އިންތިޚާބަށް ކެއުމާއި ސައި ފޯރުކޮށްދޭނެ ބަޔަކު ހޯދަން އީސީން ދެވަނަ ފަހަރަށް އިއުލާނުކޮށްފި

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުވައްޒަފުންނަށް ބޭނުންވާ ކެއުމާއި ސައިގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ކުރިން ކުރި އިއުލާނު ބާތިލުކުރުމަށް ފަހު، އަލުން އިއްޔެ އިއުލާނުކޮށްފިއެވެ. އީސީން ބުނި ގޮތުގައި ކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހެޅި ބީލަންތައް ފުރިހަމަނުވާތީ، އެ ބީލަންތައް ބާތިލުކުރީއެވެ. އަދި، އެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރީއެވެ. "ވީމާ، ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން،" އީސީގެ އިއުލާނުގައި ބުނެފައިވެއެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ފަހެއްވާ ހޯމަ ދުވަހުގެ 14:45 ގައި އެ ކޮމިޝަން އޮފީސް ހުންނަ ޕޯޓް ކޮމްޕްލެކްސްގެ ފަސްވަނަ ފަންގިފިލާގައެވެ. އީސީން ބުނީ، ގަޑިޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށެވެ. އަދި، ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައި ކަމަށާއި، ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އިންތިޚާބުތަކާ ދިމާކޮށް އިންތިޚާބުތައް ނިމެންދެން މަސައްކަތްތައް ކުރުމަށް އީސީން އަބަދު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގައެވެ. އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނީ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ. މިހާރު ވަނީ މި އިންތިޚާބުގެ ފޯރި، ސިޔާސީ ޕާޓީތަކުގެ މެދުގައި ގަދަވަމުންނެވެ. ޚާއްސަކޮށް ޕާޓީތަކުގެ އެތެރޭގެ އިންތިޚާބަށް ވެސް މިހާރު ވަނީ ވާދަވެރިކަން ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ