ރާއްޖޭގައި އަދި ތެލުގެ އަގު 30 ޕަސެންޓު ވެސް ބޮޑެއް ނުވޭ: ޒަމީރު ރާއްޖޭގައި އަދި ތެލުގެ އަގު 30 ޕަސެންޓު ވެސް ބޮޑެއް ނުވޭ: ޒަމީރު

މެދުއިރުމަތީގައި އެމެރިކާ އާއި އިޒްރޭލުން ފެށި ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް ރާއްޖޭގައި އަދި ތެލުގެ އަގުތައް 30 ޕަސެންޓު ވެސް ބޮޑުނުވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތަކަށް ފަހު ސަރުކާރުގެ ހަބަރުތައް ގެނެސްދޭ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއްގައި ޒަމީރު ވަނީ ތެލުގެ އަގާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
"ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި ލިބޭނެ ގޮތަށް، ރައްޔިތުންނަށް ބުރަބޮޑުނުވާނެ ގޮތަށް ލިބޭނެ ގޮތަށް ރައީސް ދެއްވާފައި މިއޮންނަ ގައިޑެންސަކީ. އެގޮތުގެ މަތިން ފެނިވަޑައިގަންނަވާނެ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް ދެ ގުނައަށްވުރެ ބޮޑަށް މައްޗަށް ދިޔައިރުގައި ރާއްޖޭގައި އަދި 30 ޕަސެންޓު ވެސް އަގު ބޮޑެއް ނުވޭ،" މިއަދު ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރުތަކުގެ ކައިރީގައި ހުންނަވައި ޒަމީރު ވިދާޅުވި އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޝެޑުތަކުން ވިއްކާ ތެލުގެ އަގު އެންމެ ފުރަތަމަ ބޮޑުކުރީ މާޗު 5، ގަ އެވެ. އެ ދުވަހު 13.50ރ. އަށް ހުރި ޕެޓްރޯލް ލީޓަރެއް 16.01ރ. ބޮޑުކުރިއިރު 13.92ރ ހުރި ޑީސަލް ލީޓަރެއްގެ އަގު 17.54ރ. ބޮޑުކުރި އެވެ.
އެއީ ޕެޓްރޯލް ލީޓަރަކުން 18 ޕަސެންޓު ބޮޑުވުމެކެވެ. އަދި ޑީސަލް ލީޓަރަކުން ގާތްގަނޑަކަށް 26 ޕަސެންޓު ބޮޑުވުމެކެވެ.
އެސްޓީއޯގެ ޝެޑުތަކުން މި އަގުގައި ޕެޓްރޯލާއި ޑީސަލް ވިއްކި ނަމަވެސް އެ ކުންފުނީގެ ބައުޒަރުތަކާއި ޕަމްޕު ސްޓޭޝަންތަކުން ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑުކޮށްފަ އެވެ. އެފްއެސްއެމްގެ ކަސްޓަމަރުންނަށް ޕެޓްރޯލް ލީޓަރެއްގެ އަގު 27.13ރ. އަށް އަދި ޑީސަލް ލީޓަރެއްގެ އަގު 28.32ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ. ޝެޑުތަކުން ވިއްކާ އަގަށްވުރެ ތެލުގެ ވަނީ 60 ޕަސެންޓުން ބޮޑުކޮށްފަ އެވެ.
މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެ ކުންފުންޏަށް މަސްކިރާ މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 27.24ރ. އަށެވެ. އަދި އާންމު ފަރާތްތަކަށް ވިއްކަނީ 28.54ރ. އަށެވެ.
ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވްސް ގޭސް އިން ގޭސް ވިއްކުން ކޮންޓްރޯލްކޮށް، ސިލިންޑަރުތަކަށް ގޭސް އަޅާ މިންވަރު މަދުކޮށްފައިވީ ނަމަވެސް ޒަމީރު ވަނީ އަބަދުވެސް ރާއްޖޭގައި ހުންނަ ވަރަށް ގޭސް ސްޓޮކު ހުރި ކަމަށް އެ އިންޓަވިއުގައި ވިދާޅުވެފަ އެވެ.
"ދަތިކަމެއް ނެތި އަޅުގަނޑުމެންނަށް ގޭސް ވެސް ލިބޭނެ އިރާދުކުރެއްވިއްޔާ. ޑީސެލާއި ޕެޓްރޯލް ހިފައިގެން މިހާރު ވެސް އެސްޓީއޯގެ އަމިއްލަ ދެ ބޯޓު ރާއްޖެއާ ދިމާލަށް އެބަ ދަތުރުކުރޭ. ކާޑު ވެސް ބޭނުންވާ ވަރަށް އެސްޓީއޯގެ ސްޓޮކުގައި އެބަހުރި،" ޒަމީރު ވިދާޅުވި އެވެ.
ޕެޓްރޯލް އާއި ޑީސަލްގެ އަގު ބޮޑުކުރުމުން މުދަލާއި ހިދުމަތުގެ އަގުތަކަށް ބަދަލު އަންނަން ވަނީ ފަށާފަ އެވެ. އަތޮޅުތަކަށް ދަތުރުކުރާ ލޯންޗު ފެރީތަކުގެ އަގުތައް ވަނީ 40 ޕަސެންޓާއި 70 ޕަސެންޓާ ދެމެދު އުފުލިފަ އެވެ.
މުއިއްޒުގެ ސަރުކާރު ފެށުނުއިރު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 14.73ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް ހުރީ 15.07ރ. އަށެވެ.
ތެލުގެ އަގު ބޮޑުވަމުން މި އަންނަނީ ހޮރުމޫޒު ކަނޑުއޮޅި ބަންދުކޮށް ދުނިޔޭގެ ސަޕްލައިގެ ބޮޑު ބައެއް ހުއްޓިފައި އޮތުމުންނެވެ. އެމެރިކާއިން އަރަބި ގައުމުތަކުގެ ސަރަހައްދު ބޭނުންކޮށްގެން އިރާނަށް ހަމަލާ ދޭތީ އިރާނުން އެ ގައުމުތަކަށް ދޭ ރައްދު ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގައި ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރާއްޖެ އަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް 100 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ސަރުކާރުން އަދިވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ނާޅާތީ އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ