އިމާރާތްކުރުމުގެ ސާމާނު ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްކުރަނީ

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބުނެފިއެވެ. ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ފޮރިން މިނިސްޓަރު ޑރ. ޢަބްދުالله ޚަލީލް ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެ ވާހަކައާ ގުޅުވައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އަންނަ ދަތިތައް ސަރުކާރުން ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ އިސްވެރިންނާ މަޝްވަރާކުރަމުން އަންނަ ކަމަށާއި، އެ އެސޯސިއޭޝަނުގެ ހުށަހެޅުންތައް ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް، ސަޢީދު ވިދާޅުވިއެވެ. "ދާދިފަހުން މަސީގެ އިސް ފަރާތްތަކާއެކުވެސް މި މަޝްވަރާ ފުޅާ ދާއިރާއެއްގައި ކޮށް، އެ ފަރާތުގެ ހުށަހެޅުންތަކެއްވެސް ރައީސް އުފެއްދެވި ކްރައިސިސް ކޮމިޓީގެ ސަމާލުކަމަށް [އައިސްފައިވޭ، އޭގެ ތެރެއިން] ބައެއް ކަންކަން ހިއްސާކުރެވި، ކުރިއަށް މި އޮތް ދެ ތިން ދުވަހު މަޝްވަރާކުރުމަށް ރޭވިފައިވާކަން ފާހަގަކުރަން،" ސަޢީދު ވިދާޅުވިއެވެ. މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން: އިމާރާތްކުރުމުގެ ސާމާނު ލިބުމުގެ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ ކަމަށް މިނިސްޓަރުން ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް ކޮންސްޓްރަކްޝަނަށް ބޭނުންވާ ތަކެތީގެ އިތުރުން އަސާސީ ކާބޯތަކެއްޗާއި ބޭހާއި ކޮންސްޓްރަކްޝަން ސާމާނު މެދުނުކެނޑި ފޯރުކޮށްދޭން އެސްޓީއޯއާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް، ސަޢީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އަސާސީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނާއި ތެލުގެ ރިޒާވް ގާއިމްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ފާހަގަކުރެވޭ ގޮތުގައި، ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ސިމެންތީގެ އަގު ވަރަށް ބޮޑަށް އުފުލި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. "ސަން" އާ ވާހަކަދެއްކި ކޮންސްޓްރަކްޝަން ދާއިރާގެ ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، މިހާރު ބާޒާރުގައި ސިމެންތީގެ އަގުތައް ހުރީ ކުރިއާ އަޅާބަލާއިރު ދެގުނަ މަތީގައެވެ. ކުރިން 100 ރުފިޔާއަށްވުރެ ހެޔޮކޮށް ލިބެން ހުރި ސިމެންތި ބަސްތާއެއްގެ އަގު މިހާރު ވަނީ 200 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ. https://sun.mv/219677 މި ބަދަލާއެކު އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ. ރާއްޖެއަށް އެންމެ ފުޅާދާއިރާއެއްގައި ސިމެންތިއާއި ހިލަވެލި އެތެރެކުރާ ސަރުކާރުގެ ކުންފުންޏަކީ އެސްޓީއޯއެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި އެސްޓީއޯއިން ބާޒާރަށް ނެރޭ މުދަލުގެ މިންވަރު މަދުވާނަމަ، އަމިއްލަ ވިޔަފާރިތަކަށް އޮންނަ ޑިމާންޑް ބޮޑުވެ، އަގުތައް އުފުލުމަށް މެދުވެރިވެއެވެ. ރާއްޖެއަކީ އިމާރާތްކުރުމަށް ބޭނުންވާ ސާމާނު މައިގަނޑު ގޮތެއްގައި އިންޑިއާ، ޔޫއޭއީ، ޕާކިސްތާން އަދި ވިއެޓްނާމް ފަދަ ގައުމުތަކުން އިމްޕޯޓުކުރާ ގައުމެކެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ހިލައާއި ވެލި އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާއިންނެވެ. ބާޒާރުގައި ތަކެތީގެ އަގު މިހާ ބޮޑަށް އުފުލުމަކީ އާންމު ފަރުދުން ކުރާ އިމާރާތްކުރުމުގެ މަސައްކަތްތަކަށާއި ސަރުކާރުގެ މަޝްރޫއުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ