ތެޔޮ ހޯދުމަށް ރާއްޖެއިން އިންޑިއާގެ އެހީއަށް އެދިއްޖެ

އިސްރާއީލާއި އެމެރިކާ އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުމަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އަދި ސްްރީލަންކާއިންވެސް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް އެދިފައިވާ ކަމަށެވެ.
ޖައިސްވާލް ވިދާޅުވި ގޮތުގައި، އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް ތެލުގެ ބާވަތްތައް އެކްސްޕޯޓްކުރާ މައިގަނޑު އެއް ޤައުމެވެ. އަދި މިހާރު ހުށަހަޅާފައިވާ ރިކުއެސްޓްތަކަށް ބަލައި، އިންޑިއާގެ އަމިއްލަ ބޭނުންތަކަށާއި، ތެޔޮ ސާފުކުރާ މިންވަރަށް ރިޢާޔަތްކުރުމަށްފަހު އެހީތެރިކަން ފޯރުކޮށްދިނުމާ މެދު ގޮތްތަކެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަނޑިވަޅަކީ ރާއްޖޭގެ ވަޒީރުންގެ ހާއްސަ ކޮމިޓީންވެސް ތެލުގެ ބާޒާރު ސިންދަފާތުކޮށް، ރާއްޖެއަށް ބޭނުންވާ ހަކަތަ ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ