އެދެމީހުންވެސް ކައިވެނިކުރީ ލޯބިވެގެން އުޅެފައެވެ. ފިރިމީހާއަކީ ތަނެއްގައި ވަޒީފާއަދާކުރާ ޒުވާނެކެވެ. އަނބިމީހާއަކީ މައިންބަފައިންގެ އަތުން ފައިސާކޮޅެއް ހޯދައިގެން ކުޑަވރެއްގެ އަމިއްލަ ވިޔަފާރިއެއް ހިންގާ އަންހެނެކެވެ.
ކައިވެންޏަށް 5 އަހަރުވީއިރު 2 އަހަރުގެ ދަރިއަކު އޮތެވެ. ފިރިމީހާ މަސައްކަތްކުރަނީވެސް އަނބިމީހާގެ ވިޔަފާރީގައެވެ. އެވިޔަފާރީގައި ބައިވެރިއަކަށް ހަދައިދިނުމަށް ފިރިމީހާ އައީ ތަކުރާރުކޮށް އެދެމުންނެވެ. އަނބިމީހާގެ ޖަވާބަކީ "މިހާރުވެސް ތިބާއަކީ ބައިވެރިއެކެވެ. އެހެންކަމަށްވާއިއރު ޙިއްޞާދާރަކަށްވާން ބޭނުންވާ ސަބަބެއް ނުވިސްނެއެވެ. ލިބޭ އާމްދަނީގެ ނިޞްބަތުން ކަލެއަށް ކަންކަން އެބަކޮށްދެމެވެ. މައިންބަފައިންނަށްވެސް އެޙީތެރިވަމެވެ. މަދުވެގެން ތިއައުޅެނީ ކޮންކަމެއްކަމެއް ނުއެނގެއެވެ."
އެއްދުވަހެކެވެ. އަނބިމީހާގެ އެކުވެރި، އޭނާ ފަދައިން ދިރިއުޅެން މަސައްކަތްކުރާ އަންހެނަކާއިއެކު މާލޭގެ އަގުބޮޑު ރެސްޓޯރަންޓަކަށް ކާންގޮސް އިށީންތަނުން ފެނުނީ ފިރިމީހާ އަންހެނަކާއިއެކު މޭޒެއްގައި އިންތަނެވެ. ދެމީހުން ދެމީހުންގެ އަތުގައި ފިރުމަނީއެވެ. ދޮންވެސް ދެނީއެވެ.
އަނބިމީހާ އަޅައިވެސް ނުލައެވެ. ފެނުނުކަމަށްވެސް ނުހަދައެވެ. ފިރިމީހާ ނުކުންނަންވެގެން ބިލްދައްކަން ކޭޝްކާޑުން ކަނޑަން އުޅެ ނުކެނޑުމުން ލިބުނު ޙައިރާންކަމުގައި ކާޑުސެންޓަރަށް ގުޅުމުން ބުނީ ކާޑުގެ ވެރިފަރާތާއި ގުޅުމަށެވެ. ލިބުނު ޙައިރާންކަމުގައި އަނބިމީހާއަށް ގުޅުމުން ބުނީ ކާޑުގެ އިތުރުން ގޭގެ ދޮރުތައްވެސް މިހާރު ހުންނާނީ ބްލޮކްކޮށްފައިކަމަށާއި ގެއަށް ދެން ނުވަދެވޭނެ ކަމަށެވެ. ފިރިމީހާ ބުނީ މިއުޅެނީ ހުޅުމާލޭގައި ކަމަށާއި އިރުކޮޅަކުން މާލެ ގޮސް ގެއަށްދާނެ ކަމަށެވެ. އަދި އޭނާގެ ކުށަކީ ކޮބައިތޯ ސުވާލުކުރުމުން އަނބިމީހާ ފޯނުކަނޑާލާފައި ފޮނުވީ ފިރިމީހާ ލޯބިވެރިއާއިއެކު އެތަނުގައި އިން ވީޑިއޯ ކްލިޕެކެވެ.
ލިބުނު ޙައިރާންކަމުގައި ރެސްޓޯރަންޓުތެރެއަށް ކަޅިހިންގައިލުމުން އަނބިމީހާ ފެނުނެވެ. ތެދުވެގެން ގޮސް އަނބިމިހާ އިން މޭޒުގައި އިށީންނަން އުޅުމުން އެކަން މަނާކޮށް ވެއިޓަރަށް ގޮވާގެނެސްފައި ބުންޏެވެ. "މިހުރީ އަހުރެންފިރިމީހާގެ ސިފައިގައި ހުރި މީހެކެވެ. ބޮޑަށް ވައްތަރީ ޖިންނިއަކާއެވެ. އަހުރެންގެ ފިރިމީހާ މިވަޤުތުވެސް ހުރީ ހުޅުމާލޭގައި ކަމަށްބުނިތާ 5 މިނިޓްވެސް އަދި ނުވާނެއެވެ. ޕީރިއަޑްވެފަ އިނީމަ އަހުރެންނަކަށް ނުކިޔެވޭނެއެވެ. މިހިރަ ފެންތަށްޓަށް އަލްޙަމްދާ ކުރުސިކިޔަވާފަ ނިކަން ޖިންނީގެ ގައަށް ޖަހއިދީބަލާށެވެ."
ވެއިޓަރުވެސް ވަރަށް ސްމާޓެވެ. ރުޤްޔާކުރާ މީހަކު އެބަގެންނަކަމަށް ބުނެ ގެނައީ ސެކިޔުރިޓީއެވެ. "ޖިންނި"ގެ ކިބައިން އެދުނީ "ރުޤްޔާކުރަން" ނުޖައްސައި ރީތިގޮތުގައި އަވަހަށް ނުކުމެގެން ދިއުމަށެވެ.
އޭނާ ނުކުމެގެން ދިއަތަން ފެނިގެން ލޯބިވެރިޔާވެސް ދާންއުޅުމުން ރެސްޓޯރަންޓުން އޭނާ ހިފެހެއްޓިއެވެ. ބިލްދައްކަން އެދުނެވެ. އޭނާއަށް ޖެހުނީ އެހެން ލޯބިވެރިއަކަށް ގުޅައިގެން ފައިސާ ޓްރާންސްފަރކުރުވާށެވެ.
މިހާރު މިއީ އެއިގެ 2 އަހަރު ފަހެވެ. ފިރިމީހާ ފަހަތުން ހިނގައި އާދޭސްކޮށް ސަލާންޖެހުމުން އެންމެ ކުޑަމިނުން މޫނުވެސް ދައްކާނުލައި ހުރެ ދެވަނަކައިވެނިކުރީއެވެ. ހުރިހާ ގޮތަކުންވެސް ކުރީގެ ފިރިމިހާއަށްވުރެ މާރަނގަޅު މީހަކާއެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ކިޔައިމިދިނީ ޖިންނި އަވަލި އިރު އަނބިމީހާއާއިއެކުގައި އިން އެކުވެރިޔާއެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އަނބިމީހާ ވަފާތެރިކަމާއިއެކު ޚިދުމަތްކުރަނިކޮށް މިގޮތަށް ބޭވަފާތެރިވާ ފިރިންނާއިމެދު ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށެވެ. ނަފްސާނީވާންޖެހެނީ މިގޮތަށް ޢަމލުނުކުރެވޭތީ ކަމަށެވެ.
- އަޒްލިފާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: މިއީ އަނބިމީހާ ވަފާތެރިކަމާއިއެކު ޚިދުމަތްކުރަނިކޮށް ބޭވަފާތެރިވާ ފިރިންނާއިމެދު ޢަމަލުކުރަން އެންމެ ރަނގަޅުގޮތް!: އަޒުލިފާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ