މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުތައް ބަންދުވެ، ތެލުގެ އަގު ބޮޑުވެގެން ދިއުމުން ކުރިމަތިވެފައިވާ ހާލަތަށް އަޅާނުލައި ސަރުކާރުން އުޅެނީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މަތިވެފައިވާއިރު ކުރިއަށް އޮތް ތަނުގައި ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑުވާނެ އެވެ. ތެލުގެ އަގު ބޮޑުވި އިރު މެދުއިރުމަތިން ރާއްޖެއަށް ޓުއަރިސްޓުން އައުން މަދުވުމުގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެގެންދާނެ އެވެ.
މި ހާލަތުގައި ކުރިމަތިވާނެ ދަތިތަކަށް ހައްލު ގެންނަން ސަރުކާރުން ކޮމިޓީއެއް އެކުލަވާލި ނަމަވެސް މާ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު ސޯޝަލް މީޑިއާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ތަފްސީލް - މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ ހަނގުރާމައިގެ ހާލަތުގެ ކުރިން ވެސް ސަރުކާރުން އިގުތިސޯދު މެނޭޖު ކުރަމުން ދިޔައީ ވަރަށް ދެރަވަރުކޮށް ކަމަށެވެ.
ބޭކާރު ހަރަދުތައް އިތުރުކޮށް، އެސްއޯއީ އާއި ސަރުކާރުގެ ސިޔާސީ ވަޒީފާތައް ގިނަކުރަމުން ދިޔައީ ދައުލަތަށް ނުތަކާ ވަރަށް. މުޅި ޕްރައިވެޓް ސެކްޓާގެ ވިޔަފާރިތައް ވެސް ސަރުކާރުގެ ތެރެއަށް ގެނެސް އެ ސެކްޓާގެ ހާލަތު ދަށްކޮށްލި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މި ގޮތަށް އިގުތިސޯދު މެނޭޖުކުރަމުންދާ ނަމަ، ރާއްޖެއަށް ބާރު ނުފޯރުވޭ ފަދަ ދުނިޔޭގެ އިގުުތިސޯދުގެ އަސަރުތައް ކުރަން ފަށާ ދުވަހަކުން ރާއްޖޭގެ އިގުތިސޯދު މުޅިން ފުނޑުފުނޑުވެގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު ފިޔަވަޅުތަކެއް ނާޅައިފި ނަމަ މުޅި އިގުތިސޯދު ޓޯޓަލް ބްރޭކްޑައުނަކަށް ހިނގައިދާނެ. ނަމަވެސް ހާލަތަށް ތައްޔާރުވުމަށް ގޮވާލާ ގޮވާލުންތަކަށް އަޅާނުލައި ސަރުކާރުން އިސްކުރީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ސަމާލުކަން ދިނުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
ހަނގުރާމައިގެ ސަބަބުން ކުރިމަތީގައި އޮތީ ވަރަށް ކަންބޮޑުވާން ޖެހޭ ހާލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީހުން ޕެނިކްވެގެން ގޭސް ގިނައިން ގަތުމުން ގޭހުގެ ޝޯޓޭޖެއް އުޅޭއިރު، ތެލުގެ އަގު ބޮޑުވެގެން ގޮސް ދަތުރުފަތުރުގެ އަގު ބޮޑުވެފައިވާކަން ފާހަގަކުރެއްވި އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހުރިހާ މުދަލެއްގެ އަގު އުފުލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް ހޫނު ގަދަ ދުވަސްވަރެއް އޮތް އިރު ފެނުގެ ސަޕްލައިގައި ތާށިކަމެއް އައިސްގެން ނުވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
"މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްފަދައިން، މި ހާލަތަށް މީހުން ތައްޔާރުކޮށް، ބޭކާރު ހަރަދުތައް ކުޑަކޮށް، ދިގު މުއްދަތަކަށް ހަނގުރާމައަކަށް ތައްޔާރުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ. ނޫނީ އެތައް އަހަރަކުން ވެސް ސަލާމަތްނުކުރެވޭ ވަރަށް އިގުތިސޯދު ދަށްވެގެން ދާނެ،" ފައްޔާޒު ވިދާޅުވި އެވެ.
އިގުތިސޯދަށް މިހާ ބޮޑު ލޮޅުމެއް މި އަންނަނީ އަންނަ މަހު 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ލޯނެއް ދައްކަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށާއި އެ ކަމަށް ސަރުކާރުން ތައްޔާރުވެފައި އޮތް ގޮތުގެ ހަރުދަނާ ޕްލޭނެއް ވެސް ނުދައްކާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ގަބޫލުކުރެވޭ އަދި ރާއްޖެއަށް ގެއްލުން ނުވާ ވަރުގެ ރޭޓެއްގައި ރީފައިނޭންސް ކުރާނެ ޕާޓީއެއް ވެސް ސަރުކާރަކަށް ނުދެއްކޭ. ހާލަތުން އަރައިގަންނަން ކުރަން ޖެހޭ ކަންކަން ނުކޮށް، ސަރުކާރުން އެމްއެމްއޭއާއި ސަރުކާރު ކުންފުނިތަކަށް ނުފޫޒު ފޯރުވަމުން ދިއުމަކީ މިއަދު ކުރިމަތީގައި އޮތް އެންމެ ބޮޑު ބިރު،" ފައްޔާޒު ވިދާޅުވި އެވެ.
ހާލަތަށް ތައްޔާރުވުމުގެ ބަދަލުގައި ސަރުކާރު އުޅެނީ ކެމްޕެއިނުގައި: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ