ގާޒާ ހިންގާ ބޯޑުގައި ހިމެނުމަށް ޕުޓިން އާއި މޯދީ އަށް ޓްރަމްޕް ދައުވަތު ދެއްވައިފި

ގާޒާ ހިންގަން ޓްރަމްޕް އެކުލަވާލެއްވި 'ގާޒާ ބޯޑު އޮފް ޕީސް' ގައި ހިމެނިވަޑައިގަތުމުގެ ދައުވަތު ޕުޓިން، މޯދީ އަދި ލުހަސެންކޯ އަށް ޓްރަމްޕް ދެއްވައިފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ދައުވަތު ލިބިވަޑައިގެންނެވިކަން އިންޑިއާގެ އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުން މީޑިއާގައި ހާމަ ކުރައްވާފައި ވާއިރު، އެ ދައުވަތު މޯދީ ގަބޫލު ކުރެއްވިކަން އަދި ހާމަ ކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެ ބޯޑުގައި ހިމެނުމަށް މޯދީގެ އިތުރުން ދައުވަތު ލިބިވަޑައިގެންނެވީ ކޮންބޭފުޅުންނަކަށްތޯ އޮފިޝަލުން ސުވާލު ކުރައްވާފައި ވެއެވެ.
މިއަދު ރަޝިއާގެ އޮފިޝަލުން ވިދާޅުވީ، އެ ބޯޑުގައި ހިމެނިވަޑައިގަތުމުގެ ދައުވަތު ރައީސް ވްލަޑިމިއާ ޕުޓިން އަށް ލިބިވަޑައިގެންފައި ވާ ކަމަށާއި، އެ ދައުވަތާ ގުޅިގެން ސާފުކުރަން ހުރިކަންކަން ސާފުކުރަމުން ދާ ކަމަށެވެ. ނަމަވެސް އެ ބޯޑުގައި ޕުޓިން ބައިވެރިވެވަޑައިގަންނަވާނެ ކަމާމެދު އޮފިޝަލުން ކޮމެންޓެއް ނުކުރައްވައެވެ.
ހަބަރުތައް ބުނާގޮތުން މި ބޯޑުގައި ބައިވެރިވުމުގެ ދައުވަތު ރަޝިއާގެ އެކުވެލި ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުހަސެންކޯއަށް ވެސް ވަނީ ލިބިވަޑައިގެންފައެވެ. އެކަމުގެ މާބޮޑޫ ތަފްސީލެއް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.
ޓްރަމްޕް އިސްވެ ޗެއާ ކުރައްވާގޮތަށް އެކުލަވާލައިފައިވާ މި ބޯޑުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި، ވޯލްޑްބޭންކުގެ ރައީސް އަޖޭ ބަންގާ އާއި އެޕޯލޯ ކުންފުނީގެ ވެރިޔާ ބިލިއަނަރު މާކް ރޯވަން ފަދަ ބޭފުޅުން ހިމެނެއެވެ.
ގާޒާ ޕީސް ބޯޑުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ޓްރަމްޕް، ޕުޓިން އަށް ދެއްވި އިރު، ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ކުރާ ހަނގުރާމަ ހުއްޓުވާލުމުގައި ޓްރަމްޕަށް ކުރިފަސް ހޯއްދެވިފައެއް ނުވެއެވެ. ވެރިކަމަށް ވަޑައިގެންނެވި އިރު 24 ގަޑިއިރުތެރޭގައި އެ ހަނގުރާމަ ހުއްޓުވާނެ ކަމަށް ވިދާޅުވި ޓްރަމްޕް މިހާރު އެވާހަކައެއް ނުދައްކަވައެވެ. މިހާރު ދައްކަވާ ވާހަކަ އަކީ، ޔޫކްރައިން އަށް ނޭޓޯ ކަހަލަ ސެކިއުރިޓީ ގެރެންޓީއެއް އެމެރިކާއިން ދޭން ތައްޔާރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ