ފެން ވެސް އުފައްދަނީ ޑީސަލް ބޭނުންކޮށްގެން، ސަރުކާރުގެ ޕްލޭން ބުނެދޭން ޖެހޭ: މޭޔަރު އާޒިމް
މާލޭ ސިޓީއާއި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެން އުފައްދަނީ ޑީސަލް ބޭނުންކޮށްގެން ކަމަށާއި މާލޭ ސިޓީން ފެނަށް ޖެހިއްޖެނަމަ ސަރުކާރުން އަމަލުކުރާނެ ގޮތެއް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެެވެ. އާޒިމް މިހެން ވިދާޅުވީ، ދުނިޔެއަށް މި ވަގުތު ދިމާވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން ރާއްޖެ ތެލަށް ޖެހިދާނެކަމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ދަނޑިވަޅެއްގައެވެ. އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދަށް ބޭނުންވާ ފެން އުފަށްދަނީ ޑީސަލް ބޭނުންކޮށްގެން ކަމަށެވެ. އަދި، މާލެ ސިޓީގެ ސްޓޮކަކީ ގިނަވަގެން އެއް ދުވަސް ކަމަށެވެ. އެހެންކަމުން މިކަމުގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ. https://x.com/adamazim/status/1746415361564807437 މާލޭ ސިޓީގެ ޑީސަލް ސްޓޮކް ބޭނުންކުރާނެ ތަރުތީބެއް އެކުލަވާލަން ޖެހޭ ކަމަށާއި ފެނަށް ޖެހިއްޖެ ނަމަ ސަރުކާރުގެ ޕްލޭނަކީ ކޮބައިކަން ރައްޔިތުންނަށް ބުނެދޭން ޖެހޭކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ތެލުގެ ތާށިކަމާ އެކު، ރާއްޖޭގެ ތެލުގެ އަގުތަކަށް ވެސް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އަދި, މިއީ ސަރުކާރުން ވިސްނުންތެރިކަމާއިއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ދަނޑިވަޅެއްކަމަށް ގިނަ ފަރާތްތަކުން އަންނަނީ ވެސް ބުނަމުންނެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން ކުރަމުން އަންނަ ހަނގުރާމައާ ހެދި މެދުއިރުމަތީގެ އެންމެ މައި އެއް ކަނޑުއޮޅި ހޮރްމޫޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. އެހެންވެ، މުޅި ދުނިޔޭގައި ވެސް ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ