ޕީއެންސީ ޕްރައިމަރީ ބޭއްވިތާ ދެ ހަފުތާ: ދާއިމީ ނަތީޖާ އިއުލާނުކުރާނެ ދުވަހެއް އަދި ނޭނގެ

ވެރިކަން ކުރާ ޕީއެންސީން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ކަނޑައެޅުމަށް ޓަކައި ބޭއްވި ޕްރައިމަރީއަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވީއިރު ދާއިމީ ނަތީޖާއާމެދު ގޮތެއް ނުނިމި ގިނަ ދުވަސްވެއްޖެއެވެ. އެ ޕާޓީން ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހެވެ. އެ ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ވޯޓުލުން ކުރިއަށްދިޔައިރު، މާލޭ ނޫން އެހެން ސަރަހައްދެއްގައި މާ ބޮޑު ހަމަނުޖެހުމެއް ހިނގިކަމަކަށް ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ހަމަނުޖެހުން ހިންގީ މައްޗަންގޮޅި އުތުރު ދާއިރާގެ ވޯޓު ފޮށި ގުނުމުގެ ތެރޭގައެވެ. https://sun.mv/215932 ޕްރައިމަރީ ބޭއްވިތާ ދެ ދުވަސްފަހުން ވަގުތީ ނަތީޖާ އާންމުކުރިއިރު، އެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 39،798 ވޯޓު ލާފައިވާ ކަމަށް ދައްކައެވެ. އަދި 1،758 ވޯޓަކީ ބާތިލު ވޯޓުކަމަށް ވެސް، އެ ޕާޓީން އާންމުކުރި ނަތީޖާގައިވެއެވެ. ވަގުތީ ނަތީޖާ އާންމުކުރިއިރު މައްސަލަ ޖެހުނު މައްޗަންގޮޅި އުތުރުގެ ނަތީޖާ އާންމެއް ނުކުރެއެވެ. ޕްރައިމަރީއަށް ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވީއިރު ވެސް އެ ޕާޓީން ޕްރައިމަރީގެ ދާއިމީ ނަތީޖާ އާންމުކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ "ސަން"އިން، ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިންގެ ސްޕޯކްސްޕާސަން މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލާ މިއަދު ސުވާލުކުރުމުން އޭނާ ވިދާޅުވީ، އަދިވެސް އިތުރު އަޕްޑޭޓެއް ނެތްކަމަށެވެ. އަދި މައްޗަންގޮޅީގެ ވޯޓާމެދު ކަންކުރާނެ ގޮތެއް ވެސް ހާމަނުކުރައްވައެވެ. އެ ޕާޓީން ބޭއްވި ޕްރައިމަރީ "ގަޑުބަޑު" ކުރުމަށް ޓަކައި މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތު ބައެއް އާންމު މެންބަރުން ވެސް ވަނީ ކޮށްފައެވެ. އެގޮތުން ބައެއް ދާއިރާތަކަށް ވަގު ވޯޓު އިތުރުކުރުމަށް، ޕާޓީގެ ދަފްތަރުގައި ނެތް މީހުންނަށް ރިޝްވަތު ދީ، ދަފްތަރުގައި ޖައްސައި ވަގުވޯޓު އެޅުވިކަމަށް ތުހުމަތުކުރެއެެވެ. އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެކަމަށް ބާރުދޭ ބައެއް ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އެ ޕާޓީގެ ދަފްތަރުގައި ތިބި ބައެއް މީހުން، ޕީއެންސީގެ ވޯޓުގައި ވެސް ބައިވެރިކުރި ކަމަށް ބުނެފައިވެއެވެ. ޕްރައިމަރީއާ ހިސާބަށް ދިޔައިރު، ބައެއް ކެނޑިޑޭޓުންނާމެދު ކަންކުރި ގޮތުން ވެސް އާންމު މެންބަރުންގެ ތެރޭ ނުތަނަވަސްކަން އޮތީ އުފެދިފައެވެ. އޭގެ ތެރޭ އައްޑޫ ސިޓީ މޭޔަރުކަން ފަދަ ގޮނޑިތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ