގެ އަގު މަތިވެ، ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތް ކުރިއާ އަޅާ ބަލާއިރު ވަނީ ދަށްވެފައެވެ. އަދި މެދުއިރުމަތިން ރާއްޖެއަށް އަންނަ ބައެއް ފްލައިޓްތައް ކެންސަލްވެ، ޓިކެޓުގެ އަގުތައް ބައެއް އެއާލައިންތަކުން ވަނީ ބޮޑުވެސް ކޮށްފައެވެ. ރާއްޖޭގެ އިގްތިސޯދަށް ވެސް އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާއިރު، ރިޒާވަށް އަސަރު ކުރުމުގެ ބިރު އެބައޮތެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސޯދީ ދަތިކަމާއެކު، މި ދަނޑިވަޅަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރަން ޖެހޭ ވަގުތު ކަމަށެވެ. އެގޮތުން ކުރިމަތީގައި އޮތީ ކިހާ ދަތި ދުވަސްތަކެއްކަން ދެނެގަންނަން ވެސް އުނދަގޫ ކަމަށް ވިދާޅުވެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިހާރު ވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަމުން ކަމަށް ފައިސަލް ވިދާޅުވިއެވެ. ރާއްޖެއަކީ އަސާސީ ތަކެއްޗަށް މުޅިން އެހެން ގައުމުތަކަށް ބަރޯސާވެފައި އޮންނަ ގައުމެއްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ތެލާއި، ގޭހާއި، ކާބޯތަކެތި އަދި ބޭސް މެދުކެނޑުމެއްނެތި ރައްޔިތުންނަށް ލިބޭނެ ގޮތް ޔަގީންކުރެވިފައި އޮންނަން ވާނެ ކަމަށެވެ. މީގެ ކުރިން އަޅުގަނޑުމެން ވަނީ ކޮވިޑު 19ގެ ދަތި ދުވަސްތަކާ ކުރިމަތިލައި، އެ ދުވަސް ތަކުން ގިނަ ތަޖުރިބާތަކެއް ކޮށްފައި. އެ ދުވަހުގެ ދަތި އަދި ނާޒުކު ހާލަތުން އަރައިގަނެވުނީ، ޚަރަދު ކުޑަ ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުންގެ ހިތްވަރުން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ފައިސަލް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ފަތުރުވެރިންގެ އަދަދު ދަށްވަމުންދާއިރު، ކުރިއަށް އޮތީ ޔޫރަޕުގެ ހޫނު މޫސުން ކަމަށްވެފައި، މި ދުވަސްވަރަކީ ފަތުރުވެރި ކަމުގެ އާމްދަނީ ދަށް ވާނެ ދުވަސް ވަރެއް ކަމަށެވެ. އެހެންކަމުން ހަމައެކަނި ފަތުރުވެރިން އަދި ފްލައިޓުތައް އިތުރުވާނެކަމުގެ އުންމީދުގައި ނުތިބެ، ދައުލަތަށް ލިބޭ އާމްދަނީން ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. https://x.com/FaisalNasym/status/2032428424070115656 އެހެންކަމުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން އިތުރު ކުރަމުންދާ ވަޒީފާތަކާއި، އަދި އެހެނިހެން ބޭކާރު ޚަރަދުތައް އެއްކޮށް ހުއްޓާލަން ފައިސަލް ގޮވައިލެއްވިއެވެ. އަދި އިންތިޚާބު ކުރިއަށް ގެންދާއިރު ވީހާ ވެސް ޚަރަދު ކުޑަކޮށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު މި ހާލަތުގައި ގައުމީ މަސްލަހަތު އިސްކޮށް، ސައްހަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަ ކުރަން ފައިސަލް ނަސޭހަތްތެރިވިއެވެ. ފައިސަލް އެފަދައިން ވިދާޅުވިއިރު، މެދުއިރުމަތީގެ ހަނގުރާމަ އަދި ވެސް ނުހުއްޓޭތީ، ރިޒާވަށް އަސަރު ކުރުމުގެ ބިރު އޮތުމުން އިތުރު 100 މިލިއަން ޑޮލަރު ހޯދުމަށް އިންޓަލެޓަރަލް ދެ އެޖެންސީއަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު މަތިވާތީ އިތުރަށް ކުރަން ޖެހޭ ޚަރަދު ފޫބެއްދޭނީ އެ ފައިސާ ހޯދައިގެން ކަމަށެވެ. ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ. https://sun.mv/219083 ކަން އެހެން އޮއްވައި މިނިސްޓަރު ޒަމީރު އިއްޔެ ވިދާޅުވީ، އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ