އަލްކަހޮލް-ފްރީ ބުއިންތައް: ރާއްޖޭގެ ބާޒާރުގައި އޮތް ބޮޑު އޮޅުންބޮޅުން
ތަޢާރަފު މިއަދުގެ ދިވެހި ބާޒާރުގައި "ނޮން-އަލްކަހޮލިކް" (non-alcoholic)، "0.0% އަލްކަހޮލް" ނުވަތަ "އަލްކަހޮލް-ފްރީ" (alcohol-free) ގެ ނަން ޖަހާފައި ވާ ބުއިންތައް ވަނީ އާއްމު ވެފައެވެ. މި ފަދަ ބުއިންތަކަކީ އާދައިގެ ލުއި ބުއިންތަކާ ތަފާތު ކޮށް، ބަނގުރާ އުފައްދާ ބޮޑެތި ކުންފުނި ތަކުގެ ބްރޭންޑް ތަކާއި، ފުޅީގެ ބައްޓަމާއި، އަދި ރަހަ ވެސް ބަނގުރަލާ އެއްގޮތް ކޮށް ތައްޔާރު ކޮށްފައި ވާ ތަކެއްޗެވެ. މި ކަމުގެ ސަބަބުން ދިވެހި މުޖުތަމައަށް ދެ ގޮންޖެހުމެއް ކުރިމަތި ވެއެވެ. ފުރަތަމަ ކަމަކީ، އެ ތަކެތީގައި ހިމެނޭ އެތަނޯލްގެ ސައިންޓިފިކް މިންގަނޑުތަކާ މެދު ކޮންސިއުމަރުންނަށް އޮޅުން އެރުމެވެ. ދެވަނަ ކަމަކީ، ސައްތައިން ސައްތަ މުސްލިމު މުޖުތަމައެއް ގައި ބަނގުރަލުގެ ސަގާފަތާއި ރަމްޒުތައް އާދައިގެ ކަމަކަށް ހެދުމަށް އެ ޞިނާޢަތުގެ ބައިނަލްއަޤްވާމީ ކުންފުނި ތަކުން ކުރާ މަސައްކަތެވެ. ތާރީޚީ ފަސްމަންޒަރު ނޮން-އަލްކަހޮލިކް ބިޔަރުގެ ތާރީޚަށް ބަލާއިރު، މިއީ 1920 އާއި 1933 އާ ދެމެދު އެމެރިކާގައި ޤާނޫނީ ގޮތުން ބަނގުރާ މަނާ ކުރި ދުވަސްވަރު، އެ ޞިނާޢަތުގެ ވިޔަފާރި ދެމެހެއްޓުމަށް ޓަކައި އުފެއްދި ބުއިންތަކެކެވެ. އޭގެ އަހަރުތަކެއް ފަހުން، ޒަމާނީ ބާޒާރުގައި މި ބުއިންތައް އަލުން މަޤުބޫލު ވާން ފަށާފައި ވަނީ ހަމައެކަނި ސިއްހީ ސަބަބުތަކަށް ޓަކައެއް ނޫނެވެ. ކްރިޗްލޯ އާއި އޭނާގެ ބައިވެރީން (2025) ފާހަގަ ކުރާ ގޮތުގައި، މިއީ މުސްލިމުންގެ ބޮޑެތި އާބާދީތައް އޮންނަ ބާޒާރުތަކަށް ވަނުމަށް ޓަކައި ބަނގުރާ އުފައްދާ ކުންފުނިތަކުން ގަސްތުގައި ބޭނުން ކުރާ "ސްޓްރެޓީޖިކް" އުކުޅެކެވެ. ރާއްޖޭގައި ވެސް ވޭތު ވެ ދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި، މަދު މަދުން ފެންނާން ފެށި މި ފަދަ ބުއިންތައް މިހާރު ވަނީ ވަކި ކަހަލަ ދިރިއުޅުމުގެ ވައްޓަފާޅިއަކާ ގުޅުވައިގެން، ކެފޭތަކާއި ރެސްޓޯރަންޓު ތަކުން އާއްމު ކޮށް ލިބޭ ބުއިން ތަކަކަށް ބަދަލު ވެފައެވެ. ފަންނީ މިންގަނޑުތަކާއި މާނަ ކުރުމުގެ އޮޅުންތައް ސައިންޓިފިކް ގޮތުން ބަލާއިރު، "ނޮން-އަލްކަހޮލިކް" މި ލަފުޒަކީ އެ ބުއިމެއްގައި އެއްވެސް މިންވަރަކަށް އަލްކަހޮލް ނެތްކަން (zero ethanol) އަންގައި ދޭ ބަހެއް ނޫނެވެ. ބައިނަލްއަޤްވާމީ ގޮތުން މި ކަން ރެގިއުލޭޓް ކުރާ މިންގަނޑުތައް ތަފާތު ވުމުގެ ސަބަބުން، އިމްޕޯޓު ކުރާ ތަކެތީގައި ހަގީގަތުގައި އަލްކަހޮލް ހިމެނޭ މިންވަރު ދެނެގަތުމަކީ އާއްމު ކޮންސިއުމަރުންނަށް އޮޅުން އަރާ ކަމެކެވެ. މީގެ ޢަމަލީ މިސާލެއް 2019 ގައި ރާއްޖޭގައި ހިނގި 'ގާސްޓެލް ނޮން-އަލްކަހޮލިކް ބިއަރު' ގެ ހާދިސާ އިން ފެނުނެވެ. 2017 އިން ފެށިގެން ބާޒާރުގައި ލިބެން ހުރި މި އުފެއްދުމުގައި 'އަލްކަހޮލް ވޭޕަރ' ހުރި ކަން ކަށަވަރު ވެ، ރަސްމީ ފިޔަވަޅެއް އެޅުނީ އޭގެ ދެ އަހަރު ފަހުންނެވެ. (އާކައިވް.އެމްވީ، 2020). މި އިން ސާބިތު ވަނީ، އުފެއްދުމެއް ބާޒާރަށް ނެރުމުގެ ކުރީން ފުރިހަމަ ކުރާން ޖެހޭ ސާފު "ޕްރީ-މާކެޓް މިންގަނޑުތަކެއް" ( Pre-market regulatory standards) ނެތުމުގެ ސަބަބުން، އާއްމުންގެ ދީނީ އަދި ސިއްހީ މަސްލަހަތު ތަކަށް ނުރައްކާ ވެ ދާނެ ކަމެވެ. މި ފަދަ މިންގަނޑު ތަކެއްގެ ބޭނުމަކީ، މައްސަލައެއް ދިމާ ވުމުން ތަކެތި ބާޒާރުން ނެގުމުގެ ބަދަލުގައި، ކުރިއާލާ ރައްކާތެރިކަން ކަށަވަރު ކުރާ "ޕްރޯ-އެކްޓިވް" ނިޒާމެއް ގާއިމު ކުރުމެވެ. މިއަދު ބައެއް ޤައުމުތަކުން މި ފަދަ ބުއިން ތަކަށް ލުއި ދިން ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ، 2023) އިން ހާމަ ކުރާ ގޮތުގައި، އަލްކަހޮލް ބޭނުން ކުރުމުގައި 'ރައްކާތެރި މިންވަރެއް' ނޯވެއެވެ. އެހެން ކަމުން، "ނޮން-އަލްކަހޮލިކް" ގެ ނަމުގައި މަދު މިންވަރަކަށް އަލްކަހޮލް ހިމެނޭ ބުއިންތައް ބާޒާރަށް ދޫކޮށް ލުމަކީ ހަމައެކަނި ދީނީ މައްސަލައެއް ނޫނެވެ. މިއީ އާންމު ސިއްހަތާ ވެސް ސީދާ ގުޅުން ހުރި ކަމެކެވެ. މަސްދަރު: GSO 2538:2021، MUIS 2025، US TTB، UK DHSC (2023) އަދި Pauzi et al. (2019) ގެ ރަސްމީ މިންގަނޑުތައް. ބަނގުރަލުގެ ސިފަ ޖެހޭ އުފެއްދުންތައް: ބައިނަލްއަޤްވާމީ ޙަލާލު މިންގަނޑުތަކާއި ޝަރުޢީ އުސޫލު އިސްލާމީ ޝަރީޢަތުގައި ބަނގުރާ ހަރާން ކުރައްވާފައި ވާ އަސާސީ ޢިއްލާ (Effective cause) އަކީ މަސްތު ވުން ކަމުގައި ވީ ނަމަވެސް، ބަނގުރާ އުފައްދާ ފަދަ ޞިނާޢީ މަރުހަލާ ތަކެއް ކަޑައްތު ކޮށްފައި ވާ 'ބިޔަރުގެ ސިފަ ޖެހޭ' އުފެއްދުން ތަކުގެ ބަހުސަކީ ހަމައެކަނި އެ ތަކެތީ ގައި އެކުލެވޭ ކެމިކަލް މާއްދާ ތަކުގެ (Chemical composition) މައްޗަށް ބިނާ ވެފައި ވާ ބަހުސެއް ނޫނެވެ. މިއީ 'ސައްދުއްޛަރާއިޢު' (ނުބައި ކަމަކަށް ވާސިލު ވާނެ މަގުތައް ބަންދު ކުރުން) ފަދަ އުސޫލު ތަކުގެ އަލީގައި، މުޖުތަމައުގެ އިޖުތިމާއީ އަޚްލާގާއި ސަގާފީ އަމިއްލަވަންތަކަން ހިމާޔަތް ކުރުމާ ގުޅިފައި ވާ މައްސަލައެކެވެ. މި ކަމުގައި އިސްލާމީ ޤައުމު ތަކާއި ހަރުދަނާ ޙަލާލު ނިޒާމުތައް އޮންނަ އިދާރާ ތަކުން ގެންގުޅޭ ސިޔާސަތު ތަކަށް ބަލައިލަމާ ހިނގާށެވެ. އިސްލާމީ ޤައުމުތަކުގެ ގުޅިފައި ވާ މިންގަނޑުތައް (ޖީއެސްއޯ): ސައުދީ އަރަބިއްޔާ ހިމެނޭހެން ގަލްފުގެ ހަ ޤައުމެއްގެ މައްޗަށް އެކުލެވޭ 'ޖީ.ސީ.ސީ ސްޓޭންޑަޑައިޒޭޝަން އޯގަނައިޒޭޝަން' (ޖީއެސްއޯ) އިން ވަނީ ކާބޯތަކެތީގައި ހިމެނޭ އެތަނޯލް ރެގިއުލޭޓް ކުރުމަށް ޓަކައި 'GSO 2359:2014' ފަދަ ޚާއްސަ މިންގަނޑުތަކެއް ކަނޑަ އަޅާފައެވެ. މި މިންގަނޑު ތަކުގައި، އުފެއްދުންތައް ބަހާލެވިފައި ވަނީ އެ ތަކެތި ތައްޔާރު ކުރާ ގޮތާއި އޭގައި ޤުދުރަތީ ގޮތުން އެތަނޯލް އުފެދުމުގެ ފުރުސަތު އޮންނަ މިންވަރަށެވެ. މިސާލަކަށް، މޭވާގެ ދިޔަ (fruit juices) ފަދަ ތަކެތީގައި، ޤުދުރަތީ ގޮތުން ހިނގާ ރާމާ ވުމުގެ (fermentation) މަރުޙަލާ ގައި އުފެދޭ އެތަނޯލްގެ މިންވަރު %0.1 އޭބީވީ (އަލްކަހޮލް ބައި ވޮލިއުމް) އަށް ވުރެ އިތުރު ވުމަކީ، އެ އުފެއްދުމެއް މިންގަނޑުތަކާ ޚިލާފުވާ (non-compliant) ކަމެއްގެ ގޮތުގައި ބަލައި، އިދާރީ ގޮތުން އެ ފަދަ ތަކެތި ބާޒާރަށް ނެރުން މަނާ ކުރާނެ ސަބަބެކެވެ. އަދި އެހެނިހެން، ތައްޔާރު ކުރާ ކާބޯތަކެތީގައި މި މިންވަރު ހުންނަން ޖެހެނީ %0.05 އޭބީވީ އަށް ވުރެ ދަށުގައެވެ. މި ފަދަ ތަފްސީލީ ޙައްދު (thresholds) ތަކެއް ކަނޑަ އެޅުމުގެ މައިގަނޑު މަގުސަދަކީ، އިންސާނާގެ އިޚްތިޔާރުން ބޭރުގައި ޤުދުރަތީ ގޮތުން އުފެދޭ ކުޑަ މިންވަރާއި، ގަސްތުގައި ބަނގުރާ އުފެއްދުމަށް ކުރާ މަސައްކަތް ވަކި ކޮށް، މުސްލިމު ކޮންސިއުމަރުންނަށް ފުރިހަމަ ޔަގީންކަން ފޯރު ކޮށް ދިނުމެވެ. އިންޑޮނޭޝިއާ (އެމްޔޫއައި): މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތް އިންޑޮނޭޝިއާގެ ޙަލާލު އިދާރާ އިން، ބިޔަރުގެ ބްރޭންޑިންގ ބޭނުން ކޮށްފައި ވާ އުފެއްދުންތަކުގައި އަލްކަހޮލް ނެތް ނަމަވެސް، އެއަށް ޙަލާލު ސެޓުފިކެޓެއް ނުދެއެވެ. ސަބަބަކީ އެއީ "ތަޝައްބުހު ވުން" ނުވަތަ ޙަރާމް އެއްޗެއް ނަކަލު ކުރުމަށް މަގުފަހި ވާ ކަމަކަށް ވާތީއެވެ. ޙަލާލު ގަވަރނަންސްގެ ނަމޫނާ – ސިންގަޕޫރު (އެމްޔޫއައިއެސް): ސިންގަޕޫރަކީ އިސްލާމީ އަޣުލަބިއްޔަތު އޮތް ޤައުމަކަށް ނުވި ނަމަވެސް، އެ ޤައުމުގެ 'އިސްލާމިކް ރިލިޖަސް ކައުންސިލް އޮފް ސިންގަޕޫރު' އިން އެކުލަވާލާފައި ވާ ޙަލާލް ސެޓްފިކޭޝަން މިންގަނޑުތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައި ގަންނަ ހަރުދަނާ އުސޫލުތަކެކެވެ. އެ އިދާރާގެ ސިޔާސަތުގައި، އުފެއްދުންތަކުގައި އެތަނޯލް ހިމެނުމަށް ހުއްދަ ދެނީ ހަމައެކަނި ރަހަ ޖެއްސުމަށް ބޭނުން ކުރާ މާއްދާއެއްގެ (Flavouring agent) ގޮތުގައެވެ. އަދި ނިމިފައި ވާ އުފެއްދުމުގައި އެތަނޯލްގެ މިންވަރު %0.1 އޭބީވި އަށް ވުރެ އިތުރު ވެގެން ނުވާނެ ކަމަށް އެ މިންގަނޑުގައި ސާފު ކޮށް ކަނޑަ އަޅާފައި ވެއެވެ. އިޖުތިމާއީ އަސަރާއި ބަނގުރަލުގެ ސަގާފަތް އާދައިގެ ކަމަކަށް ވުން (Normalization) ކަރިސްމަތިޔަވާތީ އާއި ސިހީތޭ (2023) ދެކުނު ތައިލެންޑުގެ މުސްލިމް ޒުވާނުންނާ ގުޅޭ ގޮތުން ކުރި ދިރާސާ އިން ހާމަ ވާ ގޮތުގައި، ބަނގުރާ އެކުލެވިގެން ނުވާ "މޮކް ބެވަރޭޖަސް" (mock beverages) ބޭނުން ކުރުމަކީ، ހަގީގީ ބަނގުރާ ބުއިމުގެ އާދައަށް މަގު ފަހި ކޮށް ދޭ "ފުރުސަތުގެ" ދޮރެކެވެ. މި ފަދަ ބުއިންތަކުގެ ސަބަބުން ބަނގުރަލާ މެދު މުޖުތަމައުގައި އޮންނަ ނަފްސާނީ އަދި ދީނީ ހުރަސްތައް ކުޑަ ވެ، ބަނގުރަލާ ގުޅުން ހުރި ބްރޭންޑް ތަކާއި ރަމްޒު ތަކަކީ ދިރިއުޅުމުގެ އާދައިގެ ކަންކަމުގެ ގޮތުގައި ބެލެވޭން ފަށައެވެ. ދިވެހިރާއްޖެ ފަދަ އިސްލާމީ އަގުތައް ހިފަހައްޓާ ޤައުމެއްގައި، މި ފަދަ ބުއިންތައް އާއްމު ވުމަކީ، ކުޑަކުދިންގެ މެދުގައި ކުރިން މަޤުބޫލު ވި "ސިނގިރޭޓް މޮކް-އަޕް" ނުވަތަ ދުންފަތުގެ އިޝްތިހާރުގެ ގޮތުގައި ބެލެވޭ އޮޅުވާލުން ތަކެކޭ އެއްފަދަ ނުރައްކަލެކެވެ. މިއީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ކުރި އަށް އޮތް ޖީލުތައް ބަނގުރަލުގެ ސަގާފަތަށް ޝައުގުވެރި ކުރުވައި، އެ ނުރައްކާތެރި އާދައިގެ ތެރެއަށް ވައްދަން ދެވޭ ލާޝުޢޫރީ (subliminal) ދަޢުވަތެކެވެ. ރާއްޖޭގެ ރެގިއުލޭޓަރީ ހުސްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ލޭބަލް ކުރުމުގެ ޤަވާއިދުތައް ހުރި ނަމަވެސް، މި ފަދަ "އަލްކަހޮލް-އެޖެސެންޓް" އުފެއްދުންތަކަށް ޚާއްސަ، އާއްމުންނަށް ފެންނަން އޮތް މިންގަނޑެއް ނެތެވެ. މި ހުސްކަމުގެ ސަބަބުން ކުރިމަތި ވާ މައިގަނޑު މައްސަލަ ތަކަކީ: • އިތުބާރު ގެއްލުން: ލޭބަލްގައި ޖަހާފައި ވާ އެއްޗަކާއި އޭގައި ހަގީގަތުގައި ހުންނަ މިންވަރު ދިމާ ނުވުމުން ކޮންސިއުމަރުންގެ އިތުބާރު ގެއްލުން.• ޤާނޫނީ ނިޒާމުގެ ބަލިކަށިކަން: ވަކި މިންގަނޑެއް ނެތުމުން، ކަސްޓަމްސް އާއި އެހެނިހެން އިދާރާ ތަކުން ތަކެތި ހިފެހެއްޓުމުގައި ނުވަތަ ހުއްދަ ދިނުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުން.• ވިޔަފާރީގެ ގެއްލުން: ރެގިއުލޭޓަރީ ސާފުކަން ނެތުމުން، ޒިންމާދާރު ވިޔަފާރި ތަކަށް މާލީ ގޮތުންނާއި އަބުރުގެ ގޮތުން ގެއްލުން ވުމުގެ ފުރުސަތު އޮތުން. ހުށަހެޅުންތަކާއި ނިންމުން މި ގޮންޖެހުންތަކުން އަރައިގަތުމަށް އޮތް އެންމެ ދެމެހެއްޓެނިވި ހައްލަކީ، ޤާނޫނީ އޮނިގަނޑާއި، ސައިންޓިފިކް ހަގީގަތް ތަކުގެ އިތުރުން، އިސްލާމީ އަޚްލާގީ އަގުތަކުގެ (Religious Ethics) މައްޗަށް ބިނާ ވެފައި ވާ މުތަކާމިލް (Integrated) ސިޔާސަތެއް ތަންފީޒު ކުރުމެވެ. މި ގޮތުން، ރާއްޖޭގެ ދީނީ އަދި އިޖުތިމާއީ ފޭރާމާ އެއްގޮތް ވާނޭ ފަދަ 'ނޭޝަނަލް ސްޓޭންޑަޑެއް' އަވަސް މުއްދަތެއްގެ ތެރޭގައި އެކުލަވައިލުން މުހިންމެވެ. އެ މިންގަނޑުގައި ތިރީގައި ވާ ކަންކަން ހިމެނުން ލާޒިމެވެ. 1. ސާފު މާނަ ކުރުން: "0.0% އަލްކަހޮލް"، "އަލްކަހޯލް-ފްރީ" އަދި "ނޮން-އަލްކަހޮލިކް" މި ލަފުޒު ތަކުގެ ޤާނޫނީ މާނަ ކަނޑަ އަޅައި، އެއިން ކޮންމެ ބަހަކަށް ހުއްދަ ވާނެ އެންމެ މަތީ އެތަނޯލް މިންވަރު (Maximum ethanol threshold) އާއްމު ކުރުން.2. ޓެސްޓު ކުރުމުގެ ނިޒާމު: އިމްޕޯޓް ކުރާ މަރުހަލާގައި ހަރުދަނާ ގޮތެއްގައި ލެބޯޓްރީ ޓެސްޓުތައް ހަދައި، ލޭބަލާ އެއްގޮތަށް ތަކެތި ހުރި ކަން ކަށަވަރު ކުރުން.3. ބްރޭންޑިންގ ކޮންޓްރޯލް: އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން، ބަނގުރަލުގެ ބްރޭންޑު ތަކާއި ސިފަތައް ނަކަލު ކުރާ އުފެއްދުން ތަކަށް ޚާއްސަ "އެތިކަލް ގައިޑްލައިން" އެއް އެކުލަވައިލުން.4. ހެއިލުންތެރިކަން: ބައިނަލްއަޤްވާމީ ލޭބަލް ތަކުގެ ފަހަތުގައި ވާ ސައިންޓިފިކް ހަގީގަތް ތަކާ މެދު އާއްމުން ހެއިލުންތެރި ކުރުވުން. ނިންމާލަމުން ދަންނަވާނީ، މިއީ ހަމައެކަނި ބުއިމެއްގެ ރަހަ އާ ބެހޭ ކަމެއް ނޫނެވެ. މިއީ މުސްލިމު މުޖުތަމައެއްގެ އަމިއްލަވަންތަ ކަމާއި، އަޚްލާގީ ޙުދޫދު ތަކާއި، އަދި ކުރިމަގުގެ ޖީލުތައް ބަނގުރަލުގެ ނުރައްކަލުން ރައްކާތެރި ކުރުމާ ގުޅިފައިވާ ސީރިއަސް މައްސަލަ އެކެވެ. ސާފު ޤަވާއިދު ތަކެއް ނެތި މި ކަން ދޫކޮށްލުމަކީ، އަހުރެމެންގެ ދީނީ-އިޖުތިމާއީ ފޭރާމަށް ލިބޭނެ ބޮޑު އުނި ކަމެކެވެ. މަޞްދަރުތައް: • ކްރިޗްލޯ، އެން. އެޓް އަލް. (2025). ޑިވެލޮޕްމަންޓް އޮފް ދަ އަލްކަހޯލް-ފްރީ އެންޑް ލޯ-އަލްކަހޯލް ޑްރިންކްސް މާކެޓް އިން ގްރޭޓް ބްރިޓަން ފްރޮމް 2011 ޓު 2022. • އާކައިވް.އެމްވީ (2020). މޯލްޑިވްސް ކަސްޓަމްސް ރިކޯލްސް ބެވަރޭޖް ވިތު އަލްކަހޯލް ވޭޕަރ. [އާކައިވް ކުރެވިފައިވާ ލިޔުމެއް].• ޖީ.އެސް.އޯ (2021). ޖީ.އެސް.އޯ 2538:2021 : މެކްސިމަމް ރެސިޑިއު ލިމިޓްސް ފޯ އެތައިލް އަލްކަހޯލް (އެތަނޯލް) އިން ފުޑް.• މަޖެލިސް އުލަމާ އިންޑޮނޭޝިއާ - MUI (2022). ބިއަރ ޒީރޯ ޕަސެންޓް އަލްކަހޯލް، ކޭން އިޓް ބީ ހަލާލް ސެޓިފައިޑް؟• މަޖްލިސް އުގާމާ އިސްލާމް ސިންގަޕޫރު - MUIS (2025). އެތަނޯލް (އިންގްލިޝް). ފަތުވާ ރިސޯސް ޕޭޖް.• އެމް.އެފް.ޑީ.އޭ (2016). ނޭޝަނަލް ސްޓޭންޑަޑް ފޯ ލޭބަލިންގ ޕްރީޕެކޭޖްޑް ފުޑް (MFDA-FCD STAN 4-2014, Rev. 1–2016).• ޕައުޒީ، އެން. (2019). އެތަނޯލް ސްޓޭންޑަޑް އިން ހަލާލް ޑައިޓަރީ ޕްރޮޑަކްޓް އެމަންގް ސައުތުއީސްޓް އޭޝިއަން ކަންޓްރީސް.• ޔޫ.ކޭ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއަރ (2018). ލޯ އަލްކަހޯލް ޑިސްކްރިޕްޓަރސް ގައިޑަންސް.• ކަރިސްމަތިޔަވާތީ، ޑަބްލިއު. އެންޑް ސިހީތޭ، ޖޭ. (2023). ދަ އިންފްލުއެންސް އޮފް ބްރޭންޑް އިމޭޖް، ބްރޭންޑް އެވެއަރނަސް އެންޑް ކޮންސިއުމަރ އެޓިޓިއުޑް އޮން ދަ ޕަރޗޭސް ޑެސިޝަން އޮފް ނޮން-އަލްކަހޮލިކް ބީއަރސް ވިތު ޕަރޗޭސް އިންޓެންޓް އޭޒް އަ މީޑިއޭޓަރ ވޭރިއަބަލް.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ