ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރަން މިހާރަށް ވުރެ ލުއި ގޮތްތަކެއް އަންނަ މަހުން ފެށިގެން ހަމަޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ 'ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަން'އެއްގެ މަސައްކަތްތައް އިމިގްރޭޝަނުން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.
"މިއަދު ލިބުނު މައުލޫމާތުގައި އަޅުގަނޑުމެންނަށް އެ ބޭފުޅުން [އިމިގްރޭޝަނުން] އަންގާފައިވަނީ 1 އޭޕްރީލުން ފެށިގެން ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ އެކްސްޓެންޝަނަކަށް ތައްޔާރުވެގެން ހުޅުވާލާނެ ކަމަށް،" ތޯރިގު ވިދާޅުވި އެވެ.
ތަފްސީލު - ތޯރިގު ވިދާޅުވީ މިހާރު އޮންނަ ގޮތުން އެކަމަށް ދިގު މުއްދަތެއް ހޭދަވާ ކަމަށާއި އެޕްލިކޭޝަން ފޯމާ އެކު ބައިވަރު ލިޔެކިޔުންތައް ވެސް ހުށަހަޅަން ޖެހޭ ކަމަށެވެ.
ނަމަވެސް އަލަށް ގެންނަ ލުއިތަކާ އެކު މިނިސްޓަރު ވިދާޅުވީ އިމިގްރޭޝަންގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް، ވިސާގެ ފޮޓޯއެއް ފޮނުވައި ފީ ދެއްކުމުން 48 ގަޑިއިރުގެ ތެރޭގައި ވިސާގެ މުއްދަތު އިތުރުކޮށްދޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދޭ ކަމަށެވެ.
"މިއީ ވަރަށް ބޮޑު ކުރިއެރުމެއް، މިވަގުތު ރާއްޖޭގައި ތިބި ޓޫރިސްޓުންނަށް،" ތޯރިގު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މެދުއިރުމަތީގެ ހަމަނުޖެހުންތައް މިފަހުން ފެށިއިރު ރާއްޖެއަށް އައިސް ތިބި ބައެއް ފަތުރުވެރިންގެ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ނުފުރި، ރާއްޖޭގައި ތާށިވި އެވެ.
އެގޮތަށް ތާށިވި ފަތުރުވެރިންގެ ވިސާގެ މުއްދަތު އޭރު އިމިގްރޭޝަނުން ވަނީ އިތުރުކޮށްދީފަ އެވެ. މިހާރު އޮންނަ ގޮތުން ރާއްޖެއިން ފަތުރުވެރިންނަށް އޮން-އެރައިވަލް ވިސާ ދެނީ 30 ދުވަހަށެވެ. އަދި އެ މުއްދަތު އިތުރުކުރަން އޮންލައިންކޮށް ހުށަހެޅެ އެވެ.
ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރަން އޭޕްރީލުން ފެށިގެން ލުއި ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ