42 އަހަރު ކުރިން ތުޅާދޫ ކޯޓުން ނިންމި ތަރިކައިގެ މައްސަލައެއްގެ އިސްތިއުނާފު ބަލައިނުގަތް
މީގެ 42 އަހަރު ކުރިން، ބ. ތުޅާދޫ ކޯޓުން ނިންމި ތަރިކައާ ބެހޭ މައްސަލައެއް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ބަލައިނުގަންނަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފިއެވެ. މީގެ 42 އަހަރު ކުރިން، ތުޅާދޫ ކޯޓުން ނިންމި މި މައްސަލައަކީ، ތަރިކައިގެ މައްސަލައެކެވެ. ނަވާރަސަތޭކަ ހަތްދިހަނުވަ ވަނަ އަހަރުގެ މި ގަޒިއްޔާ، ތުޅާދޫ ކޯޓުން ނިންމާފައިވަނީ 1984 ވަނަ އަހަރެވެ. މި މައްސަލަ އިސްތިއުނާފު ކުރަން މިދިޔަ އަހަރުގެ ފަހުކޮޅު ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭށެވެ. އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭން ހައިކޯޓުން ނިންމީ، އިސްތިއުނާފުކުރި ފަރާތަކީ އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައިސިއްޔަތު މި މައްސަލައިގައި އޮތް ފަރާތެއް ނޫން ކަމަށް ބުނެއެވެ. އިސްތިއުނާފު ކޮށްފައި ވަނީ އިބްރާޙީމް ވަޙީދު، މ. އިބްރާހީމް އާބާދު/ ކ. މާލެއެވެ. ހައިކޯޓުން މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދިނުމުން، އިބްރާޙީމް ވަޙީދު ދެން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. އެކަމަކު، ސުޕްރީމް ކޯޓުން މި މައްސަލައިގައި ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށް ވަނީ ނިންމާފައެވެ. މީގެ 42 އަހަރު ކުރީގެ މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭން ހައިކޯޓުން ނިންމިއިރު، މީގެ 25 އަހަރު ކުރީގެ މައްސަލައެއްގެ އިސްތިއުނާފު ހުއްދަ ދޭން ހައިކޯޓުން މިދިޔަ އަހަރު ނިންމާފައިވެއެވެ. އެއީ، އައްޑު އަތޮޅު ހިތަދޫ ކޯޓުން 2000 ވަނަ އަހަރު ނިންމި މައްސަލައެކެވެ. އެ މައްސަލައަކީ ގެއެއް ބެހުމުގެ މައްސަލައެއްކަން އެނގިފައިވެއެވެ. އަދި މިއީ ފަހުގެ ތާރީޚެއްގައި މިހާ ގިނަ ދުވަސް ފަހުން މައްސަލައެއް އިސްތިއުނާފުކުރުމުގެ ހުއްދަ ދިން ފަހަރެވެ. ހައި ކޯޓުގައި މައްސަލައެއް އިސްތިއުނާފުކުރުމަށް އާންމު އުސޫލުން ލިބެނީ 60 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ވަކި ހާލަތްތަކެއްގައި، މި މުއްދަތުގެ ފަހުން މައްސަލަ ބަލައިގަތުމުގެ ހުއްދަ ދިނުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ