ބޮޑު ބޯޓު ދިގު މުއްދަތަކަށް ގްރައުންޑް، މޯލްޑިވިއަނަށް ގެއްލުންވާ ސަބަބު ހޯދަން އެދިއްޖެ

މޯލްޑިިވިއަންގެ ފްލީޓުގައި އޮންނަ އެންމެ ބޮޑު ބޯޓު، އެއާބަސް320 މަރުކާގެ ބޯޓު ދިގު މުއްދަތަކަށް ގްރައުންޑްކޮށް، އެ ބޯޓު ގެނައި ފަހުން މޯލްޑިވިއަންގެ ގެއްލުން ބޮޑުވާ ސަބަބު ސާފުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މި ކަމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ސިޓީއެއް ފޮނުއްވީ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހްމަދު ޝާކިރެވެ.
ތަފްސީލް - ޝާކިރު ފޮނުއްވި ސިޓީގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ކުއާޓަލީ މާލީ ރިޕޯޓްތަކުން، އެ ކުންފުނީގެ ގްރޮސް މާޖިން ޕްރޮފިޓް ނުވަތަ ފައިދާ އޮތް ވަރު ދަށްވަމުންދާ މިންވަރު ހިމެނެ އެވެ. އެގޮތުން:
2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: %44 ވަނީ ދަށަށްގޮސްފައި
2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: %35 ވަނީ ދަށަށްގޮސްފައި
2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު: %32 ވަނީ ދަށަށް ގޮސްފައި
2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރު: %24 ވަނީ ދަށަށް ގޮސްފައި
އެހެންވެ އައިލެންޑް އޭވިއޭޝަނުން 12 ކަމެއް ސާފުކުރަން ޝާކިރު އެދިވަޑައިގެންފައިވެ އެވެ. އެއީ:
 ގްރޮސް ޕްރޮފިޓް މާޖިން މިހާ ބޮޑަށް ދަށްވި ސަބަބާއި، ލިބޭ އާމްދަނީ އިތުރުނުވެ ހަރަދުތައް އިތުރުވަމުންދާ ސަބަބު އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ ކިހިނެއް ކަމާއި އެއާކްރާފްޓްތައް އެކަށީގެންވާ މިންވަރަށް ބޭނުންކުރެވޭތޯ؟
ޖުމްލަ ހަ މަސް ދުވަހު އެއާބަސް A320 ގްރައުންޑްކޮށް އަލުން ޚިދުމަތަށް ނެރެން މިހާ ދިގު މުއްދަތެއް ނެގި ސަބަބާއި މިހާ ދިގު މުއްދަތަކަށް މަތިންދާބޯޓު ގްރައުންޑްކުރުމުގެ ސަބަބުން ކިހާވަރެއްގެ އާމްދަނީއެއް ގެއްލިފައިވޭތޯ؟
ސެޕްޓެމްބަރު 10 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ޑާކާގައި އެ މަތިންދާބޯޓު ގްރައުންޑްކޮށްފައިވޭ؛ މި މުއްދަތުގައި ކުންފުންޏަށް ކިހާވަރެއްގެ ގެއްލުމެއް ލިބިފައިވޭތޯ؟
ޗައިނާގެ އޮޕަރޭޝަންތައް ބިނާވެފައިވަނީ ޗާޓަރު އެގްރިމެންޓްތަކެއްގެ މައްޗަށް؛ އެއާކްރާފްޓް ގްރައުންޑްކުރުމަށް ފަހު ޗައިނާއަށް ދަތުރުކުރުން މުޅިން ހުއްޓިފައިވާތީ، ޗާޓަރު އެގްރިމެންޓްތަކުގެ ނަތީޖާއަކީ ކޮބައިތޯ؟
އެއާކްރާފްޓް 18 ނޮވެންބަރުން 2 ޑިސެމްބަރަށް ސީ-ޗެކްއަށް ނަގަނީ މަތިންދާބޯޓުގައި ސީރިއަސް މައްސަލަތަކެއް ހުރެގެންތޯ؟ މިހާ ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް މަތިންދާބޯޓު ގްރައުންޑްކުރަން ޖެހެނީ ކީއްވެ؟
މިވަރުގެ ބޯޓެއް އޮޕްޓިމަމް މިންވަރަށް ބޭނުންކުރުމަށް މަހަކު 360 ގަޑިއިރު ދަތުރުކުރަން ޖެހުނު ނަމަވެސް މިހާތަނަށް އެވްރެޖްކޮށް ހާސިލުކޮށްފައިވަނީ 121 ގަޑިއިރު؛ ޗައިނާ ޗާޓަރުގެ އޮޕަރޭޝަންތައް ގާތްގަނޑަކަށް ނެތުމާ އެކު، މި މައްސަލަ ހައްލުކުރަން ކުންފުނިން ރާވާފައިވަނީ ކިހިނެއްތޯ؟
މި ވަރުގެ އެއް ބޯޓު އެކަށޭނަ ވަރަކަށް ބޭނުން ކުރެވިފައި ނެތް އިރު ދެވަނަ ބޯޓެއް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެނައުމަށް އިއުލާންކުރި؛ މިހާ ބޮޑު ގެއްލުންތަކެއް ލިބެމުންދާ އޮޕަރޭޝަނެއް ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ ކިހިނެއް؟
ކުންފުނީގެ އަހަރީ ގެއްލުންތައް 500 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވޭ؛ ދެވަނަ މަތިންދާބޯޓު ގެނައުމާ އެކު މި އޮޕަރޭޝަނަށް ޓެކްސް ދައްކާ ފަރާތްތަކުގެ ކިހާވަރެއްގެ ފައިސާއެއް ބޭކާރުވެގެންދާނެތޯ؟
 މި އަހަރުގެ ނިޔަލަށް ކުންފުންޏަށް ލިބިފައިވާ ޖުމްލަ ގެއްލުމަކީ ކިހާވަރެއްތޯ؟
މި ޕްރޮޖެކްޓަށް ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާއިން، 'ދައުލަތުން' ކިހާވަރެއްގެ ހޭދައެއް ކޮށްފައިވޭތޯ؟ 
ބޮޑު ބޯޓަށް މަހަކު 350,000 އެމެރިކާ ޑޮލަރުގެ ލީޒް ހޭދައެއް ކުރެވޭއިރު މުވައްޒަފުންނާއި އޮޕަރޭޝަންތަކުގެ ހޭދަތައް ވެސް އަދި އެބަ އޮތް؛ ކުންފުނިން މިހާ ބޮޑު އަދަދެއް ފައިނޭންސް ކުރަނީ ކިހިނެއްތޯ؟
 ކުއާޓަރީ މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، 2024ގެ ހަތަރުވަނަ ކުއާޓަރާއި 2025ގެ ފުރަތަމަ ކުއާޓަރގައި ވިއްކުމާއި މާކެޓިންގެ ހޭދަތަކަށް ވަރަށް ބޮޑު އަދަދެއް ހޭދަކޮށްފައިވެ އެވެ. މި ހޭދަތައް މިހާ ބޮޑީ ކީއްވެތޯ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ