ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއުތަކެއް ނިންމައި، އެ ހޮސްޕިޓަލުގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއި އާ އިމަޖެންސީ ރޫމް (އީއާރު) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ވިދާޅުވީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ނާޒިމާ އަލީއެވެ.
ރައީސް އޮފީހުން ބުނީ، އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ މުހިންމު އެއް ހޮސްޕިޓަލް ކަމަށެވެ. މިއަދު ހުޅުވުނު ޑައިލިސިސް އެކްސްޓެންޝަން އިމާރާތާއެކު، އެއްފަހަރާ 9 މީހުންނަށް ޑައިލިސިސްގެ ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި އާ އިމަޖެންސީ ރޫމްގެ ހިދުމަތް ފަށާފައިވަނީ 6 އެނދާއެކުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގެ ތެރެއިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައިސޮލޭޝަން ފެސިލިޓީގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ. މި ފެސިލިޓީގެ ބިންގާ އަޅުއްވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އައިސޮލޭޝަން ފެސިލިޓީއަކީ އެ ސަރަހައްދުގެ ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ތަނެއް ކަމަށާއި އެ އިމާރާތުގައި ޕްރައިވެޓް ރޫމްތަކާއި، 800 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެއްގެ އިތުރުން ކޮންވަޓިބަލް ކަރަންޓީނު ފެސިލިޓީއެއް ހިމެނޭނެ ކަމަށް ރައިސް އޮފީހުން ބުނެއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ހެލްތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހިދުމަތްތައް ފެށުމަކީ ހދ. އަތޮޅާއި ތިލަދުންމަތީގެ ރައްޔިތުންނަށް ސިއހްީ ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑައިލިސިސް އެކްސްޓެންޝަން އިމާރާތް މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ