ނަޖީބާއި ފިލައިގެން އުޅޭ ޖޯ ލޯއާ ގުޅުން އޮތް: ގާޒީ

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް (1އެމްޑީބީ)ގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ބަންދުކޮށްފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އެ މައްސަލައިގައި ފިލައިގެން އުޅޭ ފައިނޭންޝަރަކާ ގުޅުމެއް އޮތް ކަމަށް ކޯޓުން ބުނެފިއެވެ. އެ މައްސަލައިގައި 1އެމްޑީބީގެ އޮފިޝަލުންނާއި ފިލައިގެން އުޅޭ ފައިނޭންސާ ޖޯ ލޯ އޭނާއަށް އޮޅުވާލާފައިވާ ކަމަށް ނަޖީބު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ މައްސަލައިގައި މައިގަނޑު ދައުރެއް އަދާކޮށްފައިވާ ކަމަށް ބުނެ ޖޯ ލޯގެ މައްޗަށް އެމެރިކާގައި ވަނީ ދައުވާ އުފުލާފައެވެ. ނަމަވެސް އެކަމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުން ކުރިއަށްދާއިރު، ގާޒީ ކޮލިން ލޯރެންސް ސެކެރާ ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ގިނަ ހެކިވެރިން ލޯ ސިފަކުރީ ނަޖީބާ ގާތް ގުޅުމެއް އޮންނަ މީހެއް ގޮތަށް ކަމަށާއި 1އެމްޑީބީގެ މުއާމަލާތްތަކާ ގުޅޭ ގޮތުން ގިނައިން އިރުޝާދު ދިން އެޑްވައިޒަރެއްގެ ގޮތުގައި ކަމަށެވެ. ނަޖީބާއި 1އެމްޑީބީގެ ކަންކަމުގައި ނަޖީބުގެ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ލޯއާ ދެމެދު ވަރަށް ސާފު ގުޅުމެއް އޮތް ކަމަށް އެ ހެކިތަކުން އެގޭ ކަމަށް ގާޒީ ވިދާޅުވިއެވެ. މެލޭޝިއާ އާއި އެމެރިކާގެ ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނަޖީބު ވެރިކަމުގައި ހުންނަވައިގެން 2009 ވަނަ އަހަރު އުފެއްދެވި ދައުލަތުގެ ފަންޑެއް ކަމަށްވާ 1އެމްޑީބީ އިން ގާތްގަޑަކަށް 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވެއެވެ. ނަޖީބާއި ގުޅުން ހުރި އެކައުންޓްތަކަށް އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރު ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު، އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. 1އެމްޑީބީން ގާތްގަނޑަކަށް 2.2 ބިލިއަން ރިންގިޓް (539 މިލިއަން ޑޮލަރު) ގަވާއިދާ ހިލާފަށް ބަދަލުކުރި ކޮރަޕްޝަންގެ އިތުރު ހަތަރު ދައުވާއަކާއި މަނީ ލޯންޑަރިންގެ 21 ދައުވާއެއް ނަޖީބުގެ މައްޗަށް ސާބިތުވާ ކަމާމެދު ކޯޓުން ގޮތެއް ނިންމާނީ މިއަދުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަޖީބުގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ކޮންމެ ދައުވާއެއްގައި ވެސް ގިނަވެގެން 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އައުމުގެ އިތުރުން ތުހުމަތު ކުރެވޭ ނާޖާއިޒު ފައިދާގެ އަގުގެ ފަސް ގުނައާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ޚިޔާނާތުގެ މައްސަލައިގައި ނަޖީބުގެ މައްޗަށް ހިންގި ދިގު ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފައެވެ. އެހެންވެ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ނަޖީބު ހުންނަވަނީ ޖަލުގައެވެ. އެ މައްސަލައިގައި އޭނާއަށް ކުރި 12 އަހަރުގެ ޖަލު ހުކުމްގެ ދެބައިކުޅައި އެއްބައި މިދިޔަ އަހަރު ވަނީ ކުޑަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ