އަހާންގެ އާ ފިލްމުގައި ބޮޑު ކާސްޓެއް

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއާ އެކު އަހާން ޕާންޑޭ އަލަށް މަސައްކަތްފަށާ ފިލްމުގެ ކާސްޓުގައި އިތުރު ހަތަރު އެކްޓަރަކު ހިމެނޭނެ ކަމަށް އަހާން ބުނެފިއެވެ. ފިލްމު "ސައްޔާރާ"އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު އަހާން ދާދި ފަހުން ބައިވެރިވި އެންޑީޓީވީ އެވޯޑު ޝޯގައި ވަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުއާ އެކު ފިލްމަކަށް ސޮއިކުރިކަން ކަށަވަރުކޮށްދީފައެވެ. ފިލްމާ ގުޅޭގޮތުން މާ ގިނަ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް އަހާން ވަނީ މި އެވޯޑު ޝޯގައި ބުނެފައެވެ. އަހާން އިތުރަށް ބުނީ އެއީ އެކްޝަން ފިލްމެއް ކަމަށާއި އަހާންއާ އެކު އުމުރުން 30 އަހަރުން ދަށުގެ ހަތަރު ފިލްމީ ތަރިން އަލީ އައްބާސްގެ ފިލްމުން ފެންނާނެ ކަމަށެވެ. އެއީ، ކޮން ފިލްމީ ތަރިންނެއް ކަމެއް އަހާން ހާމައެއް ނުކުރެއެވެ. އަހާން ފިލްމު "ސައްޔާރާ"ގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ އަލީ އައްބާސްގެ ފިލްމަކަށް އަހާން ސޮއިކުރި ކަމަށް މީޑިއާތަކުން ބުނެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަހާންއާ އެކު ފިލްމުން ބަތަލާ ޝަރުވަރީ ވާގް ވެސް ފެންނާނެއެވެ. މި ދެ ތަރިންގެ އިތުރުން ބޮބީ ޑިއޯލް ވެސް މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ފިލްމީ ރިޕޯޓުތަކުން ބުނެފައިވާ މި ފިލްމަކީ އަލީ އައްބާސް ޔަޝް ރާޖް ފިލްމްސްއަށް އުފައްދާ ފިލްމެކެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި "ސައްޔާރާ"އަށްފަހު އަހާން ސޮއިކުރި ދެވަނަ ފިލްމެވެ. ފިލްމު "ސައްޔާރާ"އަކީ ޑައިރެކްޓަރު މޯހިތު ސޫރީ ޔަޝް ރާޖް ފިލްމްސްއަށް އުފެއްދި ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ