ހުއްދަނެތި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުން މަންތާ އެއާ ޖޫރިމަނާކޮށްފި

ޓޫރިސްޓު ފެސިލިޓީސްތަކާއެކު, ޑޮމެސްޓިކް އެއާޕޯޓެއް ހިންގާ, ރ. އިފުރުގައި, އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ހުއްދަ ނެތި, ސީޕްލޭން ޕްލެޓްފޯމެއް އެޅި މައްސަލައިގައި, މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފިއެވެ. އީއާރުއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަންތާ އެއާއިން އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އަޅާފައިވަނީ, ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ ޚިލާފަށް، ކަމަށެވެ. އެ ގަވާއިދު ބުނާގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫޢުތައް، އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން ސްކްރީންކޮށް، އީއާރުއޭގެ ހުއްދަ ހޯދަންޖެހޭނެއެވެ. ނަމަވެސް، އެ މަރުޙަލާތައް ފުރިހަމަ ކުރުމަކާނުލައި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންގޮސްފައިވާ ކަމަށް އީއާރުއޭއިން ބުންޏެވެ. އެ މައްސަލަ އެ އޮތޯރިޓީން ބެލުމަށްފަހު، 20،000ރ. އިން މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ވަނީ މިދިޔަ އާދިއްތަ ދުވަހު ޖޫރިމަނާ ކޮށްފައި ކަމަށް އީއާރްއޭއިން ބުނެއެވެ. އަމިއްލަ ދިވެހި އެއާލައިނެއް ކަމަށްވާ މަންތާ އެއާއިން އަންނަނީ ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރު ކުރުމުގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ވެސް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ