ފަލަސްޠީނުގެ ހައްގުގައި އަޑުއުފުލުމަށް ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ އޮސްޓްރޭލިއާގެ އެކްޓިވިސްޓް ރޮބަޓް މާޓިން، އިސްލާމްދީން ގަބޫލުކޮށް އޭނާއަށް ހިދާޔަތް ލިބުނު ގޮތުގެ ވާހަކަ ކިޔައިދީފިއެވެ.
ރޮބަޓްގެ ދިން ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައި އޭނާ ބުނެފައިވާ ގޮތުން ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ ޤަތުލު ޢާއްމާއި، އަދި ޣައްޒާއަށް ކާބޯތަކެއްޗާ އިންސާނީ އެހީ ވެއްދުމަށް ހުރަސްއަޅައި ޣައްޒާ ބަންދުކުރުން، އެ ހުރަސް ނައްތާލުމަށް ކުރިއަށް ގެންދެވުނު "ފްރީޑަމް ފްލޮޓިއްޔާ" ގައި ބައިވެރިވެ، ފަލަސްޠީނުގެ މައްސަލައިގައި ދެމިހުރުމަކީ، އޭނާ އިސްލާމްދީނަށް ލޯބި ޖެހި ދީން ގަބޫލުކުރުމަށް މެދުވެރިވި މުހިންމު އެއް ސަބަބު ކަމަށެވެ.
އަދި ފަލަސްޠީނުގެ މައްސަލައަށް އޭނާގެ ސަމާލުކަން ހުއްޓުނީ، ފަލަސްޠީނުގެ ރައްޔިތަކާ ގާތް ގުޅުމެއް ގާއިމްކުރި ފަހުން ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް، ފުރަތަމަ އިސްރާއީލުގެ އަމަލުތަކުގެ ވާހަކަތައް ގަބޫލުކުރަން އޭނާ ދެކޮޅު ހެދި ކަމަށާ އެގޮތަށް ގަބޫލުކުރެވުނީ ހުޅަނގުގެ މީޑިއާއާއި އޮސްޓްރޭލިޔާގެ ސަރުކާރުގެ ވާހަކަތަކަށް އިތުބާރުކުރުމުގެ ސަބަބުން ކަމަށް މާޓިން ބުންޏެވެ.
މާޓިން ބުނެފައިވާގޮތުން، އޭނާ މުސްލިމުންނާ ގާތްގުޅުމެއް ބާއްވަމުންދާތާ ގާތްގަނޑަކަށް 15 އަހަރެއްހާ ދުވަސް ވެއްޖެއެވެ. އަދި އެ ގުޅުންތަކުން އޭނާއަށް ހިތްހަމަޖެހުމާ އުފާވެރިކަން ގެނެސްދިން ކަމަށާ، އޭގެ ސަބަބުން އިސްލާމްދީނުގެ ރީތިކަން އޭނާއަށް އެނގިގެން ދިޔަކަމަށް ބުނެފައުވެއެވެ.
"އެހުރިހާ މިސްލިމުންވެސް ވަރަށް ރަނގަޅު. ކޮންމެ މީހަކީވެސް ސުލްހައަށް އިސްކަންދޭ ބަޔަކު،" މާޓިން ވިދާޅުވިއެވެ.
މާޓިން ބުނެފައިވާގޮތުން، އޭނާ އެންމެ ފުރަތަމަ ކީރިތި ޤުރުއާން ކިޔެވީ މީގެ ދިހަ އަހަރު ކުރިންނެވެ. އޭރުވެސް، ގުރުއާނަކީ ފުންމާނަތަކެއް އެކުލެވޭ ޚާއްސަ ފޮތެއް ކަމަށް އޭނާއަށް ފާހަގަކުރެވުނުކަމަށް ބުންޏެވެ. އަދި ފާއިތުވި ދުވަސްތަކުގައި އޭނާ އަމިއްލައަށް އިސްލާމްދީނާ ބެހޭ ދިރާސާތައް ކުރި ކަމަށާ، ދީނީ ދަރުސްތައް އަޑުއެހުމުގެ ތެރެއިން އިސްލާމްދީނާ ގާތްވުމުގެ އިހުސާސެއް ކުރެވުނު ކަމަށް އޭނާ ބުނެފައިވެއެވެ. އަދި، އިސްލާމްވުމަށް ނިންމީ އޭގެ ފަހުން ކަމަށްވެސް ބުންޏެވެ.
"ކީރިތި ޤުރުއާނުގެ މާނަ ދެނެގަނެވުމުން، އޭގެ ރީތިކަމާއި، އޭގެ ހުޅުވާލެވިފައިވާކަމާއި، އެބަސްތަކުން ކޮންމެ މީހަކަށްމެ ހޫނު މަރުޙަބާއެއް ކިޔާކަން ދެނެގަނެވުމުން، ކޮންމެ މީހަކުވެސް މުސްލިމަކަށް ނުވަނީ ކީއްވެކަމާމެދު ސުވާލުއުފެދި (މުސްލިމު ނުވާތީ) އަހަރެން ހައިރާންވޭ،" މާޓިން ބުނެފައިވެއެވެ.
މާޓިން އޭނާގެ ވާހަކަ ނިންމާލަމުން ބުނީ، ޣައްޒާގައި ވަމުންދާ ކަންކަމާމެދު ހަނުހުރުމަކީ އިތުރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އިސްލާމްދީނާއި ފަލަސްޠީނާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ދެއްކުން ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ފަލަސްޠީނަށް ތާއީދުކުރުމަށް މިހާރަށްވުރެ ރަނގަޅު ވަގުތެއް މީހާތަނަށް އައިސްފައި ނުވާނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށާ ފަލަސްޠީނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނުހަނު މަތިވެރި ލޯތްބެއް އޮތްކަމަށްވެސް އޭނާ ބުންޏެވެ.
ޣައްޒާގެ މުސްލިމުންގެ ހައްގުގައި ވަކާލާތުކުރަމުން އިސްލާމްވި އެކްޓިވިސްޓް ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ