ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އިދިކޮޅުގެ ޚިޔާލު ފާޅުކުރަން ފުރުސަތު ނުދޭ ކަމަށް ބުނެ، އެމްޑީޕީން ޕީއެސްއެމް ކައިރި އިހުތިޖާޖުކޮށްފި

ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން އިދިކޮޅުގެ ޚިޔާލު ފާޅުކުރަން ދައުލަތުގެ މީޑިއާ (ޕީއެސްއެމް)އިން ވަގުތު ނެދޭ ކަމަށް ބުނެ، އެމްޑީޕީން މިއަދު އިހުތިޖާޖުކޮށް ނުރުހުން ފާޅުކޮށްފިއެވެ. އެމްޑީޕީން މިއަދު 13:00 އަށް ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބާ ބައްދަލުކުރަން ޕީއެސްއެމް ހިންގާ އިމާރާތަށް ގޮސްފައެވެ. އެމްޑީޕީން ޕީއެސްއެމް ހިންގާ އިމާރާތަށް ދިޔުމުން، ޝަކީބް މާލެ ނޫޅުއްވާކަން އެ ތަނުގެ ރިސެޕްޝަނުން ވަނީ އަންގާފައެވެ. އެހެންވެ، އެ ޕާޓީން އެދުނީ ޕީއެސްއެމްގެ އިސްވެރިޔަކާ ބައްދަލުކޮށްދިނުމަށެވެ. އެ ކަން ނުވުމުން، ޕީއެސްއެމް ހިންގާ އިމާރާތުގެ ރިސެޕްޝަނުގައި ތިބެ އެމްޑީޕީން ވަނީ، ޝަކީބް އިސްތިއުފާދެއްވުމަށް ގޮވާލައި ނުރުހުން ފާޅުކޮށްފައެވެ. އެމްޑީޕީން މިރޭ ބުނީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރަން ގޮސް ބައްދަލުނުކުރެވި، އަދިވެސް ޕީއެސްއެމްގައި ތިބި ކަމަށެވެ. އެމްޑީޕީން ގިނަ ވަގުތުތަކެއް ވަންދެން އިހުތިޖާޖުކުރިއިރު، ފުލުހުން ވަނީ އެ ތަނުގައި ތިބި މީހުން ނެރެ، ދުރަށް ޖައްސަން ވެސް މަސައްކަތްކޮށްފައެވެ. https://sun.mv/219272 އެކަމަކު، ޕީއެސްއެމުން ވަނީ އިދިކޮޅަށް ފުރުސަތު ނުދޭ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އެ ކުންފުނިން ބުނީ، މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ގެނެސްދޭ ޕްރޮގްރާމްގައި އިސްކަންދެނީ ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުންނަށް ކަމަށާއި ވަކި ސިޔާސީ ޕާޓީއަކަށް ނޫން ކަމަށެވެ. އެމްޑީޕީން ޝަކީބާ ބައްދަލުކުރަން މިއަދު އަންނާނެކަން ރޭ އެންގެވުމުން އުމްރާއަށް ސައުދީގައި ހުންނެވިކަން ސިޓީއަކުން އެ ޕާޓީއަށް އަންގާފައިވާނެ ކަމަށް ވެސް ޕީއެސްއެމުން ވަނީ ބުނެފައެވެ. އަދި، އެގޮތަށް އެންގުމުން ވެސް މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލުކުރުމުން އެ ކަމުގެ ކަންބޮޑުވުން ޕީއެސްއެމްއިން ފާޅުކުރިއެވެ. އަބަދު ވެސް މަސައްކަތް ކުރަނީ 'ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު'ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ރައްޔިތުންނަށް ތެދު މައުލޫމާތު ދިނުމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ގާނޫނާ ޚިލާފު ކަމަށް ބުނެ، އެކަން ހުއްޓުވަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީ ވަނީ ސިވިލް ކޯޓަށް ވެސް ގޮސްފައެވެ. އެހެންނަމަވެސް، ކޯޓުން އެ މައްސަލަ ތިން ފަހަރަށް ރިޖެކްޓްކޮށްފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ