އެމްޑީޕީއަކީ އެއްވެސް ނިޒާމެއް ގަބޫލުކުރާ ޕާޓީއެއް ނޫން، ލާމަރުކަޒީ ނިޒާމަކީ ޕީއެންސީގެ ނިޒާމެއް: ސަލީމް

އިދިކޮޅު އެމްޑީޕީއަކީ އެއްވެސް ނިޒާމެއް ގަބޫލުކުރާ ޕާޓީއެއް ނޫން ކަމަށާއި ހަގީގަތުގައި ލާމަރުކަޒީ ނިޒާމަކީ ވެރިކަން ހިންގާ ޕީއެންސީގެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ތިމަންނަމެންގެ ނިޒާމެއް، ތިމަންނަމެންގެ ދަރިއެއް ކަމަށް އެމްޑީޕީން ބުނަމުންދިޔަ ނަމަވެސް، އެއީ ހަގީގަތުގައި އެކަން ހިނގައިދިޔަ ގޮތް ނޫން ކަމަށެވެ.
”މިކަމަކީ ރައީސް މައުމޫންގެ ދުވަސްވަރުގައި ހަގީގަތުގައި މިކަން ފެށިގެން އައީ. އެންމެ ފުރަތަމަ މި މަސައްކަތްކުރެއްވި ބޭފުޅަކީ އޮނަރަބަލް އަލްއުސްތާޒް އަބްދުﷲ ހަމީދު. އޭގެ ފަހުގައި އިލްޔާސް އިބްރާހިމް މި މަސައްކަތްޕުޅު ކުރެއްވި. އޭގެ ފަހުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވަހީދުއްދީން ވަރަށް ބުރަ މަސައްކަތްޕުޅެއް ކުރެއްވީ މުޅި ރާއްޖެތެރޭގެ ހުރިހާ ރަށަކަށް ގާތްގަނޑަކަށް ވަޑައިގެން މި ނިޒާމު ގާއިމުކުރުމަށްޓަކައި މަސައްކަތްޕުކުރެއްވީ،“ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެންމެ ފުރަތަމަ ލާމަރުކަޒީ، އެ ނަން އިވިގެންދިޔައީ ވެސް ރައީސް މައުމޫންގެ ދޫފުޅުން ކަމަށާއި އޭގެ ކުރިން އެ ނަމަކީ ދިވެހިން ދަންނަ ނަމެއް ނޫން ކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމަކީ ތިމަންނަމެންގެ އެއްޗެއް ކަމަށްބުނެ އެމްޑީޕީން ވާހަކަދައްކަން ލަދުގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”މި މީހުންނަކީ އެއްވެސް ހާލެއްގައި މިކަހަލަ އެއްވެސް ނިޒާމެއް ގަބޫލުކުރާ ބައެއް ނޫން. މިއީ މާކުރިން ނިމި، ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ ހަގީގަތުގައި މި ނިޒާމަކީ މިއަދު މި ވެރިކަން ކުރާ ޕާޓީގެ ނިޒާމެއް. އެއްގޮތަކަށް ވެސް މިއީ އެމްޑީޕީގެ ނިޒާމެއް ނޫން،“ އޭނާ ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު ފުނޑާލަން މަސައްކަތްކުރެއްވި ކަމަށާއި ޕްރޮވިންސްތައް ހައްދަވައިގެން ކުރެއްވި މަސައްކަތަކީ އެއީ ކަމަށެވެ. ނަމަވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވުމުން އެކަން ކުރިއަށް ނުގެންދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ